"ގޯލްޑް 100"ގެ އެންމެ ފަހުގެ ތައްޔާރީތައް ވަނީ!

2016 ވަނަ އަހަރު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ގޯލްޑް 100 ގާލާގެ ތެރެއިން --- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

އަންނަ ބުރާސްފަތި ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވަން ހަމަޖެހިފައިވާ ގޯލްޑް 100 ގާލާގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ގެންދާ ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެފިއެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ، ބަނޑޮހުގައި އޮންނަ އެ ގާލާގައި، ކުންފުނިތަކުން 100 އަށް ވުރެ ގިނަ އިސްވެރިން ބައިވެރިވާނެ ކަމުގެ ކޮންފަމޭޝަން ލިބިފައިވާ ކަމަށެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން ބުނި ގޮތުގައި، ގޯލްޑް 100 ގާލާ ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ އެކްސްކްލޫސިވް ވިޔަފާރި ނެޓްވޯކިންގް އިވެންޓަށެވެ.

ރާއްޖޭގެ ވިޔަފާރި އަދި ހޮސްޕިޓާލިޓީ މެގަޒިންއެއް ކަމަށްވާ ކޯޕަރޭޓް މޯލްޑިވްސްއިން، ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުނި މިހާރު ވަނީ ހޮވާފައެވެ. އެ 100 ކުންފުނި އިއުލާނުކުރާނީ އިނގިރޭސި އަކުރުގެ ތަރުތީބުންނެވެ.

މި އަހަރު ގޯލްޑް 100ގެ ޓައިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ.

މިއަހަރުގެ ގޯލްޑް 100 ގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސައިފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)، ދިރާގު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި އެމްސެވަން ޕްރިންޓާސްއެވެ.

މިއަހަރުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސައިފައިވަނީ، ޕަބްލިކް ސާވިސް މީޑިއާ، ސަން އޮންލައިން، އަވަސް އޮންލައިން، މޯލްޑިވްސް އިންސައިޑާ އަދި ކޯޕަރޭޓް މޯލްޑިވްސްއެވެ.

އެންމެ ކާމިޔާބު ވިޔަފާރިތައް ފާހަގަކޮށް އެ ވިޔަފާރިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ގޯލްޑް 100 އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް