މާދަމާގެ ހާއްސަ ޖަލްސާއަށް ޕީޕީއެމްއާއި އެމްޑީއޭ މެމްބަރުން ތައްޔާރު: ނިހާން

މެމްބަރު ރިޔާޒު(ކ)، ނިހާން އަދި ޕީޕީއެމްގެ ނައިބު ރައީސް އަދުރޭ(ވ)---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ދެޕާޓީ، ޕީޕީއެމްއާއި އެމްޑީއޭގެ މެމްބަރުން ތިބީ ތައްޔާރަށް ކަމަށް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ 9:00ގައި އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ މިއަދު ބުނެފައެވެ. ނަމަވެސް އެ ޖަލްސާއާ ގުޅޭ އެއްވެސް ތަފުސީލެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނީ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރުމަށް ފަހު މެމްބަރުންނަށް އަންގާނެ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން، މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ އޮންނަ ހާއްސަ ޖަލްސާއަށް ޕީޕީއެމް އާއި އެމްޑީއޭގެ މެމްބަރުން ތިބީ ތައްޔާރަށް ކަމަށާއި ﷲގެ އިރާދަފުޅާއެކު ޚާއިނުންގެ ކިބައިން ދިވެހި ގައުމު ދިފާއުކުރުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ކަނޑައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ވެސް ވަނީ މާދަމާގެ ޖަލްސާއަށް ދައުވަތު ފޮނުވައިފައެވެ.

މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމާފައިވާއިރު، ސަރުކާރުން މި މަހުގެ ފަސްވަނަ ވަނަ ދުވަހު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންގާރަ ދުވަހުގެ ރެއަށް ހަމަވާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 15 ދުވަހަށެވެ.

މިއާއެކު މަޖިލިހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް މިމަހުގެ ފަސް ވަނަ ދުވަހު ބާއްވަން ތާވަލު ޖަލްސާ ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކުރެވިފައެވެ.

ބެލެވޭ ގޮތުގައި މާދަމާ އޮންނަ ހާއްސަ ޖަލްސާއަކީ ކުއްލި ނުރައްކަލު ހާލަތާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއެކެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި، އެ ހާލަތު އިއުލާނުކުރާތާ 48 ގަޑިއިރުތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މަޖިލީހުގެ ދައުރުން ބޭރުގައި ނަމަ، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ގޮތެއް ނިންމަން ޖެހެއެވެ.

comment ކޮމެންޓް