ވެއްޓުނު އީރާނުގެ ބޯޓުގައި ތިބި އެންމެން ވަނީ މަރުވެފައި: އެއާލައިން

ރިޕޯޓުތަކުގައިވާ ގޮތުން މިއަދު ވެއްޓިފައި ވަނީ އީރާނުގެ އާސްމާން އެއާލައިންސްގެ ބޯޓެއް -- ފޮޓޯ: ގެޓީ

ތެހެރާން (ފެބްރުއަރީ 18): އީރާނުގައި މިއަދު ވެއްޓުނު ބޯޓުގައި ތިބި އެންމެން މަރުވެފައިވާ ކަމަށް އެބޯޓު ނިސްބަތްވާ އާސްމާން އެއާލައިނުން ބުނެފި އެވެ.

އެ އެއާލައިންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އޭޓީއާރު 500-72 މަރުކާގެ ބޯޓު ވެއްޓިފައި ވަނީ 66 މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. އޭގެ ތެރޭގައި 60 ފަސިންޖަރުންނާއި ހަ ކުރޫ މެމްބަރުން ހިމެނޭ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުންޏެވެ.

އީރާނުގެ ވެރިރަށް ތެހެރާން އިން ޔަސޫޖްއަށް ދަތުރު ކުރަމުން ދިޔަ އެބޯޓު ވެއްޓިފައި ވަނީ ޔަސޫޖްއާ 80 ކިލޯ މީޓަރު އުތުރުގައި އޮންނަ ސަމީރޮމް ސިޓީއަށެވެ. އަދި އެސަރަހައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން ރެސްކިއު ޓީމުގެ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުންޏެވެ.

އެބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާ އިރު އީރާނުން ވަނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އީރާނާ ދެކޮޅަށް ގިނަ އަހަރުތަކެއް ވަންދެން އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ކޮމާޝަލް ޕެސެންޖާ ފްލައިޓުތައް ވަނީ ދުވަސްވެފަ އެވެ. އެގޮތުން މިއަދު ވެއްޓުނު ބޯޓަކީ ބޭނުން ކުރާތާ 20 އަހަރުވެފައިވާ ބޯޓެއް ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

ގިނަ އަދަދެއްގެ މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް މިމަހު އިތުރު ބޯޓެއް ވެސް ވެއްޓިފައިވެ އެވެ. އެގޮތުން މިމަހުގެ 11 ވަނަ ދުވަހު 71 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ރަޝިއާގެ ބޯޓެއް ވެއްޓި، ބޯޓުގައި ތިބި އެންމެން ވަނީ މަރުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް