ވިޑިޗް މި މަސްތެރޭގައި އިންޑިއާއަށް އަންނަނީ

ނެމެންޖާ ވިޑިޗް ޔުނައިޓެޑް ޖާޒިގައި --- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޑިފެންޑަރު ނެމެންޖާ ވިޑިޗް މި މަސްތެރޭގައި އިންޑިއާއަށް އަންނަން ހަމަޖެހިއްޖެއެވެ.

ވިޑިޗް އިންޑިއާއަށް ގެންނަން ހަމަޖައްސައިފައިވަނީ އިންޑިއާގެ ފުޓުބޯޅަ އިދާރާ، އޯލް އިންޑިއަން ފުޓުބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އިން ކުރިއަށް ގެންދާ 'ދަ ފުޓްބޯލް މޫމަންޓް' ގެ ތިންވަނަ ކޮންފަރެންސްގެ ހާއްސަ މެހެމާނެއްގެ ގޮތުންނެވެ.

'ދަ ފުޓްބޯލް މޫމަންޓް'އަކީ 2015 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އޭއައިއެފްއެފްއާއި އިނގިރޭސި ޕްރިމިއާ ލީގާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ކޮންފަރެންސެކެވެ. އެ ކޮންފަރެންސް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދެ ފަހަރެއްގެ މަތިން ކުރިއަށް ގެންގޮސްފައިވާއިރު، އިންޑިއާގެ ވިޔަފާރިވެރިންނާއި އިންޑިއަން ސުޕަލީގާއި އައިލީގުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުގެ އިސްވެރިންވެސް ކޮންފަރެންސްގައި ބައިވެރިވެއެވެ.

މިއަހަރުގެ ކޮންފަރެންސް މިމަހުގެ 22 އިން 23 އަށް މުމްބާއީގައި ކުރިއަށް ގެންދިޔުމަށް ހަމަޖައްސައިފައިވާއިރު، ވިޑިޗްގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ މެނޭޖިން ޑިރެކްޓަރު ރިޗާޑް މާސްޓާސްވެސް ކޮންފަރެންސްގައި ބައިވެރެވެ ވަޑައިގަންނަވާނެއެވެ. މީގެ އިތުރުންވެސް އިންޑިއާގެ އެންމެ ބޮޑު ލީގު ކަމަށްވާ އިންޑިއާ ސުޕަ ލީގުގެ ޑިރެކްޓަރުންނާއި ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންވެސް ދެ ދުވަހުގެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

'ދަ ފުޓްބޯލް މޫމަންޓް'ގައި ވިޑިޗް ވާހަކަ ދައްކަން ހަމަޖެހިފައިވާއިރު، އެނާ ހިއްސާ ކުރާނީ ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާއެވެ. އޭނާވަނީ 2006 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑަށް ކުޅެފައެވެ. 2014 އިން 2016 ވަނަ އަހަރާ ހަމައަށް އިޓަލީގެ އިންޓަ މިލާނަށް ކުޅުމަށްފަހު ވިޑިޗްވަނީ އޭނާގެ ރިޓަޔާމަންޓް އިއުލާންކޮށްފައެވެ.

comment ކޮމެންޓް