މާދަމާގެ ޖަލްސާއަށް 12 މެމްބަރުންނަށްވެސް ދައުވަތު އަރުވައިފި

ގޮނޑިގެއްލިފައިވާ ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ކަނޑައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ވެސް މާދަމާގެ ޖަލްސާއަށް ދައުވަތު އަރުވައިފިއެވެ.

ގޮނޑި ގެއްލުނުކަމަށް ކުރިން ނިންމާފައިވާ ބައެއް މެމްބަރުންވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދީފައެވެ.

އަދި ޓްވިޓާގައިވެސް ބައެއް މެމްބަރުން ވަނީ އެކަން ހިއްސާކޮށްފައެވެ. އެގޮތުން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވަނީ މަޖިލީހުން އެނާއަށް ފޮނުވާފައިވާ މެސެޖުވެސް ޓްވީޓު ކުރައްވައިފައެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެ އަމުރާ ގުޅިގެން މަޖިލީހުގެ އަމީން އާންމުކަމުގައި އޭރު ހުންނެވި އަހްމަދު މުހައްމަދު ވިދާޅުވީ އެ މެމްބަރުން ޖަލްސާތަކުގައި ބައިވެރިވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބޭރުން ބާއްވާ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމާފައިވާއިރު، މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ނަމަވެސް އެ ޖަލްސާއާ ގުޅޭ އެއްވެސް ތަފުސީލެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެއެވެ.

މަޖލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމާފައިވާއިރު، ސަރުކާރުން މި މަހުގެ ފަސްވަނަ ވަނަ ދުވަހު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންގާރަ ދުވަހުގެ ރެއަށް ހަމަވާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 15 ދުވަހަށެވެ.

ބެލެވޭ ގޮތުގައި މާދަމާ އޮންނަ ހާއްސަ ޖަލްސާއަކީ ކުއްލި ނުރައްކަލު ހާލަތާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއެކެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި، އެ ހާލަތު އިއުލާނުކުރާތާ 48 ގަޑިއިރުތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މަޖިލީހުގެ ދައުރުން ބޭރުގައި ނަމަ، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ގޮތެއް ނިންމަން ޖެހެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ނެރުއްވާފައިވާ ގަރާރަށް މަޖިލީހުން ރުހުން ދޭންޖެހެއެވެ. މަޖިލީހަށް އެ ގަރާރު ބާތިލުކުރުމުގެ ބާރުވެސް އޮންނަ އިރު، އެ ގަރާރުގެ މުއްދަތު އިތުރުކުރެވޭނީވެސް މަޖިލީހުގެ ރުހުމާ އެކުގައެވެ.

މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް މިމަހުގެ ފަސް ވަނަ ދުވަހު ބާއްވަން ތާވަލު ޖަލްސާ ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކުރެވިފައެވެ.

comment ކޮމެންޓް