ގްރޭސް މުގާބޭއަށް ދިން ޕީއެޗްޑީއާ ގުޅިގެން ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ހައްޔަރުކޮށްފި

ޒިމްބާބުވޭގެ ކުރީގެ ފަސްޓް ލޭޑީ ގްރޭސް މުގާބޭ -- ފޮޓޯ: އީޕީއޭ

ހަރާރީ (ފެބްރުއަރީ 18): ޔުނިވާސިޓީ އޮފް ޒިމްބާބުވޭއިން އެގައުމުގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުންނަށް ދިން ޕީއެޗްޑީއާ ގުޅިގެން އެޔުނިވާސިޓީގެ ވައިސް ޗާންސެލަރު ހައްޔަރުކޮށްފި އެވެ.

ޒިމްބާބުވޭގެ އެންޓި ކޮރަޕްޝަން އޭޖެންސީން ވައިސް ޗާންސެލަރު ލެވީ އެންޔަގުރާ ހައްޔަރު ކުރީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ގްރޭސްގެ މައްޗަށް ދައުވާ ކުރާނެ ކަމަށް އެއޭޖެންސީން ނުބުނެ އެވެ.

ގްރޭސް މުގާބޭއަށް 2014 ވަނަ އަހަރު ދިން ޕީއެޗްޑީގެ ސައްހަ ކަމާ މެދު ސުވާލު އުފެދުނީ ޔުނިވާސިޓީއާ ގުޅުނުތަކާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާ އަށް ޕީއެޗްޑީ ދިނުމުންނެވެ. އަދި ޔުނިވާސިޓީގެ އެހެން ދަރިވަރުންނެކޭ އެއްފަދައިން ގްރޭސްގެ ތީސިސް އޮންލައިންކޮށް ޕަބްލިޝް ނުކުރުމުންނެވެ.

އެތީސިސް ވަނީ ގްރޭސް ޕީއެޗްޑީ ހާސިލު ކުރެއްވިތާ ހަތަރު އަހަރު ފަހުން، މިދިޔަ މަހު ޕަބްލިޝްކޮށްފަ އެވެ.

ގްރޭސްއަށް ޕީއެޗްޑީ އެރުވީ އޭރު ޔުނިވާސިޓީގެ ޗާންސެލަރުގެ ގޮތުގައި ހުންނެވި ރައީސް މުގާބޭ އެވެ. އަދި ގްރޭސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ފެއްޓެވުމުން ޑޮކްޓަރޭޓް ލަގަބު ބޭނުން ކުރައްވަން ފެއްޓެވި އެވެ.

މުގާބޭ ވެރިކަން ކުރައްވާތާ 37 އަހަރު ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް