މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ނަމަވެސް އެ ޖަލްސާއާ ގުޅޭ އެއްވެސް ތަފުސީލެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނީ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރުމަށް ފަހު މެމްބަރުންނަށް އަންގާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ކަނޑައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ވެސް ވަނީ މާދަމާގެ ޖަލްސާއަށް ދައުވަތު ފޮނުވައިފައެވެ.

މަޖލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމާފައިވާއިރު، ސަރުކާރުން މި މަހުގެ ފަސްވަނަ ވަނަ ދުވަހު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންގާރަ ދުވަހުގެ ރެއަށް ހަމަވާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 15 ދުވަހަށެވެ.

މިއާއެކު މަޖިލިހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް މިމަހުގެ ފަސް ވަނަ ދުވަހު ބާއްވަން ތާވަލު ޖަލްސާ ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކުރެވިފައެވެ.

ބެލެވޭ ގޮތުގައި މާދަމާ އޮންނަ ހާއްސަ ޖަލްސާއަކީ ކުއްލި ނުރައްކަލު ހާލަތާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއެކެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި، އެ ހާލަތު އިއުލާނުކުރާތާ 48 ގަޑިއިރުތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މަޖިލީހުގެ ދައުރުން ބޭރުގައި ނަމަ، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ގޮތެއް ނިންމަން ޖެހެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ނެރުއްވާފައިވާ ގަރާރަށް މަޖިލީހުން ރުހުން ދޭންޖެހެއެވެ. މަޖިލީހަށް އެ ގަރާރު ބާތިލުކުރުމުގެ ބާރުވެސް އޮންނަ އިރު، އެ ގަރާރުގެ މުއްދަތު އިތުރުކުރެވޭނީވެސް މަޖިލީހުގެ ރުހުމާ އެކުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް