ބޭލްއާއި ހަޒާޑް ބަދަލުކުރަން ރެއާލްއިން ތައްޔާރު!

ގެރެތު ބޭލްއާއި އެޑިން ހަޒާޑް ގައުމީ ޓީމުގެ ޖާޒީގައި --- ފޮޓޯ/ ގެޓީ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ވިންގާ ގެރެތު ބޭލްއާއި ޗެލްސީގެ ބެލްޖިއަމް މިޑްފީލަޑު އެޑިން ހަޒާޑް ބަދަލުކޮށްލަން ރެއާލް ތައްޔާރުކަމަށް ސްޕެއިންގެ ނޫސްތަކުން ބުނެފިއެވެ.

ސްޕެއިންގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ 'ޑޮން ބަލޮން' އިން ބުނެފައިވަނީ ބޭލްގެ ބަދަލުގައި ހަޒާޑް ގެންނަން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ބޭލްގެ އިތުރުން 100 މިލިއަން ޕައުންޑް ޗެލްސީއަށް ދީގެންވެސް އެ ޑީލް ނިންމުމަށް ރެއާލް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީއަށް ކުޅެމުންދާ ހަޒާޑަކީ ރެއާލް މެޑްރިޑުން ގިނަ ދުވަސްތަކެއް ކުރިން ފެށިގެން ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. އަދި ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންވެސް ވަނީ ހަޒާޑަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ޒިދާންގެ ތައުރީފަށް ރައްދު ދެމުން ހަޒާޑްވެސް ވަނީ ރެއާލްގެ އޮފާއެއް ލިބިއްޖެނަމަ އެކަމަށް ވިސްނާނެ ކަމަށް ބުނެފައެވެ.

ދުނިޔޭގެ ރެކޯޑު ފީއެއްގައި ޓޮޓެންހަމްއިން ރެއާލްއަށް ބަދަލުވި ބޭލްވަނީ ރެއާލްއާއެކު މޮޅު ކުޅުމެއް ދައްކައިފައެވެ. އެހެން ނަމަވެސް މިދިޔަ ދެ ސީޒަންގައި ބޭލްއަށް ވަނީ ބޮޑެތި އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ސަބަބުން ބޭލްގެ ފޯމު ރަނގަޅުވެފައި ނުވާއިރު، އޭނާ މިވަގުތު ހުރީ ރެއާލް ދޫކޮށްލަން ބޭނުންވެފައި ކަމަށްވެސް 'ޑޮން ބަލޮން'އިން ރިޕޯޓުކޮށްފައިވެއެވެ.

ޗެލްސީގެ އިތުރުން އިނގިރޭސި ކްލަބު ޔުނައިޓެޑުންވެސް ބޭލްއަށް ފާރަލަމުންދާއިރު، އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑުން ބޭލް ގެންދަން މަސައްކަތް ކުރުންވެސް ގާތެވެ.

comment ކޮމެންޓް