އާ ހިތްވަރަކާ އެކީ އަޒަލް އައިޑަލްގެ ސީޒަން ތިނަކަށް

އާއިޝަތު އަޒަލް ޒާހިރު---

އެ މޫނަކީ ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ފްރެންޗައިޒް ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑަލްއަށް އާ މޫނެއް ނޫނެވެ.

ވޭތުވެދިޔަ ދެ ސީޒަންގައި ވެސް އެ މޫނު އައިޑަލް އިން ފެނިފައިވާނެ އެވެ. ފުރަތަމަ ސީޒަނުގެ އޮޑިޝަނުން ކެޓި ނަމަވެސް ދެވަނަ ސީޒަންގައި އޭނާ ދެވަނަ ބުރަށް ދިޔައެވެ. އެ ހިސާބުން އޭނާ ޖެހުނީ ދެވަނަ ސީޒަނަށްވެސް އަލްވަދާއު ކިޔާށެވެ.

އެއީ މޯލްޑިވިއަން އައިޑަލް ގެ ތިން ސީޒަނުގެ އޮޑިޝަނުން ފެނިގެން ދިޔަ އާއިޝަތު އަޒަލް ޒާހިރެވެ.

ނަލަ އަޑަކުން "ކީ ފަހު މަށަށް ރަން" ކިޔައި، ހަތަރު ޖަޖުންގެ އާނ ބަހާއެކު އަޒަލް މި ފަހަރުވެސް ދެވަނަ ބުރަށް ދިޔައެވެ. އާ އުންމީދަކާ، އާ ހިތްވަރަކާ އެކީއެވެ.

އައްޑޫ އޮޑިޝަންގެ ބައިވެރިވި އަޒަލް ގޯލްޑަން ޓިކެޓް ހިފައިގެން ދެވަނަ ބުރަށް ދިޔަ އިރު އައިޑަލްއަށް އާންމު މޫނުތަކެއް ރޭގެ އޮޑިޝަނުން ފެނިގެން ދިޔައެވެ.

އައިޑޮލްގެ ފުރަތަމަ ބުރުން ފެނިގެން ދިޔަ ޝަހުދާނާއި، މިދިޔަ އަހަރު އައިޑޮލް ޝޯގައި ބައިވެރިވި މީސަމްގެ އިތުރުން އަލްޔާ ވެސް ރޭގެ ޝޯއިން ފެނިގެން ދިޔައެވެ.

ހެއްވާ މަޖާ ކަންތައްތަކެއް އައިޑަލްއިން ރޭވެސް ފެނިގެން ދިޔައެވެ.

ޖަޖުންގެ ޕެނަލްގައި ހިމެނެނީ ކުރީ ދެ ސީޒަންގައިވެސް ޕެނަލްގައި ހިމެނުނު މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާންގެ އިތުރުން، މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާއެވެ.

އައިޑަލްގެ ހޯސްޓުންގެ ގޮތުގައި މި ސީޒަންގައި ހަރަކާތްތެރިވާނީ މޫސާ ވަސީމް އަދި ޝައިނާ ޝަރީފެވެ.

comment ކޮމެންޓް