ވީއޭއާރް މިހާރަށްވުރެ ފައްކާކުރަން ޖެހޭ: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ --- ފޮޓޯ/ ގެޓީ

ވީޑިއޯ އެސިސްޓެންޓް ރެފްރީ މިހާރަށްވުރެ ބޮޑަށް ފައްކާކުރަން ޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނެފައިވަނީ އިނގިރޭސި އެފްއޭ ކަޕުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ހަޑަލްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

"ވީއޭއާރަކީ އަދި ފުރިހަމަ އެއްޗެއް ނޫން. އޭގައި ހުރި ހުރިހާ ކަމެއް ޖެހޭނީ ދަސްކުރަން. ރަނގަޅު ކުރަން ޖެހޭ ކަންކަން ބަލައި، ރަނގަޅު ކޮށްގެން ވީއޭއާރް ފައްކާ ކުރަން ޖެހޭ،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑުން ރޭގެ މެޗުގައި 2-0 ގެ ނަތީޖާއަކުން ހަޑަލްސްފީލްޑް ބަލިކުރިއިރު، މެޗުގައި ޔުނައިޓެޑްގެ މިޑްފީލްޑަރު ހުއާން މަޓާ ޖެހި ގޯލައެއް ވީއޭއާރްގެ އެހީގައި ރެފްރީވަނީ އޮފްސައިޑް ކަމަށް ނިންމައިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މަޓާ ބުނެފައިވަނީ ގޯލް ޖަހައި އުފާފާޅުކޮށްވެސް ނިމުނު ފަހުން، ގޯލައެއް ނޫން ކަމަށް ނިންމުމުން ކުޑަކޮށް ލަދު ގަތް ކަމަށާއި، އެހެން ނަމަވެސް ވީއޭއާރަކީ ފުޓުބޯޅައިގައި އިންސާފުވެރި ނިންމުންތަކަށް ކޮންމެހެންވެސް ބޭނުންވާ އެއްޗެއް ކަމަށެވެ.

މޮރީނިއޯ އާއި މަޓާ ވީއޭއާރާ އެއްކޮޅު ނަމަވެސް ހަޑަލްސްފީލްޑުގެ ކޯޗު ޑޭވިޑް ވެގްނާވަނީ ވީއޭއާރާ މެދު އޭނާގެ ނުރުހުން ފާޅުކޮށްފައެވެ.

"ވީއޭއާރާ އަހަރެން ދެކޮޅު. އަހަރެންގެ ޓީމާ އެއްކޮޅަށް ނިންމުން ނިމުނީ. އެހެންވިޔަސް ވީއޭއާރަކީ މެޗުތަކުގެ އެމޯޝަން ދުއްވާލާ އެއްޗެއް. އެކަމަކު ވީއޭއާރާ މެދު ގޮތް ނިންމާނީ އަހަންނެއް ނޫން،" ވެގްނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވީއޭއާރް އަދި ބޭނުން ނުކުރި ނަމަވެސް ޓްރަޔަލްއެއްގެ ގޮތުގައި އެފްއޭ ކަޕުގެ މެޗުތަކުގައި ވީއޭއާރް ބޭނުންކުރަން އިނގިރޭސި އެފްއޭއިން ވަނީ ނިންމައިފައެވެ. ފީފާގެ މުބާރާތްތަކުގެ އިތުރުން ޖަރުމަން ބުންޑަސްލީގާ އަދި އިޓަލިއަން ސެރެއާ އޭގަވެސް މިހާރު ވީއޭއާރު ދަނީ ބޭނުން ކުރަމުންނެވެ.

comment ކޮމެންޓް