އިދިކޮޅުން މަސައްކަތްކުރަނީ ރައީީސް ޔާމީން ގެންނަވާ ތަރައްގީގެ އަޑު ކަނޑުވާލަން: މިނިސްޓަރު ތޯރިގު

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައީީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހި ގައުމަށް ގެންނަވަން މަސައްކަތްކުރައްވާ ތަރައްގީގެ އަޑު ކަނޑުވާލަން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިފަހުން އުފެދުނު ސިޔާސީ ހަލަބޮލިކާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ފުނޑާލަން ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.

"ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް ނަޝީދަކީ އެބޭބޭފުޅުންގެ ވެރިކަމުގައި ރާއްޖެއަށް ގެންނަން ޖެހޭ ތަރައްގީ އެންމެ ފުރިހަމަ ގޮތުގައި ގެނައުމުގެ ޒިންމާ އަދާކުރެވުނު ފަރާތްތަކެއް ނޫން. އެހެންކަމުން މިވަގުތު ހެޔޮ ފާލަކަށް އޮތް ރާއްޖޭގެ އިގްތިސާދު ފުން ވަޅުގަނޑަކަށް ވައްޓާލުމަށް އިދިކޮޅުން އެ މަސައްކަތް ކުރަނީ. އެ ފުރުސަތެއް މި ސަރުކާރަކުން ނުދޭނަން." މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ވެރިކަން ވައްޓާލުމަށް ޝަރުއީ ނިޒާމުގެ ތެރެއިން ބަޣާވާތްކުރުމުގެ ފިނޑި އަމަލުތަކެއް އިދިކޮޅު ފަރާތްތަކުން ކުރުމުގެ ބަދަލުގައި އިންހިތާބާ މިހާ ކައިރިވެފައި އޮއްވައި، ވޯޓުން އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުމުގެ ފުރުސަތު އެ ފަރާތްތަކަށް އެބަ އޮތް ކަމަށެވެ.

"ރައީސް ޔާމީން ކަންކަން ކުރައްވަނީ ކަމަށް ގާބިލު ކަންކަން ކުރެވޭ މީހުން ގޮވައިގެން. މަގުމަތިން ގެންނަން މަސައްކަތްކުރި ބަޣާވާތާއި އޭގެ ސަބަބުން އައި ސިޔާސީ ހަލަބޮލިކަމުން ގައުމާއިގެން ކުރިއަށްދާން އަޅުގަނޑުމެންނަށް ލިބުނީ އިތުރު ހިތްވަރަކާއި ފަންވަރެއް." ތޯރިގު ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މަގުތަކުގައި މުޒާހަރާ ކުރާ ފަރާތްތައް އެކަން ހުއްޓާލަން ޖެހޭނެ ކަމަށާއި އެ އަމުރު މިހާރު އޮތީ ތަންފީޒު ކޮށްފައި ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި ސަރުކާރުން އެއްވެސް ހުރަހެއް އަޅާފައެއް ނެތް. ދައުލަތް ހިންގަން ބުރޫއަރާފާނެ ފަދަ ކަންކަން ބާތިލުކޮށްފައި ސުޕްރީމް ކޯޓުން އެ އޮތީ އަނެއްކާ އަމުރެއް ނެރިފައި. އެހެންވީމާ މިހާރު ތަބާވާވާން ޖެހޭނީ އެ އަމުރަށް." ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް