މެމްބަރު އަލީ ހުސައިން މިރޭ ފުލުހަށް ހާޒިރު ކުރަނީ

ކެންދޫ ދާޢިރާގެ މެންބަރު އަލީ ހުސައިން ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ބ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓް ހަވާލުކޮށްފިއެވެ.

އަލީ ހުސައިން އަށް ޗިޓު ހަވާލުކޮށްފައިވަނީ ރޭ އިދިކޮޅު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ފުލުސް އޮފީހަށް ގެންގޮސް ދޫކޮށްލުމުގެ ކުރިންނެވެ.

އެނގިފައިވާގޮތުގައި އަލީ ހުސައިން ފުލުސް އޮފީހަށް ހާޒިރުކުރަނީ ރޭ މާލެ ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ފުލުސް އޮފީހަށް ހާޒިރުވާން އަލީ ހުސައިނަށް އަންގާފައިވަނީ މިރޭ 10:00 އަށެވެ.

އަލީ ހުސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޗާންދަނީމަގު-މަޖީދީމަގު ޖަންކްޝަން ކައިރިންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ ރޭ ކުރި މުޒާހަރާ ނިމުނުތަނާހެންނެވެ.

އަލީ ހުސައިން ދޫކޮށްލީ ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ ގަޑިއިރުތަކެއް ވަންދެން ބެހެއްޓުމަށް ފަހު އެވެ.

ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ފަށާފައި ވަނީ އެމްޑީޕީ ހަރުގެ ކައިރިންނެވެ. މުޒާހަރާ ކުރިއަށްދިޔަ އިރު މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ މަސައްކަތް ކޮށްފަ އެވެ. މެންދަމު ބާރަ ޖެހުމުން ޕެޕާ ސްޕްރޭ ޖެހުމަށް ފަހު މުޒާހަރާ ވަނީ ރޫޅާލައިފަ އެވެ.

ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ވެސް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ އެބޭފުޅުން ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް