ރަޝިއާއިން އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާތައް ދޮގުކޮށްފި

ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ފެބްރުއަރީ 18): ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެ ގައުމުގެ 13 މީހަކާ ދެކޮޅަށް އެފްބީއައި އިން ކުރި ދައުވާތައް ރަޝިއާ އިން ދޮގުކޮށްފި އެވެ.

ޖަރުމަނުގައި އޮތް ސެކިއުރިޓީ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ވަނީ އެ މައްސަލައާ ގުޅިގެން އެމެރިކާ އިން ކުރަމުންދާ ދައުވާތަކާއި ނެރެމުންދާ ބަޔާންތައް އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް ސާބިތު ކުރެވޭ ފަދަ ހެކި ނުދެއްކޭ ނަމަ އެ ދައުވާތަކަކީ "އެއްވެސް ބަރުދަނެއް ނެތް ހުސް ވާހަކަތައް" ކަމަށް ވިދާޅުވެފަ އެވެ.

ހުކުރު ދުވަހު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުގެ ސްޕެޝަލް ކައުންސެލް ރޮބަޓް މުލާ ރަޝިއާގެ އޮފިޝަލުންނާއި ކުންފުނިތަކާ ދެކޮޅަށް ކުރެއްވި ދައުވާތަކުގައި ވަނީ، ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ޓަކައި 2014 ވަނަ އަހަރު އެތައް މިލިއަން ޑޮލަރުގެ އޮޕަރޭޝަނެއް ލޯންޗު ކުރި ކަމަށެވެ.

އަދި 2016 ވަނަ އަހަރު އެކެމްޕެއިނުން އިސްކަން ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފައިދާވާ ގޮތަށް އަދި ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަންއަށް ތާއިދު ގެއްލޭ ގޮތަށް ހަބަރު ފެތުރުމަށް ކަމަށް އެދައުވާތަކުގައިވެ އެވެ.

އެދައުވާތަކާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ އޭނާގެ ކެމްޕެއިނާއި ރަޝިއާ އިން ގުޅިގެން މަސައްކަތް ނުކުރާ ކަމަށް އަނެއްކާ ވެސް ވިދާޅުވެފަ އެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އެފްބީއައިއިން ވަނީ ޓްރަމްޕްގެ ކުރީގެ ކެމްޕެއިން މެނޭޖަރު ޕޯލް މެނަފޯޓާއި އޭނާގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކެލް ފްލިންގެ މައްޗަށް ދައުވާކޮށްފަ އެވެ. އަދި ފްލިން ވަނީ 2016 ވަނަ އަހަރު ރަޝިއާގެ އެމްބެސެޑަރަކާ އެކު ބޭއްވެވި ބައްދަލުވުމާ ބެހޭ ގޮތުން އެފްބީއައިއަށް އިތުރުފުޅު ހެއްދެވި ކަމަށް އިއުތިރާފުވެފަ އެވެ.

އެމެރިކާ ސަރުކާރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޓްރަމްޕް އެތަހުގީގަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. (ބީބީސީ)

comment ކޮމެންޓް