"ކަސޯޓީ ޒިންދަގީ ކޭ" ވެސް އަލުން އުފައްދަނީ؟

ކަސޯޓީ ޒިންދަގީ ކޭ އަލުން އުފައްދަނީ---

"ކަސޯޓީ ޒިންދަގީ ކޭ" އަކީ ދިވެހިން ވެސް އެއް ޒަމާނެއްގައި ވަރަށް ފޯރިއާ އެކު ބެލި ހިންދީ ޑްރާމާ ސީރީޒް އެކެވެ.

ކަސޯޓީ އަށް ލޯބި ކުރާ މީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. އެކްތާ ކަޕޫރުގެ އެންމެ މަގްބޫލުވި ޑްރާމާ ކަސޯޓީ އަލުން އުފައްދަން އުޅޭ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފި އެވެ.

"ސަތާރަ އަހަރަށް ފަހު އަހަރެން އަނެއްކާ ވެސް އަލުން ސްކްރީނަށް މި ގެންނަނީ. އަމިއްލަ އަށް ތަޖުރިބާ ކުރަން ޖެހުނު ކަންތައްތަކާ އެކީ. އެއީ ނުވަ އަހަރު ވަންދެން ޓީވީ އިން ދެއްކި އަހަރެންގެ އެންމެ ކާމިޔާބު ލޯބީގެ ވާހަކަ،" އެކްތާގެ މެސެޖުގައި ބުނެފައިވެ އެވެ.

އެކްތާގެ މެސެޖުގައި ކަސޯޓީ އަލުން އުފައްދަން އުޅޭ ކަމަށް ސީދާ ބުނެފައި ނުވި ނަމަވެސް ފިލްމާ ބެހޭ މައުލޫމާތު އެނގޭ މީހުން ބުނަނީ އެ މެސެޖުން އެކްތާ ކަސޯޓީ ސިންދަގީ ކޭ އުފައްދަން އުޅޭ ކަމަށެވެ.

ޑްރާމާ ސިލްސިލާގައި ހަރަކާތްތެރިވާނެ މީހުންގެ ނަންތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އޭނާގެ މެސެޖުގައިވެ އެވެ.

"ކަސޯޓީ ޒިންދަގީ ކޭ"ގެ ލީޑް ރޯލު ކުޅުނީ ޝްވޭތާ ތިވާރީ އާއި ސިޒާން ހާނެވެ. އެ ޑްރާމާ ސިލްސިލާ އަކީ 2001ގައި ދައްކަން ފެށި ޝޯ އެކެވެ.

ދާދި ފަހުން އެކްތާ ވަނީ އޭނާގެ ފިލްމި "ލައިލާ މަޖްނޫން" ވެސް އަލުން ސްކްރީނަށް ގެންނަން އުޅޭ ކަމަށް އިއުލާންކޮށްފަ އެވެ.

މައުލޫމާތު: ޒޫމް

comment ކޮމެންޓް