ބާސާއިން ރެކޯޑާ ހަމަކޮށްފި

މެޗުގައި ގޯލްތައް ކާމިޔާބުކުރި ޝުއަރޭޒްއާއި އަލްބާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗު ކާމިޔާބުކޮށް، އެ ކްލަބުން ލަލީގާގައި ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑު ދަމަހައްޓައިފިއެވެ.

މި ސީޒަންގެ ލީގުގައި ބާސާއިން ކުޅުނު 24 މެޗުންވެސް ބަލިވެފައިނުވާއިރު، ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން 2010-11 ވަނަ އަހަރުގެ ސީޒަންގައިވެސް ބާސާއިންވަނީ ބަލިނުވެ ލީގުގައި މި އަދަދަށް މެޗު ހަމަކޮށްފައެވެ.

ރަށުން ބޭރުގައި ރޭ އެއިބާއާ ދެކޮޅަށް ބާސާއިން ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި އެއިބާއިން ބާސާއަށް ނުރައްކާކުރި ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގައި ބާސާއިންވަނީ ލީޑު ނަގައިފައެވެ. ލިއޮނަލް މެސީގެ ރީތި އެސިސްޓަކާއެކު އެޓީމަށް ލީޑު ނަގައިދިނީ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒްއެވެ.

ޝުއަރޭޒްގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ނިމިފައިވާއިރު، ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިފައިވެއެވެ.

ދެވަނަ ހާފްގައި ބާސާއަށްވަނީ އިތުރު ޗާންސެއް ލިބިގެން ގޮސްފައެވެ. އެޓީމުގެ ތަރި މެސީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލްގެ ދަނޑިއެވެ.

ބާސެލޯނާގެ މެސީ ބޯޅައާއެކު އޭރިއާ ތެރެއަށް ވަނުމުން އެއިބާގެ ކީޕަރު އޭނާއަށް ހުރަސް އަޅަނީ --- ފޮޓޯ/ އޭޕީ

އެއިބާ އިން މެޗަށް އެނބުރި އައުމަށް ކުރަމުން ދިޔަ މަސައްކަތުގެ ހުރަހަކަށްވީ މެޗުގެ 66 ވަނަ މިނެޓުގައި އެޓީމުގެ ފޯވަޑް ފަބިއަން އޮރެއްލާނާއަށް ދެއްކި ރަތްކާޑާއެކު ކުޅުންތެރިއަކު މަދުވުމުންނެވެ. އެއިބާ އިން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ބާސާއިންވަނީ މެޗުގެ 88 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. އެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޯޑީ އަލްބާއެވެ.

މި ހަފްތާގެ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ބާސާއިން ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގު މެޗު މި ހަފްތާގައި އޮތް ނަމަވެސް ބާސާގެ މުހިއްމު ކުޅުންތެރިއަކަށް ކޯޗު އާނެސްޓޯ ވަލްވާޑޭ ރެސްޓް ދީފައެއް ނުވެއެވެ.

comment ކޮމެންޓް