ކީޕަރު ކޮޗީއާއެކު ވެލެންސިއާއަށް ޒުވާން ބިދޭސީ ކުޅުންތެރިންތަކެއް

ޖުން ކޮޗީ ގްރީން ސްޓްރީޓްސްއަށް ކުޅެނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކީޕަރު ޖުން ކޮޗީއާއެކު ޒުވާން ބިދޭސީ ތިން ކުޅުންތެރިއެއް ކްލަބު ވެލެންސިއާއާ ގުޅިއްޖެއެވެ.

ކީޕަރު ކޮޗީގެ އިތުރުން ދެން ވެލެންސިއާއާ ގުޅިފައިވަނީ ފޯވަޑަކާއި މިޑްފީލްޑަރެއް އަދި ޑިފެންޑަރެކެވެ. ވެލެންސިއާއާ ގުޅުނު މިޑްފީލްޑަރާއި ފޯވަޑްގެ އިތުރުން ޖަޕާން ކީޕަރު ޖުން ކޮޗީ އިއްޔެ ރާއްޖެ އައިސްފައިވާއިރު ޑިފެންޑަރު މިއަދު މާލެ އަންނާނެ ކަމަށް ވެލެންސިއާއިން 'ސަން ސްޕޯޓްސް' މައުލޫމާތު ދީފައިވެއެވެ.

ޖުން ކޮޗީއަކީ 2016 ވަނަ އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެ މިދިޔަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްގެ ގޯލުވެސް ބެލެހެއްޓި ކީޕަރެވެ. އޭނާ ގްރީންއަށް ކުޅުނީ މިހާރު ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ގެ އިރުޝާދުގެ ދަށުންނެވެ.

ވެލެންސިއާއާ ގުޅުނު ފޯވަޑަކީ އުމުރުން 25 ސަރްގޭ ޑްރީގާއެވެ. ސަރްގޭއަކީ ޔުކުރެއިންއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އޭނާވަނީ ޔުކުރެއިންގެ ދެވަނަ ޑިވިޝަންގައި ކުރިން ކުޅުނު އެފްސީ ޑައިނަމޯ ކެމެލްނަޓްސްކީީއަށް ކުޅެފައެވެ.

ސަރްގޭ ޑްރީގާ (ކ) އޭނާއާއެކު ކުޅުނު ކުޅުންތެރިއަކާއެކު --- ފޮޓޯ/ މީސް މީޑިއާ

ސަރްގޭއާއެކު ދެން އިއްޔެ މާލެ އައިސްފައިވަނީ މިޑްފީލްޑަރު ވަލޭރީ ރިޝީންއެވެ. އޭނާއަކީ އުމުރުން 23 އަހަރުގެ ޔުކުރެއިން ކުޅުންތެރިއެކެވެ. ވަލޭރީވަނީ ޒުވާން އުމުރުގައި ޔުކުރެއިންގެ ފުރަތަމަ ޑިވިޝަން، ޔުކުރެއިން ޕްރިމިއާ ލީގުގެ ކްލަބުތައް ކަމަށްވާ ޝަކްތާރު ޑޮނެސްކާއި މަރިއޮޕޯލް ފަދަ ކްލަބުތަކުގައި ފަރިތަކޮށްފައެވެ. 2015 ވަނަ އަހަރުން ފެށިގެން ވަލޭރީ ކުޅެފައިވަނީ ޔުކުރެއިން ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ހޮވަރުލޯ އުޒަރޮދަށެވެ. އޭނާ ވަނީ އޭޓީމާއެކު ލީގު މެޗުތަކުގައި ފެނިގެން ގޮސްފައެވެ.

މި ސީޒަނަށް ތައްޔާރުވަމުން އަންނަ ވެލެންސިއާއާ މިއަދު ގުޅޭނެ ޑިފެންޑަރަކީ އުމުރުން 21 އަހަރުގެ ކިރިގިސްތާން ޑިފެންޑަރު އައިޑާ މަމްބެޓަލީވް އެވެ. އައިޑާ އެންމެފަހުން ކުޅެފައިވަނީ ކިރިގިސްތާނުގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލްގާ ބިޝްކެކަށެވެ. އޭނާ ވަނީ އަލްގާ ބިޝްކެކާއެކު އޭއެފްސީ ކަޕުގައިވެސް ކުޅެފައެވެ.

ކިރިގިސްތާން ޑިފެންޑަރު އައިޑާ މަމްބެޓަލީވް (ވ) --- ފޮޓޯ/ މީސް މީޑިއާ

ވެލެންސިއާއިން ވަނީ ލޯކަލް ގިނަ ކުޅުންތެރިންތަކެއްގެ ސޮއިވެސް ހޯދައިފައެވެ. މި ސީޒަންގައި ވެލެންސިއާއަށް އިރުޝާދު ދޭނީ ކުރިން ގައުމީ ޓީމުގެ ޑިފެންޑަރު، އަދި މިދިޔަ ސީޒަންގައި ގްރީން ސްޓްރީޓުގެ ކޯޗު ސޮބާއެވެ.

comment ކޮމެންޓް