އަލްޝާލީ މެރިންއިން ލަގްޒަރީ ލޯންޗެއް ނެރެފި

އަލްޝާލީ މެރިންއިން އަލަށް ނެރުނު ލަގްޒަރީ ލޯންޗު -- ފޮޓޯ/ އަލްޝާލީ މެރިން

އަލްޝާލީ މެރިން މޯލްޑިވްސް (އޭސްމެރިން) އިން މަތީ ފަންތީގެ މާކެޓަށް އަދި ރިސޯޓްތަކުގެ ގެސްޓުން އުފުލުމަށް ހާއްސަ ލަގްޒަރީ ލޯންޗެއް ނެރެފިއެވެ.

އޭސްމެރިންއިން އިއްޔެ ނެރުނު އެ ލަގްޒަރީ ލޯންޗަކީ "މަޖްލާން 45" ގެ ނަމުން ނަން ދީފައިވާ 12 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

އެ ލޯންޗް ފަރުމާކޮށްފައިވަނީ އެންމެ އަރާމު ސީޓުތަކާއެކު ފުލް އޭސީ ކޮށެވެ. އެތެރޭގެ ސީލިންގުގައި ނޫކުލައިގެ ލެޑް ބޮކިތަކުން ޖަރީކޮށްފައިވާއިރު ދަތުރުކުރާ މީހުންނަށް ލޯންޗުގެ ހިތްގައިމުކަން ލިބިގެންދާނެއެވެ.

ތިން އައުޓްބޯޑުގެ އިންޖީނުލާފައިވާ އެ ލޯންޗަކީ ކަނޑުގައި ދުއްވުމަށް އެންމެ އެކަށޭނެ ގޮތަށް ބަނދެފައިވާ ރާޅުތަކުގެ ސަބަބުން ތެޅުވުން ކުޑަ، ކަނޑަށް ފަށްސިތަ(ސްޓޭބަލް) ލޯންޗެކެވެ.

ހުވަފެންފުއްޓަށް ބަނދެފައިވާ އެ ލޯންޗަކީ ރިސޯޓުތަކުން ގެސްޓުން އުފުލުމުގެ އިތުރުން މަސް ދަތުރު، އައިލެންޑް ހޮޕިން، އަދި ކޯމަސްތައް ބަލާލަންދާންވެސް އެންމެ އެކަށޭނެ ލޯންޗެކެވެ.

އޭސްމެރިންއިން ބުނީ އެ ލޯންޗަކީ އިޓަލީ ވިލާތުގެ ފަރުމާއަކަށް ބަނދެފައިވާ ލޯންޗެއް ކަމަށާއި، އޭގެ އިތުރު މޮޑެލްތައް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް