ފްލެޓް ލިސްޓް ލީކެއް ނުވޭ، އެއީ އޮޅުވާލުމެއް: މުއިއްޒު

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ރާއްޖޭގެ އިތުރު ހަތް ރަށެއްގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން އެޅި 1500 ފްލެޓް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ހުޅުމާލެއިން ދޫކުރި ފްލެޓްތައް ލިބުނު މީހުންގެ ނަން ހިމެނޭ ލިސްޓެއް ހައުސިން މިނިސްޓްރީ ތެރެއިން ލީކުވެފައި ނުވާ ކަމަށާއި، އެއީ ބަޔަކު އޮޅުވާލަން ހަދައިގެން އުޅޭ ލިސްޓެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަލަށް ފްލެޓް ލިބުނު މީހުންގެ ލިސްޓް ހައުސިން މިނިސްޓްރީން އާންމުކޮށްފައިވަނީ ހަމައެކަނި ލިބުނު ޕޮއިންޓާއި ފޯމް ނަންބަރު ޖެހުމަށް ފަހުގައެވެ. ނަމަވެސް އެކެއް ފެބުރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާއެކު ގައުމު ހަލަބޮލިވި ދަނޑިވަޅުގައި ފްލެޓް ލިބުނު މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވަނީ އާންމުވެފައެވެ.

އެ ލިސްޓާ ގުޅިގެން ހައުސިން މިނިސްޓަރު މުއިއްޒުއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ވަނީ އެކަން ދޮގުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެފަދަ ކަމެއް ނުކުރާނެ ކަަމަށާއި އެއީ ކަނޑައެޅިގެން އޮޅުވާލުމެއް ކަމަށެވެ.

"އެފަދަ ލިސްޓެއް ނޯންނާނެ ހައުސިން މިނިސްޓްރީއަކު. އަދި އެއީ މިނިސްޓްރީ ތެރެއިން ލީކުވި އެއްޗެއް ނޫން. އެއީ ހަގީގަތާ ހިލާފް ވާހަކައެއް،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

އަލަށް ދޫކުރި ފްލެޓްތަކަކީ ތިން ކޮޓަރިއާއެކު އެޓޭޗްޑް ފާހާނާ ހިމެނޭ ފްލެޓްތަކެކެވެ. ދެ ކެޓަގަރީއަކުން ފްލެޓް ދޫކޮށްފައިވާއިރު ކެޓަގަރީ އެކަކުން 500 މީހުންނަށް ފްލެޓް ލިބުނެވެ. ކެޓަގަރީ އެކެއްގައި ހިމެނޭ މީހުންނަކީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނެވެ.

ކެޓަގަރީ ދޭއްގައި ހިމެނެނީ ގިނަ ދުވަހު މާލޭގައި ދިރިއުޅޭ، އަތޮޅުތަކުގެ މީހުންނެވެ. އެ ކެޓަގަރީން 161 މީހުންނަށް ފްލެޓް ލިބުނެވެ. މި ފްލެޓްތަކުގެ ކުއްޔަކީ މަހަކު 6000 ރުފިޔާއެވެ. ޑައުން ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25000 ރުފިޔާއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭ 167 އާއިލާއަކަށް މިފަހަރު ފްލެޓު ލިބިފައިވާ ކަމަށް ހައުސިން މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް