ބައެއް ނޫސްވެރިން މަގުމައްޗަށް ނެރެގެން އިދިކޮޅުން ކުޅެނީ ފިލްމެއް: އަދުރޭ

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު މުޒާހަރާތައް ކަވަރު ކުރުމަށް ބައެއް ނޫސްވެރިން ނެރެގެން އިދިކޮޅު ފަރާތްތަކުން ކުޅެނީ ފިލްމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ އިދިކޮޅުން ނޫސްވެރިން ބޭނުން ކުރަނީ އެމީހުން ހޯދަން ބޭނުންވާ ފޮޓޯ ހޯދުމަށް ކަމަށާއި އަނިޔާވަނީވެސް އެފަދަ މަސައްކަތުގައި އުޅޭ ނޫސްވެރިންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ އިއްޔެ މާލޭގައި ހިނގާދިޔަ ކަންކަމަކީ އިދިކޮޅުން ކުޅުނު ފިލްމްއެއް ކަމަށެވެ.

އެބޭފުޅުން ބޮޑަށް ގެންދިޔައީ ފިލްމީ މަންޒަރު ތަކެއް ކުޅެމުން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަގީގަތުގައި ސިޔާސީ ކަންކަމުގައި އުޅުމަށް ވުރެ ފިލްމުކުޅުން މާރަނގަޅުވާނޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވ ރޭ ބައެއް މީޑިއާތައް ފެނިގެން ދިޔައީ މުޒާހަރާ ރާވައި ހިންގާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ނޫސްވެރިން މުޒާހަރާ ރާވާހިންގުމުގައި އިސް ރޯލެއް ކުޅެފައިވާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ މުޒާހަރާތަކުގައި އަނިޔާވަނީ ބައެއް ނޫސްވެރިންނަށް ކަމަށާއި އެ މީހުންނަށް އަނިޔާވަނީ އެ ނޫސްވެރިންގެ ކަންކަން ހުންގޮތުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒާއި ރާއްޖެޓީވީ އާއި ވީޓީވީގައި ކޮމާންޑް ސެންޓަރެއް ހަދައިގެން އިދިކޮޅުން މަސައްކަތް ކުރަމުން ގެންދާ ކަމަށް އަދުރޭ ތުހުމަތުކުރެއްވިއެވެ.

"އެކަން އެގޮތަށް ކުރިނަމަވެސް ސިފައިންނާއި ފުލުހުން އެއަށްވުރެ ހޭލުންތެރި. ސިފައިންނާއި ފުލުހުންނަށް އެނގޭ ކަންކަން ކުރިއަށް ގެންދަންވީ ގޮތް. އެމީހުންނަށް އެނގޭ އިދިކޮޅުން ކުރާ ކަންކަން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު ރޭ ޗާންދަނީ މަގުން ފުލުހުން ނޫސްވެރިން ދުރަށް ޖެއްސިއިރު ގިނަ އަދަދެއްގެ ނޫސްވެރިންނަށް ވަނީ އަނިޔާވެފައެވެ. އަދި ބައެއް ނޫސްވެރިންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާއިރު ގިނަ ނޫސްވެރިންނަށް ވަނީ ޕެޕަ ސްޕްރޭގެ އަސަރުކޮށްފައެވެ.

comment ކޮމެންޓް