ސިދާރްތުގެ 'އައްޔާރީ' ވެސް ޕާކިސްތާނުގައި މަނާކޮށްފި

އަރަމުން އަންނަ ބޮލީވުޑް އެކްޓަރު ސިދާރްތު މަލޯތުރާ ލީޑު ރޯލުން ފެނިގެންދާ ފިލްމު 'އައްޔާރީ' ޕާކިސްތާނުގައި ރިލީޒް ކުރުން އެ ގައުމުން މަނާކޮށްފިއެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ޕާކިސްތާނު ސެންސަރު ބޯޑުން މަނާކުރީ އެ ފިލްމަކީ އިންޑިއާ ސިފައިން ޤައުމަށްވާ ޤުރުބާނީ ދައްކުވައިދޭ ފިލްމަކަށް ވާތީ ކަމަށް ފިލްމުގެ ޑިސްޓްރިބިއުޓަރަކާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.

އެހެން ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރަކު ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނީ ސެންސަރު ބޯޑަށް ފިލްމު ހުށަހަޅާފައި ނުވާނެ ކަމަށެވެ.

"އެއީ އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ބެކްޑްރޮޕް އެއް އިންނަ ފިލްމަކަށް ވާތީ ޕާކިސްތާނުގައި ފިލްމު ރިލީޒް ކުރުމުގެ ހުއްދަ ނުލިބޭނެ ކަން މާކުރިން ވެސް އެނގޭ. އެހެންވެ ފިލްމު ހުށަހަޅައިފައެއް ނުވާނެ،" އޭނާ ބުންޏެވެެ.

ނަމަވެސް ޕާކިސްތާނުގައި ފިލްމު ރިލީޒް ނުކުރެވޭނެ ކަމަށް އެ ގައުމުން މިވަނީ ބުނެފައެވެ. އެއާއެކު 'އައްޔާރީ' ވެގެން ގޮސްފައި މިވަނީ ޕާކިސްތާނުގައި ދެއްކުން މަނާކުރި ނީރަޖް ޕާންޑޭގެ ތިންވަނަ ފިލްމަށެވެ.

ނީރަޖް ޕާންޑޭގެ 'ބޭބީ' އަދި 'ނާމް ޝަބާނާ' ވެސް ޕާކިސްތާނުގައި ރިލީޒް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ސިދާރްތުގެ އިތުރުން، މަނޯޖް ބާޖްޕާއީ އަދި ރާކުލް ޕްރީތު ސިންގ ވެސް ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މިމަހުގެ 16 ވަނަ ދުވަހު ރިލީޒްކުރި އެ ފިލްމަށް އެކަށީގެންވާ ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

comment ކޮމެންޓް