ޒައިނަބުގެ ގާތިލު މަރަން ހުކުމް ކޮށްފި

ޒައިނަބުގެ ގާތިލު އިމްރާން އަލީ: އޭނާ މަރަން ވަނީ ހުކުމް ކޮށްފައި ---

ޕާކިސްތާނުގައި ހަތް އަހަރުގެ ޒައިނަބު އަންސާރީ ރޭޕްކޮށް މަރާލި މައްސަލާގައި، ގާތިލު އިމްރާން އަލީ މަރަން ހުކުމް ކޮށްފި އެވެ.

ޒައިނަބު ރޭޕްކޮށް ޕަރާލާފައި އޮއްވައި ފެނުނީ މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އެމައްސަލާގައި އިމްރާގެ މައްޗަށް ޝަރީއަތް ހިންގާފައި ވަނީ ލާހޯރުގެ ޖަލެއްގަ އެވެ. ޒައިނަބު ރޭޕްކޮށް މަރާލި މައްސަލާގައި އުމުރުން 24 އަހަރުގެ އިމްރާނުގެ މައްޗަށް ހަތަރު މަރުގެ ހުކުމެއް ވަނީ އިއްވައިފަ އެވެ.

ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް ކޯޓުން އިމްރާން އަލީ މަރަން ހުކުމް ކޮށްފައި ވަނީ ރަހީނު ކުރުމާއި ރޭޕް ކުރުން އަދި ގަސްތުގައި މީހަކު މެރުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެއިން ކޮންމެ މައްސަލައަކަށް ވަކިވަކިން މަރަން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އިމްރާނާ ދެކޮޅަށް ގިނަ ބަޔަކު ކޯޓުގައި ވަނީ ހެކިބަސް ދީފަ އެވެ. އަދި ޑީއެންއޭ ޓެސްޓާއި ޕޮލިގްރާފިކް ޓެސްޓް ހިމެނޭ ގޮތަށް ގިނަ ފޮރެންސިކް ހެކިތަކެެއް ވެސް އިމްރާނާ ދެކޮޅަށް ހުށަހެޅި އެވެ.

އޭގެ އިތުރުން އޭނާ ވަނީ ޒައިނަބު ރަހީނުކޮށް ރޭޕްކޮށް މަރާލި ކަމަށް ކޯޓުގައި އިއުތިރާފު ވެސް ވެފަ އެވެ. އިއުތިރާފުވުމާ ގުޅިގެން އިމްރާނުގެ ވަކީލު ވަނީ މައްސަލައިން އަމިއްލައަށް ވަކިވެފަ އެވެ.

މަރުގެ ހުކުމުގެ އިތުރުން 3.2 މިލިއަން ރުޕީސްއިން ޖޫރިމަނާކޮށް އެފައިސާ ކޯޓަށް ދައްކަން ވެސް އިމްރާންގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.

އިމްރާން އަލީ މަރަން ހުކުމް ކުރި ވަގުތު ޒައިނަބުގެ ބައްޕަ އަމީން އަންސާރީ ކޯޓުގައި ހާޒިރުވެ ހުރި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް