ބޯކޮށް ވާރޭ ވެހި ރަތަފަންދޫ އަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރަތަފަންދޫގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް އިން އެ ރަށުގައި ހަރަކާތްތެރިވަނީ --- ފޮޓޯ/ އެމްއެންޑީއެފް

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ ރަތަފަންދޫ އަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ރަތަފަންދޫ ކައުންސިލުގެ ރައީސް ހުނައިފް އަސްލަމް ސަން އަށް ވިދާޅުވީ ރޭ މެންދަމު 1:30 އިން ފެށިގެން ހެނދުނު 10:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހި ގެތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"10 ވަރަކަށް ގެއަށް ފެންވަދެފައި ވަނީ. ކައުންސިލް އިދާރާ އާއި ސިއްހީ މަރުކަޒާއި ކޯޓު އަދި ބޭސްފިހާރަ އަށް ވެސް ފެންވަދެފަ. ދެ ގެއެއް ފިޔަވައި އެހެން ހުރިހާ ގެތަކުން ފެން މިހާރު ވަނީ ހިއްކާފަ،" ހުނައިފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބައެއް ގެތަކުގައި ހިފައި ގެންގުޅޭ ސާމާނަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރަތަފަންދޫ ގައި ފެންބޮޑުވެ ބައެއް ތަންތަނަށް ގެއްލުންތަކެއް ލިބިފައިވާ ކަން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 9:00 ގައި ކަމަށެވެ.

އެމްއެންޑީއެފްގެ ސަދާން އޭރިޔާގެ ސިފައިން އެ ހިސާބުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ފެން ހިއްކުމަށް ޕަންޕު ބޭނުން ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް