ސަރަހައްދީ ބާރުތަކާއި ދުނިޔޭގެ ބޮޑު ދެބާރުގެ ކުރިމަތިލުން ހިނގާ މައިދާނަކަށް ސޫރިޔާ

ޖަރުމަނުގެ މިޔުނިކްގައި ހުކުރުދުވަހު ފެށި ބައިނަލްއަގްވާމީ އަމަނާބެހޭ މިޔުނިކް ކޮންފަރެންސްގެ ތެރޭން --

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި އަދި އެސަރަހައްދުގެ ބޮޑެތި މައްސަލަތަކާ ކުރިމަތިލުމުގެ ގާބިލްކަން ޔޫރަޕްގެ އިއްތިޙާދުގެ ކިބައިގައިނެތްކަމަށާއި ސަރަހައްދީ ބާރުތަކާއި ދުނިޔޭގެ ބޮޑުދެބާރުގެ ކުރިމަތިލުން ހިނގާ ހަނގުރާމައިގެ މައިދާނަކަށް ސޫރިޔާ ބަދަލުވަމުންދާ ކަމަށް ޔޫރަޕްގެ މަޝްހޫރު ދިރާސާ މަރުކަޒެއްކަމަށްވާ "މިޔުނިކް އިންސްޓިޓިއުޓް ފޯރ އިންޓަނޭޝަނަލް ސެކިއުރިޓީ އެންމެ ޑިފެންސް ޕޮލިސީ އިންސްޓިޓިއުޓް"ގެ ވެރިޔާ ވޮލްވްގަންގް އެއިއިޗިންގަރ ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ މިޔުނިކްގައި ހުކުރުދުވަހު ފެށި ބައިނަލްއަގްވާމީ އަމަނާބެހޭ މިޔުނިކް ކޮންފަރެންސްގައި ތަގްރީރު ކުރައްވަމުން ވޮލްވްގަންގް ވިދާޅުވީ ސޫރިޔާގެ ހަނގުރާމަ ދިގުލައިގެންގޮސް ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ބަދަލުގައި މިހާރު ސޫރިޔާއަކީ ސަރަހައްދީ ބާރުތަކުގެ ހަނގުރާމަތަކާއި އެމެރިކާއާއި ރަޝިޔާގެ ކުރިމަތިލުންތައް ހިނގާ ހަނގުރާމައިގެ މައިދާނެއް ކަމަށާ މިއީ މިކަމުގެ ސަބަބުން ޔޫރަޕްގެ އަމަނާއި ސަލާމަތް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމެއް ކަމަށް ވޮލްވްގަންގް ވިދާޅުވިއެވެ.

މިކަން މިހިސާބަށް ދިޔައިރުވެސް ޔޫރަޕް އޮތީ ކުޅިބަލަންކަމަށާއި އެކަން ހުއްޓުވޭނެ ސްޓްރެޓެޖީއެއް ވިލާތުގެ އިއްތިޙާދަށް ނެރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ޔޫރަޕްގެ އިއްތިޙާދަށް މިކަން ނުކުރެވުނީ ޚާރިޖީ ކަންކަމުގައި ޔޫރަޕްގެ ގައުމުތަކުގެ މެދުގައިވާ ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުމުގެ ސަބަބުންކަމަށާ މިއީ ޔޫރަޕްގެ އިއްތިޙާދުގެ އޮނިގަނޑުގެ ބަލިކަށިކަން ހާމަވެގެން ދިޔަކަމެއްކަމަށް ވޮލްވްގަންގް ވިދާޅުވިއެވެ.

ޔޫރަޕްގެ އިއްތިޙާދަކީ އިގްތިސާދީ ގޮތުން ކާމިޔާބު އިއްތިޙާދަކަށްވެފައި ޔޫރަޕްގައި އަމަނާއި ސަލާމަތާބެހޭ ނިޒާމެއް އޮތްނަމަވެސް އަދުގެ ދުނިޔޭގައި ހިނގާ ޖިޔޮޕޮލިޓިކަލް ހަރަކާތްތަކާ މެދު ގުޅިފައިވާ ސްޓްރެޓެޖީއެއް ގެންގުޅުމުގެ ބާރު ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުގައި ނެތެވެ.

މިއީ ޔޫރަޕްގެ ނާކާމިޔާބީއެއް ވޮލްވްގަންގް ސިފަކުރެއްވިއެވެ. ސޫރިޔާއަކީ ޔޫރަޕްގެ ބެކްޔާޑުގައިވާ ގައުމެކެވެ. ސޫރިޔާގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަ އެހެންގޮތަކަށް ފުރޮޅި ސޫރިޔާގެ ބިންވަނީ އެހެންގައުމުތަކުގެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. މިގޮތުން ތުރުކީވިލާތްވަނީ ކުރުދީންނާ ހަނގުރާމަ ކުރުމަށްޓަކައި ސޫރިޔާއަށް ވަދެގެންފައެވެ. ސޫރިޔާގައި ރަޝިޔާއާއި އީރާނާއި ތުރުކީ އެގައުމުތަކުގެ މަސްލަހަތުތަކާ އެއްގޮތަށް ހަރަކާތްތެރިވާއިރު ސޫރިޔާގައި އަމަލުކުރާނެ ސްޓްރެޓެޖީއެއް އެމެރިކާ ނުގެންގުޅެއެވެ. ސޫރިޔާގެ ބިން ސަރަހައްދީ ބާރުތަކާއި ދުނިޔޭގެ ބޮޑު ދެބާރުގެ ކޯޅުމުގެ މައިދާނަކަށް ބަދަލުވެފައިވާއިރު އެކަމުގެ ގެއްލުން ޔޫރަޕަށް ލިބޭނެކަމަށާ ނަމަވެސް އެކަން ޔޫރަޕަށް އިޙްސާސް ނުކުރެވޭ ކަމަށް ވޮލްވްގަންގް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވެރިކަމުގައިވެސް އެމެރިކާ ސޫރިޔާގައި ގެންގުޅެނީ އޮބާމާގެ ދުވަސްވަރު ގެންގުޅުނު ނާކާމިޔާބު ސިޔާސަތެވެ. އެސިޔާސަތުވަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމުގައިވެސް އަދި އެމެރިކާ ބޭނުންވާ އިދިކޮޅު ފަރާތްތަކަށް ސޫރިޔާގެ ވެރިކަން ހޯދައިދިނުމުގައިވެސް އަދި ސޫރިޔާގައި އީރާނުގެ ނުފޫޒު ކުޑަކުރުމުގައިވެސް ނާކާމިޔާބު ވެފައެވެ.

ތުރުކީ ސިފައިން ސޫރިޔާއަށް ވަދެގަތީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާއިން ސޫރިޔާގެ ކުރުދީންނަށް ހަތިޔާރުދީގެން އައިއެސް ބަލިކޮށްލުމަށްފަހުވެސް ކުރުދީން ހަނގުރާމަވެރިން އެމީހުން ކުރިން ތިބި ހިސާބަށް ފަހަތަށްނުޖެހުމާއެކު އެމީހުންގެ އަތުން ހަތިޔާރުތައް އަތުލުމަށް އެމެރިކާ ދެކޮޅު ހެދުމާއެކު ސޫރިޔާގެ އެތެރޭގައި ކުރުދީންނަށް ދައުލަތެއް ހަދައިދިނުމުގެ ވިސްނުން އެމެރިކާ ގެންގުޅޭކަމަށް ޝައްކު ކުރެވިގެންނެވެ.

ތުރުކީގެ މަސްލަހަތާއި އެމެރިކާގެ މަސްލަހަތު ފުށުއަރާފައިވާ މިންވަރު ހާމަވެގެން ގޮސްފައިވަނީ ނޭޓޯގެ ގައުމަކަށް އޮވެގެން ތުރުކީ އެމެރިކާއާ ދުރަށްގޮސް ރަޝިޔާގެ ބައިވެރިއަކަށް ވެގެން ދިޔުމުންނެވެ. ނޭޓޯއަކީ ޚުދު ރަޝިޔާ އާ ކުރިމަތިލުމަށް އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ޖަމާއަތެކެވެ. އެޖަމާއަތުގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު އަސްކަރީ ބާރަކީ ތުރުކީ ކަމަށްވާއިރު ތުރުކީ އެމެރިކާއާ ދުރަށްގޮސް ރަޝިޔާގެ ބައިވެރިއަކަށް ވެގެންދިޔުމަކީ އެމެރިކާގެ ސިޔާސަތުތައް ސޫރިޔާގައި އެއްވެސް އަމާޒެއްނެތްކަން ހާމަވެގެން ދިޔަކަމެކެވެ.

ސޫރިޔާގެ ބިމުގައި މިހާރުވަނީ އީރާނާއި އިސްރާއީލުގެ އަސްކަރީ ކުރިމަތިލުންތައްވެސް ފެށިފައެވެ. ކުރިޔަށްއޮތްތަނުގައި އިސްރާއީލުން ސޫރިޔާއަށް ދޭ ޙަމަލާތަކުގެ ރައްދުގައި ސޫރިޔާގައި ތިބޭ އީރާނުގެ ބާރުތަކުން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުމަކީ ދުރުކަމެއްނޫނެވެ. މިކަމުގެ އިންޒާރު މިހާރުވެސް އީރާނުންވަނީ ދީފައެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ފައިސާއާއި ހަތިޔާރު ދީގެން ސޫރިޔާގެ ވެރިކަން ބަދަލުކޮށްލުމުގެ ހަނގުރާމަ ފެއްޓުވީ އެމެރިކާއާއި ސައޫދީ އާއި ގަތަރާއި ތުރުކީއާއި ޔޫރަޕް ގުޅިގެންނެވެ.

އެހެންކަމުން ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ރައްޔިތުންނަށް ކުރިމަތިވެގެންދިޔަ އަނިޔާތަކާއި އެގައުމު ހަލާކުވެ ވީރާނާވެގެން ދިޔަ ދިޔުމުގެ ޒިންމާ ބައްޝާރެކޭ އެއްގޮތަށް އެމެރިކާއާއި ސައޫދީ އާއި ގަތަރާއި ތުރުކީއާއި ޔޫރަޕް ގައުމުތަކުންވެސް އުފުލަންޖެހޭނެއެވެ.

ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލެވުނުނަމަ ސޫރިޔާގައި މިހާރު ލީބިޔާއެކޭ އެއްގޮތަށް ދެ ސަރުކާރު އޮތީހެވެ. އެއީ އެމެރިކާއާއި ސައޫދީއާއި ގަތަރާއި ތުރުކީއާއި ޔޫރަޕަށް ބަރޯސާވާ ސަރުކާރަކާއި ރަޝިޔާއާއި އީރާނަށް ބަރޯސާވާ ސަރުކާރެކެވެ.

comment ކޮމެންޓް