ވެސްޓް ބްރޮމްގެ ކުޅުންތެރިންތަކެއް ޓެކްސީއެއް ވަގަށް ނެގި މައްސަލަ ބަލަނީ

ވެސްޓް ބްރޮމްގެ ކުޅުންތެރިންތަކެއް ޓެކްސީއެއް ނެގި މައްސަލައިގައި ސުވާލުކުރެވުނު ހަތަރު ކުޅުންތެރިން --- ފޮޓޯ/ ސްކައި ސްޕޯޓްސް

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ވެސްޓް ބްރޮމްގެ ހަތަރު ކުޅުންތެރިއަކު ޓެކްސީއެއްގައި ވަގަށް ދަތުރު ކުރި މައްސަލައެއް ސްޕެއިންގެ ފުލުހުން ބަލަމުން އެބަދެއެވެ.

ވެސްޓް ބްރޮމްއިން ހާއްސަ ފަރިތަކުރުންތަކަކަށް މިދިޔަ ހަފްތާ ތެރޭގައި ސްޕެއިންގެ ކެތަލޫނިއާއަށް ކުރި ދަތުރުގައި ހިނގި މި ހާދިސާގައި ހިމެނޭ ކުޅުންތެރިންނަކީ ޑިފެންޑަރު ޖޮނީ އިވަންސް، ބަދަލު ކީޕަރު މައިހިލްގެ އިތުރުން ގެރެތު ބެރީއާއި ޖޭކް ލިވަމޯއެވެ.

ޓީމު ކޭމްޕުކުރި ހޮޓަލާއި މާ ދުރު ނޫން ހިސާބެއްގައި ހުރި "ފާސްޓް ފުޑް' ރެސްޓޯރެންޓަކުން ކެއުމަށްފަހު ރެސްޓޯރެންޓްގެ ކުރި މަތީގައިވާ ޓެކްސީގެ ޑްރައިވަރެއް ނެތި ވެސްޓް ބްރޮމްގެ ހަތަރު ކުޅުންތެރިއަކު އެ ޓެކްސީގައި ހޮޓަލަށް ދިޔަ ކަމަށް ކަތަލޫނިއާގެ ޕޮލިހުން ކަމަށްވާ މޮސޮސް އެސްކުއާޑްރާ ވަނީ ބުނެފައެވެ.

ކެތަލޫނިއާގެ ފުލުހުން އިތުރަށްބުނީ ވެސްޓް ބްރޮމްގެ ހަތަރު ކުޅުންތެރިންނާ ސުވާލުކޮށްފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލު ހާމަ ނުކުރާނެ ކަމަށެވެ.

ޓެކްސީ ވަގަށް ނެގި މައްސަލައާ ގުޅިގެން ވެސްޓް ބްރޮމްގެ ހަތަރު ކުޅުންތެރިންވެސްވަނީ މައާފަށް އެދިފައެވެ. އެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަމުން ވެސްޓް ބްރޮމްގެ ކޯޗު އެލެން ޕާޑިއު ބުނެފައިވަނީ އެއީ ވަރަށް ހިތާމަވެރި މައްސަލައެއް ކަމަށެވެ.

"ޓީމުގެ ކާފިއު ވަގުތުގައި ބޭރުގައި އުޅުނީ ހަތަރު ކުޅުންތެރިންވެސް. ފަތިހު 5:30 ގައި އެކަން ހިނގީ. ޓީމަށް މިހާރު ވަރަށް ބޮޑު ލަދެއް މި ލިބުނީ. ގަބޫލު ކުރެވޭ ކަމެއް ނޫން މިއީ،" ޕާޑިއު ބުންޏެވެ.

ވެސްޓް ބްރޮމްއިން އެންމެފަހުން ލީގުގައި ކުޅުނު 25 މެޗުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. މި ދަށް ނަތީޖާ ތަކާއެކު އެޓީމު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.

comment ކޮމެންޓް