ސަޖަން އާއި ނިޝްވާން ނުލައި ގައުމީ ސްވިމިން ސްކޮޑު އިއުލާންކޮށްފި

ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ދެ ފެތުންތެރިން ކަމަށްވާ ނިޝްވާން(ކ) އަދި ސަޖަން(ވ) ----

ފެތުމުގެ ގައުމީ ގިނަ ރެކޯޑުތަކެއް އޮންނަ ދެ އެތުލީޓުން ކަމަށްވާ އައިމިނަތު ސަޖަން އާއި ނިޝްވާން އިބްރާހިމް ނުލާ ގައުމީ ސީނިއާ އަދި ޖޫނިއާ ސްކޮޑަށް 2018 ވަނަ އަހަރު ހޮވިފައިވާ ފެތުންތެރިން ޢިއުލާނުކޮށްފި އެވެ.

މި އަހަރުގެ ގައުމީ ސްކޮޑުގައި 46 ފެތުންތެރިން ހިމެނޭ އިރު، އެ ސްކޮޑު އެކުލަވާލާފައި ވަނީ ރޭންކިން ޓްރަޔަލްގެ ނަތީޖާތަކަށް ބެލުމަށްފަހުގައި ކަމަށް ސްވިމިން އެސޯސިއޭޝަނުން ހޮނިހިރު ދުވަހު ބުނެފައިވެ އެވެ.

މި އަހަރުގެ ސްކޮޑުން އެންމެ ބޮޑަށް ފާހަގަކުރެ ވުނީ ގިނަ އަދަދެއްގެ ގައުމީ ރެކޯޑުތަކެއް އޮންނަ ދެ އެތުލީޓުން ކަމަށްވާ ސަޖަންއާއި ނިޝްވާން އުނިވެފައި ވުމެވެ. ސްވިމިން އެސޯސިއޭޝަނުން ބުނެފައި ވަނީ ގައުމީ ސްކޮޑުގައި ނިޝްވާން ނުހިމެނީ އޭނާ އަމިއްލައަށް ބޭނުން ވެގެން ކަމަށެވެ. އަދި ސަޖަން ކިޔެވުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ތައްޔާރުވެފައި ވުމުން އޭނާގެ ނަން ވެސް ސްކޮޑުގައި ނުހިމެނީ ކަމަށް ސްވިމިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ސަޖަންއާއި ނިޝްވާނަކީ 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގައި ވެސް ރާއްޖެ ތަމްސީލުކޮށްދިން ދެ ފެތުންތެރިންނެވެ. ސަޖަން ވަނީ އޮލިމްޕިކްސްގައި ވާދަކޮށް އަންހެނުންގެ 100 މީޓަރ ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑު މުގުރާލައިފަ އެވެ. އަދި ނިޝްވާން ވަނީ އޮލިމްޕިކްސްގައި އޭނާ ވާދަކުރި 50 މީޓަރު ފްރީސްޓައިލްގައި ހީޓްގެ ތިން ވަނަވެސް ހޯދައިފަ އެވެ.

މިދިޔަ އަހަރު ކެނެޑާގެ ވިންޑްސާގައި ކުރިއަށްދިޔަ 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވެސް ސަޖަންއާއި ނިޝްވާން ވާދަކޮށްފައިވާ އިރު، ނިޝްވާން ވަނީ އެ މުބާރާތުގައި 100 މީޓަރު ބަޓަފްލައި އިވެންޓާއި 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް، އެ ދެ އިވެންޓުގެ ގައުމީ ރެކޯޑު ވަނީ އާކޮށްފަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާ އެކު ތައުލީމު ހާސިލްކުރުމަށް ފަހު ނިޝްވާން ވަނީ މިދިޔަ އަހަރު ދެކުނު އެފްރިކާގެ ޑާބަންގައި ފެތުމުގެ ތަމްރީނުތައް ހަދައިފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ތައިލެންޑްގައި ކުރިއަށް ގެންދިޔަ ސްޕީޑޯ ތައިލެންޑް ސްވިމިންގެ 19 އަހަރުން މަތީގެ އަންހެން އޯޕަން ކެޓަގަރީގެ 200 މީޓަރު އިންޑިވިޖުއަލް އިވެންޓުން އައިމިނަތު ސަޖަން ލޯ މެޑަލް ހޯދައިފައިވާ އިރު، ސަޖަންއާއި ނިޝްވާންއަކީ ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ދެ ފެތުންތެރިންނެވެ.

މީގެ އިތުރުން ވެސް ސަޖަންއާއި ނިޝްވާންއަކީ ފެތުމުގައި ގިނަ ގައުމީ ރެކޯޑުތަކެއް އޮންނަ ދެ ފެތުންތެރިންނެވެ.

ގައުމީ ސްކޮޑްތަކުގެ ފަރިތަކުރުންތައް މިއަހަރު ވެސް ކުރިއަށްދާނީ ގައުމީ ފެތުމުގެ ހެޑްކޯޗު އަދި މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންއާއި ނިއުލެގޫންސް ސްވިިމިން ކްލަބްގެ ބެލުމުގެ ދަށުންނެވެ.

ގައުމީ ފެތުމުގެ ސްކޮޑު 2018

comment ކޮމެންޓް