މީޑިއާތަކަށް ފިޔަވަޅު އަޅަން އަދުރޭ ގޮވާލައްވައިފި

މިރޭ މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހު

ފިތުނަ ފަސާދަ އުފައްދާ މީޑިއާތަކާ މެދު ފިޔަވަޅު އަޅަން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވީޓީވީ އަދި ރާއްޖޭ ޓީވީން ކުރާހާވެސް ކަމަކީ ރާއްޖޭގައި ފިތުނަ ފަސާދަ އުފެއްދުން ކަމަށެވެ.

"އެއީ ރައްޔިތުންނަށް ވާނުވާ ނޭނގި ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ވައްދަން ކުރާ މަސައްކަތް. ދޭތެރެ ޖައްސަން ކުރާ މަސައްކަތް. ރައްޔިތުންނަށް ނުރައްކާތެރިކަމެއް އޮތްކަން ދޭހަކޮށްދޭން ކުރާ މަސައްކަތް،" އަދުރޭ ވިދާޅުވި އެވެ.

ރާއްޖޭގެ އަމަންއަމާންކަމަށް ނުރައްކާ ވާގޮތަށް ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭގައި ތިބެންޖެހޭ ގޮތަށް ޚަބަރު ފަތުރާ ވަސީލަތްތަކާ މެދު ހަރު ކަށި ފިޔަވަޅު އެޅުމަށް އަދުރޭ ވަނީ ގޮވާލާފަ އެވެ. އެއީ ކޮންމެ ފަރާތެއް ވިޔަސް އެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ތަކުރާރުކޮށް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

"އެއީ އެއްގޮތަކަށްވެސް މީޑިއާގެ މިނިވަން ކަމަށް އަރައިގަތުން ކަމަކަށް ގަބޫލެއް ނުކުރަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އެގޮތަށް ގޮވާލެއްވިއިރު، މިރޭ މާލޭގައި ކުރިއަށްދާ މުޒާހަރާ ކަވަރު ކުރަން ހަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ. އަދި ބައެއް ނޫސްވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް