ނޭމާ ފަހަތަށް ނުޖެހޭނެ، އޭނާ އެނބުރި އަންނާނީ ވަރުގަދަކޮށް!

ޕީއެސްޖީ އަދި ބްރެޒިލްގެ ތަރި ނޭމާ --- ފޮޓޯ/ އޭޕީ

ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ނޭމާގެ ފަރާތުން ފެނުނު ކުޅުން އޭނާގެ ބައްޕަ އަދި އޭޖެންޓް، ނޭމާ ސީނިއާ ދިފާއުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލްއާއި ޕީއެސްޖީ ވާދަކުރި މެޗު ރެއާލްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނޭމާގެ ފަރާތުން އެންމެ އެކަށޭނެ ކުޅުމެއް ނުފެނުނު ނަމަވެސް، ފުރަތަމަ ހާފްގައި އޭނާވަނީ ރެއާލްގެ ޑިފެންސަށް ނުރައްކާކޮށްފައެވެ.

މެޗަށްފަހު ނޭމާއަށް ގިނަބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު، އޭނާގެ ބައްޕަ ވަނީ އިންސްޓާގްރާމް ޕޯސްޓެއްގައި ނޭމާގެ ކުޅުން ދިފާއުކޮށްފައެވެ.

ނޭމާ ސީނިއާގެ މެސެޖުގައި ބުނެފައިވަނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ދިރިއުޅުމަކީ ހަނގުރާމައެއް ކަމަށާއި އެ ހަނގުރާމާއިގެ މައިދާނުގައި އެއްބަޔަކު އުޅޭނީ އެހެން މީހުންގެ ގައިން މަސްކެއުމަށް ކަމަށެވެ. އަމިއްލަ މަސައްކަތުން ކުރިއަރައި އެކަމުން ފައިދާތަކެއް ހޯދުމަށްވުރެ، އެހެން މީހުންގެ ބަލިފައެއްގެ ވާހަކަ ދައްކާމީހުން ގިނަ ވާނެ ކަމަށާއި، އެމީހުން ބޭނުންކުރާނީ މީޑިއާކަމަށްވެސް ނޭމާ ސީނިއާ ބުންޏެވެ.

ނޭމާއަކީ ހިތްވަރު ގަދަ ކުޅުންތެރިއެއް ކަމަށާއި، ނޭމާއާ ދޭތެރޭ ފާޑުކިއާ މީހުންގެ ވާހަކަތަކުން ނޭމާގެ ހިތް ގުޑުވާނުލެވޭނެ ކަމަށްވެސް ނޭމާ ސީނިއާގެ މެސެޖުގައި ބުނެއެވެ.

ނޭމާގެ ބައްޕަ ބުނެފައިވަނީ ހަނގުރާމައިގައި ކުރިއަށްދާނީ އެންމެ ކުރިމަތިލުމެއް ނޫން ކަމަށާއި، ނޭމާ ބަލިވީ އެންމެ ކުރިމަތިލުމަކުން ކަމަށެވެ. އޭނާގެ ދަރިފުޅަކީ ކުޑައިރުއްސުރެ ހަނގުރާމަ ކުރަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި، ނޭމާގެ ހަޔާތުގައި އެތައް ކުރިމަތިލުންތަކަކާ މިހާރުވެސް ކުރިމަލާ، ކާމިޔާބުކޮށްފައިވާ ކަމަށްވެސް ނޭމާ ސީނިއާ ބުނެފައިވެއެވެ.

ނޭމާ ސީނިއާގެ މެސެޖު ނިންމާލަމުން ބުނެފައިވަނީ ނޭމާއަކީ ފާޑުކިޔުންތެރިންނަށް ރައްދުދޭނެ ހިތްވަރު ހުރި ކުޅުންތެރިއެއް ކަމަށާއި، ނޭމާ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށެވެ.

ބާސެލޯނާއަށް ކުޅެމުންދިޔަ ނޭމާ ޕީއެސްޖީއަށް ބަދަލުވީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައެވެ. ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށް ކަމަށްވާއިރު، އެ ޓްރާންސްފާގެ ފަހަތުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ ނޭމާގެ ބައްޕަ އަދި އޭޖެންޓެވެ.

comment ކޮމެންޓް