ޕޮގްބާއާއެކު އޮތީ ބަދަހި ގުޅުމެއް، މީޑިއާތަކުން ހަދަނީ ދޮގު: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ޕައުލް ޕޮގްބާއާއި އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ -- ފޮޓޯ: ސްކައި ސްޕޯޓްސް

މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއާއެކު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި، މީޑިއާތަކުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ހަޑަލްސްފީލްޑާ ދެކޮޅަށް ކުޅޭ މެޗާއި ގުޅިގެން ވާހަކަ ދައްކަމުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން މޮރީނިއޯ ބުނީ އޭނާއާ ގުޅިގެން މީޑިއާތަކުން ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ.

"ޕޮގްބާއާ އަހަންނާ ދޭތެރޭ ދެކެވޭ ވާހަކަތައް މީޑިއާއަށް އެނގޭކަށް ނުޖެހޭ. ޕޮގްބާ ގަބޫލުކުރާނެ އޭނާއަށް މިވަގުތު އެންމެ އެކަށީގެންވާ ކުޅުމެއް ނުކުޅެވޭ ކަމަށް. އެހެން ނަމަވެސް އެވާހަކައާ ގުޅިގެން ބޭކާރު ދޮގު ވާހަކަތަކެއް ފެތުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން. ދޮގު ހަދަންޏާވެސް ހަދަންވާނީ ގަބޫލުކުރެވޭ ކަހަލަ ދޮގު،" މޮރީނިއޯ ބުނެފައިވެއެވެ.

ރުޅި ގަދަވެފައިހުރި މޮރީނިއޯ ބުނީ ނިއުކާސަލްއާ ދެކޮޅަށް ޕޮގްބާ ކުޅުނު ކުޅުން ދަށް ކަމަށް މީޑިއާ ތަކަށް ރިޕޯޓު ކުރެވުނަސް ޕޮގްބާގެ ކުޅުން ރަނގަޅު ކުރުމަކީ މީޑިއާއަކާ ބެހޭ ކަމެއް ނޫން ކަމަށެވެ.

"މީޑިއާގެ މައްސަލައެއް ނޫން ޕޮގްބާގެ ކުޅުން ރަނގަޅު ކުރުމަކީ. އަހަރެންގެ ވަޒީފާ އަދާކުރާ ގޮތަށް ފާޑު ކިޔިދާނެ. އެކަމަކު ދޮގު ހެދުން ބަލައެއް ނުގަނެވޭނެ،" މޮރީނިއޯ ބުންޏެވެ.

މީޑިއާ ތަކުގައި އަޑު ފެތުރިފައިވަނީ އެންމެފަހުން މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ޕޮގްބާ ހިތްހަމަ ނުޖެހުނީ މާބޮޑަށް ޑިފެންސިވް މަގާމަކަށް ކުޅުވުމުން ކަމަށެވެ. އެހެން ނަމަވެސް މޮރީނިއޯވަނީ އޭނާގެ ފޯމޭޝަން ވަރަށް ބޮޑަށް ދިފާއުކޮށްފައެވެ.

"ތި ސުވާލަކީ ކޯޗަކު ކައިރީގައި އަހަން ވަރަށް ތާކުންތާކު ނުޖެހޭ ސުވާލެއް. އެނގޭތަ ޕޮގްބާ އެންމެ ބޭނުންވާ ފޯމޭޝަން. އެވެސް އެނގޭނީ އަހަންނަށް. އެ ފޯމޭޝަނަކީ ނިއުކާސަލްއާ ދެކޮޅަށް ކުޅުނު ފޯމޭޝަން. ޔުނައިޓެޑް ކުޅުނީ ޑިފެންސިވް އެއް މިޑްފީލްޑަރާއި އެޓޭކިން ދެ މިޑްފީލްޑަރުން ލައިގެން. ޕޮގްބާ ކުޅުނީ ވާތް ފަޅިން އެޓޭކިން މިޑްފީލަޑަށް،" މޮރީނިއޯ ބުންޏެވެ.

ނިއުކާސަލްއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެފައިވާއިރު، މޮރީނިއޯ ބުނީ ޓީމުގައި ތިބޭ މޮޅެތި ކުޅުންތެރިންނަށް ނުކުޅެވޭ ވާހަކަ ދެއްކުމުން ގޯހެއް ނެތް ކަމަށާއި، ގޯހީ ދޮގު ހެދުން ކަމަށެވެ.

comment ކޮމެންޓް