ޕީޓާ ރެބިޓް: ޝައުގުވެރި މަޖާ ކަންތައްތަކެއް ފެނިގެން ދާ ކާޓޫން ފިލްމެއް!

ކުޑަކުދިންގެ ކާޓޫން ފިލްމު ޕީޓާ ރެބިޓް ޝްވެކް ސިނަމާގައި ޕްރިމިއާ ކޮށްފިއެވެ.

ހުކުރު ދުވަހު ހަވީރު ގިނަ އަދަދެއްގެ ކުޑަކުދިން، އެ ފިލްމު ބަލަން ޝްވެކް ސިނަމާ އަށް ވަނީ ވަރަށް އުފަލުން ތިބެއެވެ. ފިލްމު ބަލާ ނިމުމަށްފަހު ނުކުތީ ހެމުންނެވެ.

ފިލްމާ މެދު ސުވާލުކޮށްލުމުން އެ ކުދިން ބުނަނީ ފިލްމު ވަރަށް ރީތި ކަމަށެވެ.

"ވަރަށް މަޖާ މި ކާޓޫން. ވަރަށް ރީތި،" ފިލްމު ބަލާފައި ނުކުތް ކުއްޖެއް ބުންޏެވެ.

"ކޮއްކޮއަށް ވަރަށް ރީތި މި ކާޓޫން. ވަރަށް ލޯބި ރެބިޓްސް އުޅެނީ. ވަރަށް މަޖާ ކަންތައް ކުރޭ،" ފިލްމާ މެދު ސުވާލުކޮށްލުމުން އިތުރު ކުއްޖަކު ބުނެލިއެވެ.

ފިލްމު ބެލުމަށްފަހު ނުކުތް ބެލެނިވެރިޔަކާ ސުވާލުކޮށްލުމުން ބުނީ ކުޑަކުދިންގެ މި ކަހަލަ ފިލްމު ގިނައިން ނެރެންވީ ކަމަށާއި ބަންދު ދުވަސް ދުވަހު އެ ކުދިންނާ އެކީ މި ކަހަލަ ކަމެއް ކޮށްލުމުން ވަރަށް ހިތް ހަމަ ޖެހޭ ކަމަށެވެ.

"ކާޓޫން ހަމަ ވަރަށް ރީއްޗޭ ބުނެވޭނީ. އިންޓްރަސްޓިން،" ބެލެނިވެރިޔާ ބުންޏެވެ.

ޕީޓާ ރެބިޓްގެ ޕޯސްޓަރެއް--

މި ފިލްމުގައި ޕީޓާ ރެބިޓް އަދި އޭނާގެ ތިން ދައްތައިން، މެކް ގްރޭގާގެ ތަރުކާރީ ބަގީޗާއެއްގައި އުފަލުގައި ދިރިއުޅެމުން ދަނިކޮށް އޭނާގެ އާއިލާގެ މީހެއް އެ ގޭގައި ދިރިއުޅެން އަންނަ ތަން ފެނިގެން ދެއެވެ. އަދި އެ ބަގީޗާ ހައްދާ މީހާ އެ މުސަޅުތައް އަތުލައިގަތުމަށް ނުހަނު މަސައްކަތް ކުރެއެވެ. ނަމަވެސް މުސަޅުތައް އަތުލުމުގެ ތެރޭގައި ދިމާވާ ހާދިސާ އަކުން އެ މީހާ މަރުވެއެވެ.

މެކް ގްރޭގާގެ އަވަށްޓެރިޔާ ރޯޒް (ބިއާ) އެ މުސަޅުތަކާ ދޯޅުވެއެވެ. މުސަޅުތަކަށް ކާނާ ހޯދައިދިނުމަށް އޭނާ އެހީތެރިވެދެއެވެ.

މެކް މަރުވުމުން އެ ގެއަށް އަންނަ އޭނާގެ އާއިލާގެ މީހެއް ކަމުގައިވާ ޑޮމްނޯލް ގްރީސަން ( ތޯމަސް) އަކީ ވެސް މުސަޅު ދެކެ އިންތިހާ އަށް ނަފުރަތު ކުރާ މީހެކެވެ. މުސަޅުތައް މެރުމަށް އޭނާ ވެސް ނުހަނު މަސައްކަތްކުރިއެވެ. ނަމަވެސް ކަންދިމާވީ މުޅިން ތަފާތު ކޮށެވެ. މުސަޅުތައް މަރާލަން އުޅުމުގެ ތެރޭގައި ދިމާވާ ހާދިސާ އަކުން އަވަށްޓެރިޔާ އާ މުސަޅުތައް ދިރިއުޅޭ ގެ ނެތިގެން ދެއެވެ.

މާހައުލު ދޫކޮށްލުމަށްފަހު ބިއާ ދާން އުޅުމުން މުސަޅުތައް އޭނާ ދިޔަ ނުދީ ހިފަހައްޓައެވެ. މުސަޅުތައް ވެގެން ތޯމަސް އާ ބިއާ އަލުން ގުޅުވައެވެ. ތޯމަސް ވެސް އެ ހާދިސާއަށް ފަހު މުސަޅުތަކަށް މައާފް ކޮށް މުސަޅުތައް ދެކެ ލޯބިވެއެވެ.

ވިލް ގްލަކް ޑައިރެކްޓްކޮށް އުފެއްދި އެ ފިލްމަކީ ކުޑަކުދިންނަށް ކަމުދާ ގޮތަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އެ ފިލްމަކީ ހެއްވާ މަޖާ އަދި އިބްރަތްތެރި ފިލާވަޅެއް ވެސް ލިބިގެންދިޔަ ފިލްމެކެވެ.

comment ކޮމެންޓް