ސިޔާސީގޮތުން ހަލަބޮލި ވިޔަސް، އެއާޕޯޓް ތަރައްގީ ކުރަން ރާއްޖެއަށް ލޯނު ދޭނަން: ސައުދީ

އެއާޕޯޓުގެ އާ އޭޕްރަން ގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމްކޯޓުން ނެރުނު އަމުރާ ގުޅިގެން ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެފައި އޮތް ނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ރާއްޖެއަަށް ލޯނުދޭނެ ކަމަށްް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމާ ޔޫއޭއީ އިން ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާއި އަދި މަސްވެރިކަމަށް ދޭން ކުރިންވެސް ހަމަޖައްސައިފައިވާ ލޯނު ކުރިއެކޭވެސް އެއްގޮތަށް ދިނުމަށް ވަނީ ނިންމާފައި ކަމަށެވެ.

"ސައުދީ ފަންޑް ފޯ ޑިވޮލޮޕްމަންޓްއާއި އަބޫދާބީ ފޯ ޑިވޮލޮޕްމަންޓް އިން ރާއްޖޭގެ އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަޝްރޫއާއި އަދި މަސްވެރިކަމަށް ދޭން ހަމަޖައްސައިފައިވާ 160 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައި،" ސައުދީ އެމްބަސީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެގައުމާއި ޔޫއޭއީ އިން ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުން ދާކަމަށާއި ރާއްޖޭގެ މަޝްރަހު ހަލަބޮލިވެފައިވާތީވެ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

ސައުދީން ބުނީ ސިޔާސީ ގޮތުން ހަލަބޮލިވެފައި އޮތް ނަމަވެސް، މިއީ ރާއްޖޭގެ ދާހިލީ މައްސަލައެއް ކަމަށާއި، އެ ދެގައުމުން ވެސް އެދެނީ ރާއްޖޭގެ މައްސަލައިގެ ތެރެއަށް އިތުރު ގައުމަކުން ނުވަނުން ކަަމަށެވެ.

ސިޔާސީ ޕާޓީތަކުން ވާހަދައްކައިގެން ގާނޫނީ ގޮތުން ހައްލެއް ހޯދައިފިނަމަ އެ ނިންމުންމުމަށް މަރުހަބާ ކިޔާނެ ކަމަށާއި އަދި ޔޫއޭއީ އާއި އެ ގައުމުން ވެސް އެދެނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ކަމަށް ވެސް ސައުދީން ބުންޏެވެ.

comment ކޮމެންޓް