އިސްލާމީ ޝަރީއަތާ ޚިލާފު އެއްވެސް ވާހަކައެއް ހުކުރު ޚުތުބާގައި ނޯންނާނެ: އިސްލާމިކް މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު: އިސްލާމީ ޝަރީއަތާ ޚިލާފު އެއްވެސް ކަމެއް ހުކުރު ހުތުބާގައި ނޯންނާނެ ކަމަށް ޒިޔާދު ވިދާޅުވި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިސްލާމީ ޝަރީއަތާ ޚިލާފުު އެއްވެސް ކަމެއް ހުކުރު ޚުތުބާގައި ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރުު ވިދާޅުވެއްޖެއެވެ.

ޕީޕއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވިދާޅުވީ މިއަދުގެ ޚުތުބާއަކީ ދީނީ އިލްމުވެރިން ފާސްކޮށްގެން ނެރުއްވި ޚުތުބާއެއް ކަމަށެވެ.

"ޚުތުބާ ފާސްކުރުމުގެ މިންގަޑަކީ އިސްލާމިކް މިނިސްޓްރީގައި ވަޒީފާ އަދާކުރަމުންދާ ފުންނާބު އުސް ފަސް އިލްމުވެރިންގެ މައްޗަށް އެކުލަވައިލައިފައިވާ ކޮމެޓީއަކުން ކޮންމެ ހަފުތާއަކުންވެސް ހުކުރު ޚުތުބާގެ ކަންތައް ފާސްކުރުމުގެ ކަންތައް މިކުރަނީ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިލްމުވެރިން އެފަދަ ގޯސްކަމެއް ކޮށްފާނެކަމަަކަށް،" ޑރ. ޒިޔާދު ވިދާޅުވިއެވެ.

ޑރ. ޒިޔާދު ވިދާޅުވީ މީގެކުރީގެ ޚުތުބާތަކުގައި މިސްކިތުން ވައްކަންކުރުން ފަދަ ކަންތައްތަކާ ބެހޭގޮތުން އަލިއަޅުވާލައިފައި އޮތް ނަމަވެސް މިއަދު ޚުތުބާ ތަފާތު ކަމަށެވެ. އަދި މިއަދުގެ ޚުތުބާއިން ދިވެހި ރައްޔިތުން ހުކުރު ޚުތުބާއަށް ޝައުގުވެރިވާކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

ޑރ. ޒިޔާދު ވިދާޅުވީ މިއަދުގެ ޚުތުބާގައި ދެއްކި ވާހަކަ ތަކަކީ ހަދައިގެން ދެއްކި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ ހުރިހާ ވާހަކައަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާއި ހަދީސުން ސާބިތުވާ ހަމަތަކުގެ މަތިން ހިމެނޭ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު، އިސްލާމީ އުސޫލުތަކާ ހަމަތަކުގެ މަތިން ވެރިންނަށް ކިޔަމަންވުމުގެ މަގުސަދު އެނގެން ޖެހޭ ކަމަށް ވެސް ޑރ. ޒިޔާދު ވިދާޅުވިއެވެ.

ހާކިމާއަށް ކިޔަމަށް ގަތުމަކީ އެ ގައުމެއްގެ ރައްޔިތުންނަށް ވާޖިބު ކުރައްވާފައިވާ ކަމެއްކަމަށާއި ހާކިމާއަށް އިހާނެތިކޮށް ހިތުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުރައްވާފައިވާ ކަމެއްކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ހާކިމާގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ލިބި ރައްކާތެރިވެގެންދާ ކަމަށާއި އެ ކަންތައްތަކުގެ ސަބަބުން ގައުމުގެ ހާކިމާއަށް ކިޔަމަން ގަތުމަކީ ވާޖިބުވެގެންވާ ކަމެއްކަމަށެވެ.

comment ކޮމެންޓް