މި ސީޒަނަށް ފަހު ޕޮގްބާ ޔުނައިޓެޑްގައި މަޑެއް ނުކުރާނެ: އިންސް

މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ޕައުލް ޕޮގްބާއާއި އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ -- ފޮޓޯ: ސްކައި ސްޕޯޓްސް

މިސީޒަނަށް ފަހު ޕައުލް ޕޮގްބާ، މެންޗެސްޓާ ޔުނައިޓެޑްގައި މަޑު ނުކުރާނޭ ކަމަށް، އެޓީމުގެ ކުރީގެ މިޑްފީލްޑަރު ޕައުލް އިންސް ބުނެފިއެވެ.

މީގެ ދެއަހަރު ކުރިން، އިޓަލީގެ ޔުވެންޓަސްއިން ޕޮގްބާ ޔުނައިޓެޑާ އެނބުރި ގުޅުނީ، 89 މިލިއަން ޕައުންޑުގެ ރެކޯޑް ފީއަކަށެވެ. އެހެން ނަމަވެސް، މިހާރު އިތުރު ކުޅުންތެރީންނާ އެކު ޔުނައިޓެޑްގެ ފޯވާޑް ލައިން ވަރުގަދަވެގެން ގޮސްފައި ވާއިރު، ޕޮގްބާގެ ވިދުން އެ ކްލަބުގައި ވަނީ ފަނޑުވާން ފަށައިފައެވެ.

ފްރާންސްގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ޔުނައިޓެޑަށް އެނބުރި ގުޅެވުނީތީ ޕޮގްބާ މިހާރު ހިތާމަކުރެއެވެ.

އިންސް ގަބޫލުކުރާ ގޮތުގައި، ސީޒަންގެ ކުރިއަށް އޮތްތާނގައި، ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ޕޮގްބާއަށް އިތުރު ސަމާލުކަމެއްދީ، އެޓޭކިންގައި ބައިވެރި ނުކުރާ ނަމަ އޭނާ އެ ކްލަބުގައި މަޑެއް ނުކުރާނެއެވެ.

"ޕޮގްބާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަ ތަކަކީ، ތެދެއްކަމުގައި ވާނަމަ، ޔުނައިޓެޑާ ގުޅެވުނީތީ އޭނާ ހިތާމަކުރާނަމަ، ދެން އަހަރެން ވަރަށް މާޔޫސްވާނެ. އެކަމަކު އެއީ ހައިރާންވާން ޖެހޭ ކަމެއްވެސް ނޫން،" ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލަށް ވެސް ކުޅުނު އިންސް ބުންޏެވެ.

"އަހަންނަށް އެނގޭ، މޮރީނިއޯގެ އިރުޝާދުގެ ދަށުން ޕޮގްބާ މިހާރު އެ ކުޅުވާ މަގާމުގައި އޭނާ އެހާ ހިތްހަމަ ނުޖެހޭކަން.

"ޕޮގްބާ ބޭނުންވާނެ، ވަރަށް ހަރަކާތްތެރިކޮށް އުޅެން، އޭނާ ބޭނުންވާނެ އެޓޭކްކުރަން. ޕޮގްބާ މި ކްލަބަށް ސޮއިކުރީ މިޑްފީލްޑް ކުޅުންތެރިއެއްގެ ގޮތުގައި ކުޅޭކަށް ނޫން. އެގޮތަށް ކުޅެން އޭނާ ހިތްހަމައެއް ނުޖެހޭނެ. އެހެންކަމުން އޭނާ މަޑުކުރުމުގެ ބޭނުމަކީ ކޮބާ؟"

އިންސް ބުނީ، ޖެނުއަރީ ޓްރާންސްފަރގައި ޔުނައިޓެޑުން އެލެކްސް ސަންޗޭޒް ގެނައުމާއެކުވެސް ޕޮގްބާއަށް ފުރުސަތު ހަނިވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން، ދެ ކުޅުނުތެރީން އެކުގައި ފޯވާޑް ލައިނުގައި ބޭނުންކުރުމަކީ އުނދަގޫ ކަމަކަށް ވާނެކަން އޭނާ ފާހަގަކުރިއެވެ.

އޭނާ ބުނީ، ކުޅެން ބޭނުން ނުވާ މަގާމަކަށް ކުޅެން ޖެއްސުމުން، ޕޮގްބާގެ ފަރާތުން މިހާރު ފެންނަނީ، ކްލަބު ދޫކޮށް ދާންއުޅޭ ފަދަ މަންޒަރެއް ކަމަށެވެ.

comment ކޮމެންޓް