ދީޕިކާ-ރަންވީރު، ބަންސާލީގެ އިތުރު 3 ފިލްމެއްގައި؟

ބޮލީވުޑްގެ ހިތްގައިމު ޖޯޑު ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންގ އަކީ ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށް ވެސް އެންމެ ކަމުދާ ޖޯޑެވެ. އެއީ ސިއްރެއް ނޫނެވެ. ދީޕިކާ-ރަންވީރުގެ އޮންސްކްރީން ކެމިސްޓްރީ ބެލުންތެރިންނާ ހަމައަށް ގެނެސްދިނީ ވެސް ބަންސާލީ އެވެ.

ދީޕިކާ އާއި ރަންވީރު ވަނީ މިހާތަނަށް ބަންސާލީ އާއެކު ކާމިޔާބު ތިން ފިލްމެއްގެ މަސައްކަތް ކޮށްފައެވެ. އެއީ 'ގޯލިޔޯންކީ ރާސްލީލާ: ރާމް ލީލާ'، 'ބާޖީރާއޯ މަސްތާނީ' އަދި ޖެނުއަރީ މަހު ރިލީޒް ކުރި 'ޕަދްމާވަތު' އެވެ.

ތިން މީހުންގެ ގުޅުން ބަދަހިކަމުން 'ޕަދްމާވަތު'ގެ ސެޓުގައި، ފިލްމުގެ މުހިންމު ރޯލަކުން ފެނިގެން ދިޔަ ޝާހިދު އަށް ވެސް ވަނީ އޭނާ އަކީ ބާކީ މީހެއް ކަމުގެ އިހްސާސް ކުރެވިފައެވެ.

ވަރަށް ފަހުން ނޫހަކަށް ދިން އިންޓަވިއު އެއްގައި ރަންވީރު ވަނީ އޭނާ ބަންސާލީ ބުނި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރި ކަމަށެވެ. އަދި ތިން މީހުން އެކުގައި ކޮށްފައިވާ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ބަންސާލީ އާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށެވެ.

ގިނަ ގޮންޖެހުންތަކަކަށް ފަހު ރިލީޒް ކުރި 'ޕަދްމާވަތު' އަށް 250 ކުރޯރުގެ އާމްދަނީ އެއް ލިބުނު އިރު، ފިލްމުގައި ރަންވީރު، ދީޕިކާ އަދި ޝާހިދު ދައްކުވައިދީފައިވާ އެކްޓިންގ އަށް ކްރިޓިކުންނާއި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

'ޕަދްމާވަތު'ގެ ކާމިޔާބާ އެކު، ދީޕިކާ އަދި ރަންވީރު ހިމަނައިގެން އިތުރު ފިލްމުތަކެއް އުފައްދަން ބަންސާލީ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން ބަންސާލީގެ ކުރިއަށް އޮތް ތިން ފިލްމަކަށް ދީޕިކާ-ރަންވީރު ހަމަޖައްސަން އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމަށް ވާނަމަ، ކުރިއަށް އޮތް ހަ އަހަރު ދީޕިކާ އާއި ރަންވީރު މަސައްކަތް ކުރާނީ ބަންސާލީ އާއެކު އެވެ.

ރަންވީރު-ދީޕިކާ-ބަންސާލީ އަކީ "ގޯލްޑަން ޓްރިއޯ" އެއް ނަމަވެސް، އަބަދު އެއް ބަޔަކު ހިމަނައިގެން ފިލްމު ހެދުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ގަބޫލު ކުރާ މީހުން ވެސް ގިނައެވެ.

comment ކޮމެންޓް