އިންޑިއާގެ ކުންފުންޏަކުން ސިމްޑީއާ ގުޅިގެން ރާއްޖެއަށް ބިޔަ މަޝްރޫއުތަކެއް!

ބިލިއަނަރު އަބީޝޭކް ވަރުމާ އާއި ސިމްޑީ ގެ ޗެއާމަން މުހައްމަދު އިބްރާހިމް ދީދީ --

އިންޑިއާގައި ހަތިޔާރުގެ ވިޔަފާރިކުރާ މަޝްހޫރު ބިލިއަނަރު އަބީޝޭކް ވަރުމާގެ އޮލިއާލިއާ ވޯލްޑާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ، ސިމްޑީގެ ގުޅިގެން ރާއްޖޭގައި، ތަރައްގީގެ ބިޔަ މަޝްރޫއު ތަކެއް ކުރިއަށްގެންދިއުމަށް އެ ދެ ކުންފުނީގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

އެ ދެކުންފުނިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި މަޝްވަރާތަކުގައި، ރާއްޖޭގައި އެ ދެ ކުންފުނިން މަލްޓި މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ހިމެނޭ ކަންކަން:

  • "އޮލިއާލިއާ ނިއު މޯލްޑިވްސް"ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުން.
  • ލަގްޒަރީ ހަތަރު ރިސޯތް ތަރައްގީކުރުން.
  • "ޝެރިއެޓްސް އޮފް ދަ ގޯޑްސް" ތީމް ޕާކެއް ތަރައްގީ ކުރުން.
  • ޝިޕިން އެންޑް ކޮންޓެއިނާ ޕޯޓެއް ތަރައްގީ ކުރުން.
  • އޮފްޝޯ ބޭންކިން އާއި އެކްސްޕޯޓް ޒޯނެއް ތަރައްގީ ކުރުން.
  • ޓްވިން އިންޖީން 10 ހެލިކޮޕްޓަރާއެކު، މުޅި ރާއްޖެއަށް ހެލިކޮޕްޓަރު ދަތުރުތައް ފެށުން.
  • ގޮލްފް ކޯސްއެއް ތަރައްގީ ކުރުން.
  • އަޕް މާކެޓް ވިލާ ތަރައްގީކޮށް ވިއްކުން.
  • 300 އެނދުގެ ޖާގައިގެ ދެ ހޮސްޕިޓަލް ތަރައްގީ ކުރުން.
  • ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ރައްތަކަށް މޮނޯރެއިލްގެ ޚިދުމަތް ދިނުން (މޮނޯރެއިލްގެ ޚިދުމަތް ދިނުމަށް ފަސް ކިލޯމީޓަރުގެ ކަނެކްޓިން ބްރިޖެއް އަޅާނެ).
  • އޮލިއާލިއާ އިން އުފައްދާ "ފާސްޓް މޫވިން ކޮންޒިއުމާ ގުޑްސް"، (ސިނގިރޭޓާއި ކޯލާ، ޖޫސް އަދި ސުޕާރި ފަދަ ބާވަތްތައް) ސިމްޑީ މެދުވެރިކޮށް ރާއްޖޭގައި ވިއްކަން ފެށުން.
  • ސިމްޑީގެ ރަށެއްގައި އޮލިއާލިއާ ޕޮލްޓްރީ، މެރިކަލްޗާ ފާމެއް ތަރައްގީކޮށް، އެތަނުން އުފައްދާ ބާވަތްތައް ރާއްޖެއާއި ބޭރުގެ މާކެޓުތަކަށް ވިއްކުން.
  • ސިމްޑީއާ ގުޅޭ ބައެއް ރިސޯޓުތައް މެނޭޖްމަންޓް ކޮންޓްރެކްޓުގެ ދަށުން "އޮލިއާލިއާ އައިލެންޑް ރިސޯޓް" ބްރޭންޑަށް ބަދަލުކޮށް ހިންގުން، (ވަން އެންޑް އޮންލީ ކަނުހުރާ އަކީ ސިމްޑީގެ ރިސޯޓެކެވެ. އޭގެ އިތުރުން ރާއްޖޭން ބޭރުގައި ވެސް އެ ކުންފުނީގެ ބައެއް ޕްރޮޕަޓީތައް ހުންނަ ކަމަށް އެ ބަޔާނުގައި ބުނެފައި ވޭ).
  • ސިމްޑީން އައްޑޫގައި ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލް "އޮލިއާލިއާ އައިއެމްޑީސީ ހޮސްޕިޓަލް" އަށް ބަދަލުކޮށް، އޮލިއާލިއާ ހެލްތްކެއާގެ ދަށުން ހިންގުން (އެ ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މަތީ ފެންވަރުގެ މެޑިކަލް ޓޫރިޒަމަށް އަމާޒު ކޮށްގެން ހިދުމަތްތައް އިތުރު ކުރުން).

ރާއްޖޭގައި މިހާތަނަށް އަމިއްލަ ކުންފުންޏަކުން ކުރަން ނިންމާފައި ނުވާވަރުގެ ބޮޑެތި ތަރައްގީގެ ޕްލޭންތައް ކުރުމަށް ދެ ކުންފުނިން ނިންމާފައިވާކަމަށް ބުނި ނަމަވެސް އެ މަސައްކަތްތައް ކުރިއަސްގެނދާނެ ތަނެއް، ފަށާނެ ތާރީހެއް އަދި އެ ޕްރޮޖެކްޓް ތަކަށް ކުރާނެ ހަރަދުގެ ތަފްސީލެއްވެސް ހާމައެއް ނުކުރެއެވެ.

ދެ ކުންފުނިން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވަނީ، މަސައްކަތްތައް ކުރުމަށް ހުއްދަ ހޯދުމަށް ކަނޑައަޅާފައިވާ ތާރީޚުގައި ދިވެހި ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ.

އޮލިއާލިއާ އަކީ މީގެކުރިން ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ސަރުކާރުން ހުއްދަދީފައިވާ ބޭރުގެ ކުންފުންޏެކެވެ.

comment ކޮމެންޓް