ހާލަތު ބަދަލުކޮށްލި "އެއް ގަޑިއިރު"!

ފެބްރުއަރީ 1، 2018: އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކި ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އިދިކޮޅުފަރާތްތަކުން މަގުމައްޗަށް ނުކުތުން -- ސަން ފޮޓޯ

ސިޔާސީ ބައެއް ކުށްވެރިން މިނިވަންކުރަން ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ކުރި އަމުރާ އެކު ދިވެހީންގެ ތެރެއިން އެތައް ބަޔަކަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔައެވެ. އެއީ ވެދާނެކަމެއް ކަމަށް ދިވެހީން ދުވަހަކުވެސް އުންމީދު ކުރި ކަމެއް ނޫނެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުން އެ އަމުރު ނެރުމާ އެކު ސިޔާސީ މަސްރަހު ބަދަލުވެ ހަލަބޮލިވާން ފެށިއެވެ.

އެ އަމުރަށްފަހު ދައުލަތުގެ ބައެއް މަގާމްތަކަށް ރައީސް ޔާމީން ބަދަލު ގެންނެވިއެވެ. ފުލުހުންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާގޮތުގައި އެ އަމުރަކީ އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުދީގެން ނެރެފައިވާ އަމުރެއް ކަމަށް ތުހުމަތު ކުރެވެއެވެ. އެހެން ވެއްޖެނަމަ އެ އަމުރަކީ ބާތިލް އަމުރަކަށް ފަހުން ވުމަކީ އެކަށީގެންވާ ކަމެކެވެ.

ފުލުހުންގެ ތަހުގީގުން މިހާތަނަށް ހޯދި ހޯދުންތަކުގެ އަލީގައި ތުހުމަތު ކުރެވެނީ އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން ކުރި މަސައްކަތެއްގެ ފެށުން ކަމަށެވެ. ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމުގެ ކަމެއް ހިނގާނަމަ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމަކީ ދުރުގައި އޮންނާނެ ކަމެއް ނޫނެވެ. ތާރީޚު އެކަމަށް ހެކިދެއެވެ.

ހަތެއް ފެބުރުއަރީ 2012 ވަނަ ދުވަހު ޖުމުހުރީ މައިދާނުަގައި ހިނގާދިޔަ ބައެއް ކަންކަން--ފޮޓޯ/ ވީިނިއުސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2012 ފެބްރުއަރީ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވީ ސިޔާސީ މަސްރަހުގައި ހިނގި ބޮޑެތި ހަމަނުޖެހުމަކަށްފަހުއެވެ. އޭރުގެ ވެރިކަން ކުރާ ޕާޓީ، އެމްޑީޕީ އާއި އޭރުގެ އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުންނާ ދެމެދު މާރާމާރީއެއް ހިނގިއެވެ. ސިފައިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ވެސް ހިނގިއެވެ. މުއައްސަސާތަކުގައި ހުޅުޖަހައި އަންދާލި މަންޒަރު ފެނުނެވެ. މިއީ ތާރީޚުން ފެންނަން ހުރި ހެކިތަކެވެ.

މިކަމުން އެނގިގެންދަނީ ވެރިކަން ވައްޓާލަން އުޅެފިނަމަ ރާއްޖޭގައި ހަމަނުޖެހުން ހިނގާނެ ކަމެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ވެސް ރާއްޖޭގެ ސިޔާސީ މަސްރަހު ގާތްގަނޑަކަށް ހަމަ އެފަދަ ހާލަތަކަށް ދިޔައެވެ. ނަމަވެސް އެފަދަ ބޮޑު ކުރިމަތިލުމަކަށް ދިއުމުގެ ކުރީން މިކަން ކޮންމެވެސް ގޮތަކަށް ހައްލުކުރެވުނީއެވެ.

ހަތެއް ފެބްރުއަރީގައި ބާޣީންގެ ގޮތުގައި މުޚާތަބު ކުރެވުނު ބަޔަކަށް މިއަދު ޣާޒީންނޭ ކިޔައި މުޚާތަބު ކުރި ނަމަވެސް ހަގީގަތަކީ އެދުވަހު ގައުމަށް ލިބުނު ބޮޑު ގެއްލުމުން އަދިވެސް އަރައިނުގަނެވޭ ކަމެވެ. މާލީ އަދި ނަފްސާނީ ގެއްލުން އަގު ނުކުރެވޭހާ ބޮޑެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ސަރުކާރުން ވެސް އޮތީ ތައްޔާރަށެވެ. އެހެން ނަމަވެސް، އެ އަމުރުގައިވާ ބައެއް ކަންކަން ތަންފީޒުކުރުމަށް ސަރުކާރަށް އުނދަގޫ ވުމުން، އެކަމާ މަޝްވަރާއަކަށް ސަރުކާރުން އެދުނެވެ. ނަމަވެސް އެކަމަށް ސަރުކާރުން ބޭންނުންވާ ފަދަ އެންމެ އެދެވޭ، ޖަވާބެއް ނުލިބުނެވެ. "ޑިއު ޕްރޮސަސް"ގެ ތެރޭން ކަންކަން ކުރިއަށް ގެންގޮސް އަމުރު ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން ލަފާދެއްވިއެވެ.

ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒުކުރިނަމަ ގަތުލުއާންމަކާ ހަމައަށް ދިޔުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ސަބަބަކީ ސުޕްރީމް ކޯޓުގެ އެ އަމުރަކީ ފަނޑިޔާރުންނަށް ރިޝްވަތުދީގެން އިދިކޮޅު ބައެއް ލީޑަރުންގެ ނުފޫޒުގައި ނެރެފައިވާ އަމުރެއް ކަމަށް ސަރުކާރަށް ތާއިދު ކުރާ މީހުން އޭރުވެސް ބުނަމުންދިޔުމެވެ.

ފެބްރުއަރީ 1، 2018: އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކި ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އިދިކޮޅުފަރާތްތަކުން މަގުމައްޗަށް ނުކުތުން -- ސަން ފޮޓޯ

ސަރުކާރުން ގާނޫނާ ޚިލާފަށް ކަންކަން ކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުންނަހެން، އިދިކޮޅު ފަރާތްތަކުން ގާނޫނާ ޚިލާފަށް ކަމެއް ކުރިޔަސް ސަރުކާރަށް ތާއީދު ކުރާ މީހުން މަގުމައްޗަށް ނުކުންނާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވިއެވެ.

"ހަމަ ގައިމުވެސް އަޅުގަނޑަށް ތާއީދުކުރާ މީހުންނަކަށް މަޑަކުން ނުތިބެވޭނެ މި ހުރިހާ މުޖުރިމުން ދޫކޮށްލާ އިރަކު. އެމީހުންގެ ފަރާތުންވެސް ބަޔަކު ނުކުންނާނެ. އެދިޔައީ ކޮން ކަމެއްތޯ؟ އެދިޔައީ އަޅުގަނޑުމެންގެ ތެރޭގައި ލާއިންސާނީ ތަޅާފޮޅުމަކަށް. އޭގެ ނަތީޖާ ފަހަރުގައި ހަމަ ގަތުލު ކުރުމާ ހަމައަށްވެސް ހިނގައްޖައިސް ކަންނޭންގެ. ހަމަ ގައިމުވެސް ޖިނާއީ ބޮޑެތި ކަންތައްތަކެއް ހިނގާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ފެބްރުއަރީ 3، 2018: ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަލާމަތީ ބާރުތަކުގެ އެތެރެ ހަލަބޮލިވި، އެއީ ނުރައްކަލުގެ އިންޒާރެއް

އެކެއް ފެބްރުއަރީގައި ފުލުހުންގެ އިސްވެރިންތިބީ ހުކުމް ތަންފީޒު ކުރާ ގޮތަށެވެ. ތިރީސް ތިން އަހަރަށް ޖަލަށް ލާފައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ދޫކޮށްލުމަށް ލޯންޗަށްވެސް އެރުވިއެވެ. ފުލުހުންގެ އެތެރޭގައި ހަމަނުޖެހުން ތަކެއް ހިނގައި ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ)ގެ ކޮމާންޑަރަކަށް މުޅިން އަލަށް މީހަކު ހަމަޖައްސައި އޭރުގެ އެސިސްޓެންޓް ކޮމިޝަނަރެއްގެ ބެލުމުގެ ދަށުން އަމުރު ތަންފީޒު ކުރުމަށް ޚާއްސަ ޓީމެއްވެސް ނެގިއެވެ.

މިއީ ހުކުމާ އެކު ފުލުހުންގެ ތެރޭގައި ހިނގި ބައެއް ކަންކަމުގެ އުސްއަލިތަކެވެ. ތަޖުރިބާކާރުން ބުނާ ގޮތުން އެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންގެ ހުރިހާ އިސްވެރިން އެއްބަސްވި ނަމަ ކުށްވެރިން ދޫކޮށްލަން ފަސް މިނިޓްވެސް ހޭދަނުވާނެއެވެ. އެއާއެކު ފުލުހުންގެ ތެރޭގައި ހަމަނުޖެހުންތައް އުފެދި ނިޒާމް ގެއްލިގެން ދާނެ ކަމަށް ތަޖުރިބާ ކާރުން ބުނެއެވެ. ސަބަބަކީ އެ ސާވިސްގެ ތެރޭގައި އެ ހުކުމަކީ ސައްޙަ ހުކުމެއް ކަމަށް ބަލައިނުގަންނަ ބަޔަކު ތިބޭނެތީއެވެ.

ފެބްރުއަރީ 1، 2018: އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކި ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އިދިކޮޅުފަރާތްތަކުން މަގުމައްޗަށް ނުކުތުން -- ސަން ފޮޓޯ

އެކަން އެގޮތަށް ވެގެންދިޔުމަށް ފުރުސަތުދިންނަމަ އެހާ ހިސާބުން ފެނުން އެންމެ ގާތީ 2012 ވަނަ އަހަރުގެ ހަތެއް އަދި އަށެއް ފެބުރުއަރީއެވެ. އެދުވަހު ފުލުހުންގެ ތެރޭގައި އޮތް ޗެއިން އޮފް ކޮމާންޑް ގެއްލި ބައެއް ފުލުހުންނާއި ފުލުހުން ވެސް ތަޅާފޮޅާ ހިސާބަށް ދިޔަ ގޮތަށް މިފަހަރުވެސް އެކަންވީހެވެ. އޭރުގެ ކޮމިޝަނަރު އަހްމަދު ފަސީހު އިންނަވާ ކޮޓަރީގެ ދޮރުކޮޅުގައި ތަޅައި އިސްކޮށް ތިބި ބައެއް ފުލުހުންނަށް އެ މުއައްސަސާގެ ބައެއް އޮފިސަރުންގެ ފަރާތުން ލިބުނު އަނިޔާވެރި އަމަލުތައް ތަކުރާރުވެގެން ދިޔައީހެވެ.

ސަލާމަތީ ބަރުތައް ހަލަބޮލިވެ އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަ ކުރުމަށް ތައްޔާރުވިތަން 2012 ވަނަ އަހަރު ފެބްރުއަރީ ހަތެއްގައި ފެނިގެންދިޔައެވެ. އެ ދުވަހު ކަން ހިނގައިދިޔަ ގޮތަށް ބަލާއިރު ސަލާމަތީ ބަރުތަކުގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ ބަޔަކީ ބަދަލު ހިފުމުގެ ރޫހުގައި ދަނޑިވަޅަކަށް ބަލައިތިބި "ގުރޫޕް" ތަކެވެ.

އެކެއް ފެބްރުއަރީގައި ނެރުނު އަމުރާއެކުވެސް އެފަދަ ކަންކަން ހިނގަން ފުރުސަތު ލިބުނު ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުންވަނީ ބުނެފައެވެ. އޭގެތެރޭގައި މާލޭގެ ދެ ގޭންގެއްގެ މެދުގައި ހަމަނުޖެހުން އުފެދޭނެ ގޮތަށް ކަންކަން ރާވާފައި އޮތް ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އޭގެ ސަބަބުން މާލެ ތެރޭގެ އަމަން އަމާންކަން ގެއްލި ލޭ އޮހޮރުވުން ތަކެއް ހިނގަން ފުރުސަތު ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ސިޔާސީ މައިދާން ހަލަބޮލިވާ ކޮންމެ ދަނޑިވަޅެއްގައިވެސް އެފަދަ އަމަލުތައް ވަނީ ހިނގާފައެވެ. ފެބުރުއަރީ އެއް ވަނަ ދުވަހުގެ ރޭ ބުރުޒުގުމަގުގައި އޮތް ކާރެއްގައި އަލިފާން ރޯވުމަކީވެސް އިއްތިފާގަކަށް ނުވާނެއެވެ. އަދި ސިޔާސީ މައިދާން ހަލަބޮލިވާ ކޮންމެ ފަހަރަކު މާލޭގެ ކުނިގޮނޑުގައި އަލިފާން ރޯވުމަކީވެސް އިއްތިފާގަކަށް ނުވާނެއެވެ.

އެގޮތަށް ގްރޫޕްތައް އެއްވެސް ހިފެހެއްޓުމެއް ނެތި މަގުމައްޗަށް ދޫކޮށްލައިފިނަމަ އެއް ގުރޫޕާއި އަނެއް ގުރޫޕް ތަޅާފޮޅައި ބޮޑު ލޭ އޮހޮރުވުމެއް އޮހޮރުމަށް ފުރުސަތު އެބައޮތެވެ. ހުކުމާ އެކު މަގުމައްޗަށް ދޫވާން ތިބި ކުށްވެރިންގެ ތެރޭގައި މާލޭގެ ގުރޫޕްތައް ކޮންޓްރޯލް ކުރާކަމަށް ބުނެވޭ މީހުންވެސް ތިބުމަކީ އެކަން އެގޮތަށް ހިނގައިފާނެ ކަމުގެ އެއް ހެއްކެވެ.

ފެބްރުއަރީ 1، 2018: އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކި ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އިދިކޮޅުފަރާތްތަކުން މަގުމައްޗަށް ނުކުތުން -- ސަން ފޮޓޯ

އަމުރު ނެރުމާއެކު އެމްޑީޕީ އަދި އިދިކޮޅު ސަޕޯޓަރުން އެ މީހުންގެ ހަރުގެ ކައިރިއަށް އެއްވެ އުފާފާޅުކުރާ މަންޒަރުތައް ފެނިގެން ދިޔައެވެ. އެއާއެކު އުފެދުނު ސުވާލަކީ ސިޔާސީ ބޭނުން ހާސިލް ކުރުމަށް ސަރުކާރުން ހިންގާ ޕާޓީންވެސް އިދިކޮޅާ ކުރިމަތިލާން ނުކުންނާނެ ކަމުގެ ސުވާލެވެ.

މާލޭ ތެރޭގައި ގޭންގް ހަރަކާތާއެކު ސިޔާސީ ފިކުރުގައި ތިބި އެކްޓިވިސްޓުން ތަޅާ ފޮޅަން ފެށުމާ އެކު ގައުމުގެ އަމަން އަމާންކަން ކޮންޓްރޯލުން ނެއްޓި ސަރުކާރުގެ މުއައްސަސާތަކަށް ޕްރެޝަރު ބޮޑުވެ މުޅި ގައުމު ހުއްޓުމަކަށް އަންނާނެއެވެ. އެ ހާލަތުގައި ދެން ފެންނާނީ ރާއްޖޭގެ ހާލަތު ހަމައަކަށް އެޅުވުމަށް އަމަން ބަލަހެއްޓުމުގެ ނަމުގައި ބޭރުގެ ސިފައިން ރާއްޖެ އަރާތަނެވެ.

"އިންޓްރޮޑިއުސް ލިޓްލް އެނާކީ. އަޕްސެޓް ދަ އެސްޓެބްލިޝްޑް އޮޑާރ.އެންޑް އެވްރިތިންގް ބިކަމް ކޭއޮސް" މިއީ މަޝްހޫރު އިނގިރޭސި ފިލްމް ބެޓްމޭންގެ ވިލަން ކެރެކްޓާރ ޖޯކަރު ބުނެފައިވާ އިބުރަތްތެރި ބަސްކޮޅެކެވެ.

ތަނެއްގައި ގާއިމުވެފައި އޮންނަ އަމަންއަމާން ކަމާއި ސުލްހަ މަސަލަސްކަން ފާލުން ނެއްޓިއްޖެ ނަމަ ހުރިހާ ކަމެއް ބަދަލުވެގެން ދާނީ ހަމަނުޖެހުމަކަށެވެ.

މިއިން އެނގެނީ އެދުވަހު ގެންނަން އުޅުނު ހާލަތެެވެ. އެ އަމުރު ނެރުމަށްފަހު އެއްގަޑިއިރު ތެރޭގައި ރައީސް ހައްޔަރު ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް އެއްގަޑިއިރުގެ ތެރޭގައި ހާލަތު ބަދަލުކޮށްލިއެވެ. އެ އެއްގަޑިއިރަކީ ކުއްލިއަކަށް ލިބުނު ވަގުތެކެވެ. ލޭއޮހޮރުމަކާ ހަމައަށް ނުގޮސް ގައުމުގެ ކަންކަން ހަމަމަގަށް އެޅިގެންދިޔައީ ކުއްލިއަކަށް ލިބުނު އެ އެއް ގަޑިއިރު ތެރޭގައި ގެނައި މުހިންމު ބަދަލު ތަކާ ހެދިއެވެ.

އެ އަމުރު ތަންފީޒު ކުރައްވަން އުޅުއްވި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް މަގާމުން ވަކިކުރެއްވީއެވެ. ސިޔާސީ މަސްރަހު ހަލަބޮލިކޮށް ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަމަށް ބުރޫއަރާފަދަ ކަންކަން ހިނގައިފާނެތީ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް ޔާމީން އިއުލާންކުރެއްވިއެވެ.

ފެބްރުއަރީ 1، 2018: އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކި ސަބަބުތަކަށްޓަކައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން އިދިކޮޅުފަރާތްތަކުން މަގުމައްޗަށް ނުކުތުން -- ސަން ފޮޓޯ

އެއްގަޑިއިރުގެ ތެރޭގައި އެފަދަ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅުއްވިނަމަ އަދިވެސް މި ގައުމު އޮންނާނީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައެވެ.

އަދި ނިންމާލެވޭކަށް ނެތް، ހަރުދަނާ ފިޔަވަޅުތަކެއް ބޭނުންވޭ

ރައީސް ޔާމީން ވިދާޅުވާ ގޮތަށް ނަމަ މި "އިއްޒަތްތެރި ބަގާވާތްފުޅާ" އެކު މިކަން އަދި ނިމުނީއެއް ނޫނެވެ. އިދިކޮޅުން ބުނެފައިވަނީ "ދެން ނަގާ ރާޅު އަދި މާބޮޑުވާނެ" ކަމަށެވެ.

އިދިކޮޅުން އަދި ތިބީ އިންތިހާބާ ހަމައަށް ގޮސްގެން ވެރިކަން ހޯދާފަދަ ގޮތަކަށް ނޫންކަން އެ ކޯލިޝަނުގެ އިސްވެރިންގެ ވާހަކަފުޅުތަކުން ވަރަށް ބޮޑަށް ދޭހަވެއެވެ. އަދި ހަމައިން ނެއްޓުނު ބައެއް މުއައްސަސާ ތަކުގެ އެތެރޭގައި ކަންކަން އަދި ހަމައަކަށް އެޅިފައި ނުވާތީ އެފަދަ އިތުރު ކަންކަން އަދި ކުރިމަތިވުން ގާތް ކަމަށް ސިޔަސީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސަށް ލިބިވަޑައިގަތް އެއްގަޑިއިރުގައި ވިސްނުންތެރިކަމާއެކު، މި ގައުމު ލޭ އޮހޮރުވުމަކަށް ނުދާނެހެން ކަންކަން ހަމަޖެއްސެވި ބީދައިން ކުރިއަށް ނަގަން ހުރި ބިޔަ ރާޅުތައް "މައިތިރި" ކުރުމަށް ވެސް މުހިންމު ބަދަލުތަކާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖަހޭނެކަމަށް ގަބޫލުކުރެވެއެވެ.

ރާއްޖޭގައި ފައްކާވަމުން އަންނަ ރައްޔިތުންގެ ބާރުން ފެށޭ ޑިމޮކްރަސީއަކީ، އެއިރެއްގައި ސަރުކާރާ އިދިކޮޅަށް ތިބޭ ފަރާތްތަކުން ހިތްހަމަ ހަމަނުޖެހޭ ކޮންމެ ފަހަރަކު ގަޑިއިރެއްގެ ތެރޭގައި ވެރިކަން ވައްޓާލެވޭ ފަދަ ނިޒާމަކަށް ވުމަކީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

comment ކޮމެންޓް