ކޮންމެ މީހެއްގެ ހަށިގަނޑުގައި ވަކި ކުލައެއްގެ ލޭ ހިނގާކަށް ނުޖެހޭނެ: ރައީސް ޔާމީން

ޔޫތް ނޭޝަންގެ ނަމުގައި މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިރާއްޖޭގެ ކޮންމެ މީހެއްގެ އަދި ކޮންމެ ޒުވާނެއްގެ ހަށިގަނޑުގައި ވަކި ކުލައެއް ލެޔެއް އަދި ވަކި ވައްތަރެއްގެ ވިސްނުމެއް ހުންނާކަށް ނުޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޔޫތު ނޭޝަންގެ ނަމުގައި މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތެއްގެ ގައިގައި ޕިންކު ލޭ ހިނގާކަށް ނުޖެހޭ ކަމަށާއި އަދި ކޮންމެ މީހެއްގެ ހަށިގަނޑުގައި ރީނދޫ ކުލައިގެ ލޭ ހިނގާކަށް ނުޖެހޭނެކަމަށެވެ.

ޔޫތް ނޭޝަންގެ ނަމުގައި ޕީޕީއެމް އިން ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ކޮންމެ މީހެއްގެ ގައިގައި ޕިންކު ކުލައިގެ ލޭ ހިނގާކަށް ނުޖެހޭނެ. ކޮންމެ މީހެއްގެ ހަށިގަނޑުގައި ރީނދޫ ކުލައިގެ ލޭ ހިނގާކަށް ނުޖެހޭނެ. ކޮންމެ މީހެއްގެ ހަށިގަނޑުގައި ވަކި ކުލައެއްގެ ލޭ ހުންނާކަށް ނުޖެހޭނެ. ވަކި ވިސްނުމެއް ހުންނާކަށް ނުޖެހޭނެ. ކޮންމެ މީހަކީ ވެސް ހަމަ ދިވެހި ދަރިއެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔޫތް ނޭޝަންގެ ނަމުގައި ޕީޕީއެމް އިން ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް ވިދާޅުވީ އެ މީހަކީ ޕިންކު ކުލައިގެ މީހެއް ވިޔަސް އަދި ރީނދޫ ކުލައިގެ މީހެއް ވިޔަސް އެ މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެން ޖެހޭނެ ކަމަށާއި މިގައުމަށް އޭނާއަށް ކޮށްދެވޭނީ ކޮން ކަމެއް ތޯ ބަލަން ޖެހޭނެ ކަމަށެވެ.

"ކޮންމެ މީހެއްގެ ވެސް މުސްތަގުބަލެއް އޮންނާނެ. އޭނާއަށް މި ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލަން ޖެހޭނެ. މި ކުއްޖާ ބުނާނީ ކީކޭ؟ 'ބަލާ ސިޔާސީ މީހުންނަށް، ބަލާ ރައީސް ޔާމީނާއި ރައީސް މައުމޫނާއި ރައީސް ނަޝީދަށް. އަހަރެން ނުވެދާނެ ރީނދޫ ކުލައަށް ނޫނީ ފިޔާތޮށި ކުލައަށް ނޫނީ ނޫ ކުލަ އަށް. ނަމަވެސް އަހަރެން ހިފަހައްޓައިގެން މިހުރީ ފެއްސާ ރަތާއި ހުދުގެ ދިދަ. މިއީ ވެސް ހަމަ ރައީސް ޔާމީނެކޭ އެއްވަރަކަށް އަހަރެންގެ ވެސް ގައުމު'" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔޫތް ނޭޝަންގެ ނަމުގައި ޕީޕީއެމް އިން ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް ވިދާޅުވީ، ބަދަލު ގެންނާނީ ޒުވާނުން ކަމަށާއި ބަދަލު ގެނައުމުގެ ހިތްވަރު ޒުވާނުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނު ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވީ މައްސަލަތައް ހައްލު ކޮށް ޒުވާނުންނަށް އުއްމީދުތަކެއް ގެނެސްދެއްވުމަށް ކަމަށެވެ.

comment ކޮމެންޓް