މިދިޔަ އަހަރު ގދ. ތިނަދޫގެ އިންޖީނު ގޭގައި ބަޔަކު ލައްވާ ގަސްތުގައި ރޯ ކޮށްލީ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތު ކުރައްވައިފިއެވެ.
ޔޫތް ނޭޝަންގެ ނަމުގައި މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރު ތިނަދޫގައި ކަރަންޓު ނެތި ތިން ރޭ ތިން ދުވާ ވަންދެން ރައްޔިތުން ގޮތް ހުސްވެފަ ތިބި ކަމަށާއި އެކަމުގެ ޒިންމާ އިދިކޮޅު ފަރާތްތަކުން ނަގަން ޖެހޭނެ ކަމަށެވެ.
"ތި ކުދިން ހަނދާން ހުންނާނެ ކަންނޭނގެ މިދިޔަ އަހަރު ތިނަދޫގައި ރައްޔިތުން ކަރަންޓު ނެތި ތިން ރޭ ތިން ދުވާ ވަންދެން ގޮތް ހުސްވެފަ ތިބި. ހަމަ ގަސްތުގައި އިންޖީނު ގޭގައި ރޯ ކޮށްލީ. ހަމަ ގަސްތުގައި ވެންޑަލައިސް ކުރީމަ. މިއީ އަހަރެމެންގެ އިދިކޮޅު މީހުން މި ޒުވާން ކުދިންނަށް ފީޑް ކޮށްގެން ކޮށްދޭ ކަންތައްތައް މިހުންނަނީ. އެކަހަލަ ކަންތައް ކޮށްގެން ކޮންބަޔަކަށް ގެއްލުން ވަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޖީނުގެ އަލުން އިމާރާތް ކޮށް ކަރަންޓު ދޭން ދިޔަ ފައިސާ ހޭދަކުރަން ނުޖެހުނުނަމަ އެތައް ޒުވާން ކުދިންތަކަކަށް ސްކޮޕަޝިޕްގެ ފުރުސަތު ލިބިގެން ދިޔައީސް ކަމަށެވެ.
ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ހާދިސާގައި އިންޖީނުގޭގައި ހުރި ހުރިހާ އިންޖީނެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އެ އިންޖީނުގޭގައި ރޯކޮށްލީ ކޮންބައެއް ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.
ރޭ ފަތިހު ކުރީގެ ސިޓީ ޕާކް ކައިރީ ސަބްސްޓޭޝަނެއްގައި ރޯކޮށްލި ހާދިސާ އަށް އަލި އަޅުވާލައްވަމުން ރައީސް ވިދާޅުވީ އެކަން ވެސް ކުރީ އިދިކޮޅަށް ނިސްބަތްވާ ދެ ކުއްޖަކު އިސްވެ ތިބެ ކަމަށާއި އެކަމުން ގެއްލުން ވީ ހަމަ ރައްޔިތުންނަށް ކަމަށެވެ.
"ރޭ ފަތިހު ބާ އިންޖީނުގެ ކައިރީ ސަބްސްޓޭޝަނެއްގައި އިދިކޮޅު ދެ ކުދިން ގަސްތުގައި ރޯ ކޮށްލީ. އެއީ ހަމަ ވެންޑެލިސަން. މި ހާދިސާގެ ސަބަބުން 59 ހައުސް ހޯލްޑު ތިބީ އިރުކޮޅަކަށް ނަމަވެސް ކަނު އަނދިރީގައި ތިބީ. ނިދާފައިތިބި ކުޑަ ކުދިން ހޭލާ ތިބީ. ފެންވަރަން ތިބި މީހުންނަށް ފެންނުވެރިފަ ތިބީ. ރައީސް ޔާމީން ދެރަވޭ ރައްޔިތުންނަށް މި ހާލުގައި އުޅެން ޖެހެންޔާ. އެކަމަކު މި ވެންޑެލިސަމް ކާކަކަށް މި ދެރަވަނީ. ހަމަ ރައްޔިތުންނަށް ދެރަވަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ބޭނުންކުރާ ސަބްސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮލާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.