ހިމާޔަތެއް ނެތިފައި

4 އޯގަސްޓް 2011 އާ ގުޅޭ

އާދަނުގެ އަނގައިން ކަމުގެ ހަގީގަތް ފަޅާއަރާކަށް މާގިނައިރެއް ނުނެގިއެވެ. އަޒުރާއަށް ޖެހުނީ ހަމަ ކުޑަ ކުޑަ ހިތްވަރެއްކޮއްލާށެވެ. އެއާއެކު މުޅިރަށަށް ސިއްރުވެފައިވާ ބަޝީރާގެ މަރުގެ ހަގީގަތް އާދަނުގެ ދުލުން ކިޔައި ދޭންފެށި އެވެ.
"ކޮންމެ ދުވަހެއްގެ މެންދުރު ކެއުން ނިންމާލާފަ ބަޝީރާ ދާނެ ފަންގިވިންނަ ގުރޫޕާއެކު ފަންގިވިންނަން، ގޮއްސަ އަންނާނީ އަސުރު ނަމާދަށް، އަޒޫއަށް އެނގޭތަ، ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއްދުވަހޭ ބުނަނީ ހަމަ ހެޔޮކޮށް، މަށަކަށް ވެސް ނޭގޭނެތާ އެދުވަހު ވިންނާނެ ފަންގިއެއް ނުހުންނާނެކަމެއް، އެދުވަހު ބަޝީރާ ގެއަށް އައީ އަސުރު ނަމާދަށް ގޮވުމުގެ މާކުރިން، އޭރު އަހަރެން ނަރީމާގެ ކޮޓަރީގައި... ބަޝީރާ ހަޅޭލަވައިގަތް އަޑަށް ހޭވެރިކަމެއް ކިރިޔާވެސްވީ، ބަޝީރާ ވަގުތުން އަހަރެން ކައިރިން ވަރިއަށް އެދުނު، އެކަން މަނާ ކުރީ ނަރީމާ، އޭނަ ބުނީ ބަޝީރާއަށް އުނދަގޫވަންޏާ ނުބަލާށޭ.... އަނެއްކޮޅުން ބަޝީރާ މަގޭ ކައިރިން ވަރިވެގެން އުޅޭނީ ކިހިނެތް، އޭނައަށް ހުރިހާ ކަމެއްކޮއްދޭން ހުރި ހަމައެކަނި މީހަކީ އަހަރެން، އޭގެ ފަހުން އަހަރުމެންނަށް ފެނުނީ ދަންޖެހިފަ ހުއްޓަ، އެކަންވެސް އެ ނިމުނީނު، ދެން އަޒޫ މަށާ އިންނަންވީނު، އަހަރެން ރާނީއެއް ފަދައިން އަޒޫ ގެންގުޅޭނަން، އަދި ބުނަން މިވާހަކަތައް ބޭޒާރު ނުކުރާނެކަމުގެ ޔަގީންކަންް.... އަދި ރަނގަޅު ހަދިޔާއެއ ްވެސް ދޭނަން" އާދަނު ވާހަކަދެއްކިއެވެ.
"އަހަރެން ކީއްކުރަން އާދަނު ބޭޒާރު ކުރަންވީ، އާދަނުވެސް މަގޭ އަގު ހިފަހައްޓަމެއްނު" އަޒުރާ ހިނިތުންވެލަމުން ބުނެލި އެވެ.
އުޑުމަތިން ރަތްވިލާގެ ކުލަވަރު ދައްކާލިއިރު އަޒުރާ އަޝްހަރުގެ ސައިކަލު ފަހަތުގައި ގެއާއި ދިމާލަށް މިސްރާބުޖަހައިފި އެވެ. މާގިނައިރެއްނުވެ ގެއަށް އާދެވުމާއިކު އަޒުރާ ގޭދޮރުމަތީ އޭރުވެސް ބަލަން އިން އަޝްހަރަށް ތުއި ދެއްކެމުން ފަރިގޮތަކަށް ހިނގާލާފައި އައިސް ގޭތެރެއަށް ވަނެއެވެ. އަޒުރާއަށް އޭނަގެ ކޮޓަރިއަށް ވަދެވުމާއިއެކު އިތުރު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ކޮޓަރިތެރެ ސާފުވެފައި އޭނަގެ އެނދުގެ ތަންމަތި އާޅާފައި އޮތުމާއި އޭނަގެ ޑްރެސިންގ ޓޭބަލްމަތިވެސް ސާފުކޮށް އެއްޗެހިތައް ތަރުތީބުކޮއްލާފައި ހުރިތަން ފެނިފައެވެ. ލައިބާގެ ކުޅަދާނަ ކަމާއި މުރާލިކަމަށް ތައުރީފު ހައްޤުވާކަން ކުޑަ ސިކުންތު ކޮޅަކަށްވިޔަސް އަޒުރާގެ ހިތަށް އެރިއެވެ. ހިނިއައިސްފައި މުޅިކޮޓަރިއަށް ބަލަން އިރުކޮޅަކު އަޒުރާއަށް ހުރެވުނެވެ. އަދި ކަމެއް ހަނދާންވެގެން ދިޔަހެން ފާހާނާއާއި ދިމާލަށް ދިޔައެވެ. އާއެކެވެ. އޭނަ ބަލަން ބޭނުންވީ ލައިބާ އެތަނުގައި އޭނަ ބަހައްޓާފައި ދިޔަ އެއްޗެހިވެސް ނެގިތޯއެވެ. ހުރިހާ ކަމެއްވެސް ކޮއްފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. އަޒުރާ ކޮޓަރިން ނުކުމެގެން ގޮސް ލައިބާގެ ކޮޓަރި ބަލާލިއެވެ. އޭރު ލައިބާ އޭނާގެ އެނދުގެ ބިއްދޮށަށް އެނބުރި ކުރުގެޅިލައިގެން އޮތެވެ. އަޒުރާ ގޮވާލަން ހިތައް އަރާފަ ދެފަހަރަކު އަނގަހުޅުވާލިއެއްކަމަކު ދެފަރާތަށް ބޯހޫރުވާލަމުން ކޮޓަރި ދޮރުލެއްޕިއެވެ. އަދި ބޮޑުއަށިމަތީ އިން ޔަޒާންއަށް ބަލާލާފައި ސުވާލުކޮއްލިއެވެ.
"ލައި ނިދާފަތަ؟" އަޒުރާ އަހާލިއެވެ. އޭނަ ލައިބާއަށް ލައިގެ ނަމުން މިފަހަކަށް އައިސް ގޮވާނުލާތާ ލައްކަ ދުވަސްވެއްޖެއެވެ.
"ނޭނގެ، ވެދާނެ ނިދީކަމަށްވެސް" ޔަޒާން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.
ހުންވައްތަރުވެ ގައިގާ ރިއްސާލާއިރަށް ލައިބާ ބަލަނީ އަވަހަށް ޕެނެޑޯލް ގުޅައެއް ކާލެވޭތޯއެވެ. ޑޮކްޓަރަށް ދާން ބޭނުންނުވާތީއެއްނޫނެވެ. އެކަމަށްވެސް އެދެން ޖެހޭނީ އަޒުރާގެ ގާތުންކަމަށް ވީތީއެވެ. މިހާރު ލައިބާ އެހާލުގައި އުޅޭތާ ތިންމަސްވެގެން ދިޔައީއެވެ. އެއްގޭތެރޭގައި އުޅޭއިރު އަޒުރާއަށް ލައިބާގެ ހާލު ބަލާލެވޭކަމަކަށްނުވެއެވެ. އެގޮތުން ހެނދުނު ސައިބޯން ބަދިގެ ފަރާތަށް އަޒުރާ އައިވަގުތެވެ. ގިފިލި ތެރެއިން މީހަކު އޯކަށްދެމޭއަޑުއިވޭތީ އޭނަ އެދިމާލަށް ދިޔައެވެ. އޭރު ގިފިލީގައި ބަހައްޓާފައި ހުރި ތިރިތައްޓަށް ގުދުވެއޮވެ ލައިބާ ހޮޑުލަނީއެވެ. ކައިރީގައި ފެންދާންޏެއް ނަގާފައި ހުއްޓެވެ. އަމިއްލައަށް މޭގައި ފިރުމަމުން އަނެއްއަތުން ބޮލުގެ އިސްތަށިތަށް މޫނުމައްޗަށް ވެއްޓުނަ ނުދޭން ލައިބާ އުޅުނެވެ.. އެތަން ބަލަން ހުރި އަޒުރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަކަން ފާހަގަވިއެވެ. އޭނަ ތަފާތު ނަޒަރަކުން ލައިބާއަށް ބަލަމުންދިޔައެވެ. އެހެންނަމަވެސް ލައިބާ އެނބުރިލަންވާއިރަށް އަޒުރާ އަވަސް އަވަހަށް ގޮސް ބަދިގެތެރެއަށްވަދެއްޖެއެވެ. އޭނަ މޭޒުކައިރީގައި އިން ގޮނޑި ދަމާލާފައި އިށީނެވެ. ހީވަނީ ކޮންމެވެސް ފިކުރެއްގެ ތެރެއަށް ގެއްލިހުރެ އިށިންހެންނެވެ. ބަދިގެއަށްވަނީ ސައިބޯންކަންވެސް އަޒުރާ ހަނދާންނެތުނީ ކަންނޭގެއެވެ.
"ބަލީތަ؟" ފިކުރެއްގެ ތެރޭއިން އަޒުރާއަށް ލައިބާ ބަދިގެއަށް ވަނުމުން އަހާލެވުނެވެ.
"ނޫން" އަވަސް އަވަހަށް ލައިބާ ބުނެލިއެވެ.
"މަށަށް ސައިތައްޓެއް އަޅާބަލަ، ރޮށި ފިހުނިންތަ، ރަޒިއްޔާމެންގޭ ފޮނުވިއެއްނު މަސްވެސް، ލައިގެންކާނެ އެއްޗަކަށް ކޯއްޗެއް ހެދީ" އަޒުރާ ދާންބޭނުންވި މަޢުލޫ މަޑުޖައްސާލަމުން އެހެން ސުވާލުތައް ކުރަންފެށިއެވެ.
"ހޫމް...ހުރިހާ އެއްޗެއް ހެދިން، ރިހަވެސް ކައްކައިފިން، އެކަމަކު ގަރުދިޔައެއް ނުހުންނާނެ" ލައިބާ އަޒުރާއަށް ސައިހަދައިދޭން އުޅެމުން ބުނެލިއެވެ.
މައްސަލައެއްނެތޭ، މަ މިއިނީ ވަރަށް ބަނޑުހައިވެފަ، އަވަސްކޮއްބަލަ" އަޒުރާ ގަސްދުގައި ރުންކުރުގޮތަކަށް ބުނެލިއެވެ. އެހެންނަމަވެސް އޭނައިނީ ލައިބާގެ ސިއްހަތާއި ދޭތެރޭ ސުވާލު އުފެދިފައެވެ. ސިކުނޑީގައި ހަޖަމުކުރަން ދަތި ހިޔާލުތަކެއް އެނބުރިގަތެވެ.
އެދުވަހަށްފަހު ހަފްތާއެއް ވޭތުވެގެން ދިޔައިރު ލައިބާއަށް ހުންނަނީ ފާޑަކަށް އުނދގޫވެފައެވެ. އެކަމަކު އެއީ އަޒުރާ އާއި ހެދިއެވެ. އޭނަ ހެނދުނު ލައިބާ ބަދިގެއަށް ވަދެއުޅޭގަޑީގައި އާދެއެވެ. އަނެއްކޮޅުން މެންދުރަށް ކައްކަން އުޅޭއިރުވެސް އާދެއެވެ. ލައިބާއަށް ހީވެފައި އޮންނަނީ އަޒުރާ އޭނަގެ ކަންތައްތަކަށް ފާރަލަނީކަމުގައެވެ. ކުއްލި ކުއްލިއަށް ލައިބާއާއި ދިމާލަށް ހަޅޭލަވައިގަނެ އެއްޗެހި ގޮވާ އަނިޔާކޮށް ހެދުން ތަންފުކެއް މަދުވެއްޖެއެވެ. އެހެންނަމަވެސް އަޒުރާ އެދަނީ ވަރުގަދަ ރޭވުމެއް ރާވާ ބޮޑު ހުޅުގަނޑެއް ޖެހުމަށް ދަރުއެއްކުރަމުންކަން ލައިބާއަށް ވިސްނުނެވެ.
"އާދެބަލަ ތިކާއެއްޗެއް ކާން މިތަނަށް" އަޒުރާ މެންދުރުކާން ބަދިގޭގައި އިނދެ ލައިބާއަށް ގޮވާލިއެވެ. އެއާއިއެކު ބަދިގެ ބޭރުން ވަށައިރާނާފައި ހުރި ފާރުބުރީގައި ލެނގިލައިގެން ހުރި ލައިބާ ކުންނާރު އަޅާފައިވާ ކޮތަޅާއި އަތުގެ ތެރޭ ލޮނުއަޅާފައި އޮތް ކެޔޮފަތް ހިފައިގެން ބަދިގެތެރެއަށް ވަނެވެ.
"ކޯޗެއްތަ ތިކަނީ ކޮންމެ ދުވަހަކު މާވަރު ދައްކާފަ" އަޒުރާ ލައިބާގެ އަތުގައި ހުރި އެއްޗެހި ބަލާލިއެވެ.
"ކުންނާރާ ލޮނާ ޖަހައިގެން" ލައިބާ ފާޑަކަށް ބުނެލިއެވެ. އަޒުރާ މާރަނގަޅުވެގެން އޭނަ އާއި ވާހަކަދައްކަން މަސައްކަތްކުރާތިއެވެ.
"ކަލޭ ބަނޑުބޮޑީތަ" އަޒުރާ އެއްޗެއް ނުބުނެއިނދެފައި ކައިނިންމައިގެން ތެދުވެ ސިންކުދޮށުގައި އަތްދޮންނަން ހުރެ ބުނެލިއެވެ.
"ބަނޑުބޮޑޭ...ތިބުނީ ބަނޑުގަ ކުޑަކުއްޖަކު އޮންނަ ވާހަކަތަ؟ މަގޭބަނޑުގަ ދެން ކުޑަކުއްޖަކު އޮންނާނެތަ؟" ލައިބާއަށް ލިބުނީ ހައިރާންކަމެވެ. އޭނަގެ ސިކުނޑިއަކަށް އެއްގޮތަކަށްވެސް އެހެންވާންވީ ސަބަބެއް ނުވިސްނުނެވެ. އަދި އަޒުރާ އެހެން ބުނަންވީ ސަބަބެއްވެސް ނޭގުނެވެ.
"ހޫނ.... ދެން ވަރިހަމައޭ، ކަލޭ ބޭރަށް ނުކުމެ ހަދައިގެން ނުވާނެ މަނުބުނަނިސް، ދޭ ގޮސް ކޮޓަރީގަ އޮވޭ" އަޒުރާ ފުރަގަސްދީގެން ހުރެ ބުނެލިއެވެ.
ލައިބާ އަޒުރާއަށް ބަލާލަމުން ތުންއަނބުރާލިއެވެ. އަދި ތެދުވެގެން އޭނަ ކާންއިން އެއްޗެހި ހިފައިގެން ގޭތެރެއަށް ދިޔައެވެ. އަޒުރާ އެނބުރިލިއިރު ލައިބާ ދަނީއެވެ. އޭނަ ބަދިގެ ދޮރުމަތީ މަޑުކޮއްލީ ލައިބާ ގޭތެރެއަށް ވަންނަންދެންނެވެ. އޭނަ ވަންތަން ފެނުމާއިއެކު އަވަސް އަވަހަށް ބަދިގެތެރެއަށް ދެމިގަންނަމުން މޭޒުމަތީ ކާންވެގެން ބޭއްވި އޭނަގެ މޯބައިލް ފޯނުނަގާ ނަދީމާއަށް ގުޅާލިއެވެ.
"ކީއްކުރާ ހޯމްކިޓެއް، އަޒޫއަކަށް ބޭނުމެއްނުވާނެއެއްނު، އަނެއްކާ ކާކަށް ތިއުޅެނީ ހޯދަދޭންވެގެން" އަޒުރާ ދެއްކި ވާހަކައަށް ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުންދިޔަ ނަދީމާ ޖަވާބުދެމުންދިޔައެވެ.
"މިއުޅެނީ ވަރަށް ބޮޑުކަމެއް ވެގެން، ފޯނުންނެއްނޫން، އޭގެ ކިޓެއް ހިފައިގެން އާދެބަލަ އަހަރުމެން ގެއަށް، ޑިއުޓީ ނިމޭނެއެއްނު އިރުކޮޅަކުން، ޕްލީޒް ނަދީ.... ވަރަށް އާޖަންޓުކޮށް" އަޒުރާ ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލިއެވެ.
އަޒުރާއަށް އޭނަގެ ކޮޓަރި ތެރޭގައި ހުރިއިރުވެސް ވިސްނެނީ ލައިބާގެ ފަރާތުން ކުއްލިއަކަށް އޭނައަށް ފާހަގަކުރެވުނު ކަންތައްތަކެވެ. ހޮޑުނުލާ އެންމެ ދުވަހެއްވެސް ނުދެއެވެ. ކާއެއްޗެހި ހަދަން އުޅޭއިރު ނުބައިވަސް ދުވާތީ މޭނުބައި ކުރާތީ އުޅެއެވެ. އަބަދުވެސް ކޮންމެވެސް އެއްޗެއް ކާލަ ކާލަ ހުންނަތަންވެސް އަޒުރާއަށް ފާހަގަ ކުރެވިއްޖެއެވެ. ތަންކޮޅެއް ކުރިން އޭނައަށް ލައިބާއަށް ސަމާލުކަމެއް ދެވުނުނަމައޭ ހިތްބުނަންފަށައިފިއެވެ. ލައިބާދެކެ ރުޅިއަންނަންވީކަމެއް ނޫނީ ދެން ހަދަންވީ ކިހިނެތްކަމެއް އަޒުރާއަކަށް ނުވިސްނެއެވެ. ކޮންމެގޮތެއްވިޔަސް ލައިބާ ބަލިވެ އިނދެއްޖެނަމަ މުޅި ރަށަށް ބޮޑު ބޭޒާރަކުން އަޒުރާމެން ބޭޒާރުވާނެކަން ގައިމެވެ. އެކަމަކު ލައިބާ ބަލިވެ އިންނަންވީ ކީއްވެހެއްޔެވެ. އަޒުރާ ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެ އަމިއްލަ ނަފްސާ އެކިއެކި ސުވާލުތައް ކުރަމުންދިޔައެވެ. ނަދީމާ އަންނާނީ ކިހާ އަވަހަކާއި ބާއޭ އަޒުރާ ހިތަށް އަރަމުންދިޔައެވެ. އޭނަ އެކަމަކަށް ބޭނުންވެފަ ހުރިވަރުން ގަޑީގެ ކަށިވެސް ހީވަނީ މާމަޑުން ހިނގާހެންނެވެ. ކޮންމެ ފަހަރަކު ކޮޓަރި ފާރުގައި ހުރި ގަޑި އަށާއި އަތުގައި އޮތް ފޯނުގެ ގަޑިއަށް ބަލާލައެވެ. އޭނަގެ ހީ ޔަގީނަކަށް ބަދަލުކުރެވެން އޮތީ ހަމަ ނަދީމާ އައި އިރަކުންނެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު