ޕަރީ: އަސްލު ބިރުވެރި ފިލްމަކަށް ވާނެބާ؟

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރްމާ ޕްރޮޑިއުސް ކޮށްފައިވާ ބިރުވެރި ފިލްމު 'ޕަރީ' ގެ ޓްރެއިލާ މިވަނީ އާންމުކޮށްފައެވެ.

އިއްޔެ ޔޫޓިއުބުގައި ފިލްމުގެ ޓްރެއިލާ އާންމުކޮށްފައި ވާއިރު، މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޓްރެއިލާ ބަލައިފައެވެ. އަދި ގިނަ ބަޔަކަށް ވަނީ ޓްރެއިލާ ކަމުގޮސްފައެވެ.

ގިނަ ބަޔަކު ބުނަމުން އަންނަނީ ގައިން ހީބިހި ނަގާ ވަރަށް ފިލްމުގެ ޓްރެއިލާ ބިރުވެރި ކަމަށެވެ. އަދި ފިލްމަކީ މޮޅު ފިލްމަކަށް ވާނެ ކަމަށް މިހާރު ވެސް ގަބޫލުކުރެވިއްޖެ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ބިރުވެރި ހިންދީ ފިލްމުތައް ރިލީޒްކުރެ އެވެ. ނަމަވެސް މާ މޮޅު، އަދި އާންމުންގެ ތަރުހީބު ލިބުނު ފިލްމެއް ފަހަކަށް އައިސް ފެނިގެން ގޮސްފައެއް ނުވެ އެވެ.

ރާތު (1992)، ރާޒް (2002)، ބޫތު (2003) ފަދަ ފިލްމުތަކަކީ މޮޅު ފިލްމުތަކެކެވެ. އަދި 'ވޯ' އަކީ ހިންދީ ސިނަމާއަށް ލޯބިކުރާ ފަރާތްތަކުގެ ނިދި ޚަރާބު ކޮށްލި، މޮޅު ޝޯވ އެކެވެ.

ނަމަވެސް ބިރުވެރި ފިލްމުތަކަށް ވުރެ ބޮޑަށް މިހާރު ފެނިގެން ދަނީ ކޮމެޑީ ޖޯންރާ މަސްހުނި ކޮށްފައިވާ ފިލްމުތަކެވެ. ނުވަތަ އިރޯޓިކް-ހޮރަރ ފިލްމުތަކެވެ. އެހެންކަމުން ހަގީގީ ބިރުވެރި ފިލްމެއް ސިނަމާތަކަށް އައިސްފައި ނުވެޔޭ ބުނުން ގޯހަކަށް ނުވާނެ އެވެ.

ވިކްރަމް ބަޓް އަދި ރާމް ގޯޕާލް ވަރްމާގެ މަސައްކަތުން ވެސް ރަނގަޅު ބިރުވެރި ފިލްމެއް އަދިވެސް އުފެއްދިފައި ނުވާތީ ގިނަ ބަޔަކު ވަނީ ހިންދީ ބިރުވެރި ފިލްމު ބެލުން ހުއްޓާލައިފައެވެ.

އެހެންނަމަވެސް އަނުޝްކާގެ 'ޕަރީ' އާއެކު ބިރުވެރި ހިންދީ ފިލްމެއް ބަލައިލަން ކެތްމަދުވެފައި ތިބި މީހުންނަށް އުންމީދެއް ލިބިއްޖެ ކަމަށް ބެލެވެ އެވެ. އަދި އެ ޖޯންރާއަށް ކުރިމަގު އެބައޮތް ކަމަށް ވެސް ގިނަ މީހުން ގަބޫލު ކުރެ އެވެ.

އަނުޝްކާ، ޕަރަމްބްރާތާ ޗެތަރްޖީ، ރަޖަތު ކަޕޫރު އަދި ރިތާބަރީ ޗަކްރަބޯޓީ މުހިންމު ރޯލުތަކުން ފެނިގެންދާ 'ޕަރީ' ރިލީޒް ކުރާނީ އަންނަ މާޗު މަހުގެ ދެވަނަ ދުވަހު އެވެ. ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ ޕްރޮސިތު ރޯއީ އެވެ.

comment ކޮމެންޓް