ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަން ކޮންކްރީޓުގެ މަސައްކަތް ފަށައިފި

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ -- ފޮޓޯ: މިނިސްޓަރު މުއިއްޒު

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކިންގް ސަލްމާން މިސްކިތުގެ ކޮންކްރީޓް ފައުންޑޭޝަންގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނުސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ސައުދީ އަރަބިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކިންގް ސަލްމާނު މިސްކިތުގެ ފައުންޑޭޝަން ކޮންކްރީޓުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. އެ މިސްކިތަކީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތަށް ވާއިރު އެ މިސްކިތް އަޅަނީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މަޝްރޫގެ އަގަކީ 24.95 މިލިއަން ޑޮލަރެވެ.

ކިންގް ސަލްމާން މިސްކިތް އަޅަނީ އާޓިފިޝަލް ބީޗްގެ އުތުރަށް އޮތް ބިމުގައެވެ. ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ހަ ފަންގިފިލާ ހިމެނެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައިވެ އެވެ.

މިސްކިތުގައި އޮޑިޓޯރިއަމަކާއި މަލްޓި ޕާޕަސް ހޯލެއް ވެސް އެތަނުގައި ގާއިމުކުރެވިގެންދާނެ އެވެ. މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް އެތަނުގައި ހެދުމަށް ވަނީ ނިންމާފައެވެ.

އެ މިސްކިތުގައި މާބުލް ޖަހާފައިވާ ސަރަހައްދާ އެކު ޖުމްލަ 10000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެ އެވެ.

comment ކޮމެންޓް