ސާލަހަކީ މޮޅު ކުޅުންތެރިއެއް، އެހެން ނަމަވެސް މެސީއާ އަޅައެއް ނުކިޔޭނެ: ޖެރާޑް

ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް --- ފޮޓޯ/ އޭއެފްޕީ

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހަކީ ވަރަށް މޮޅު ކުޅުންތެރިއެއް ނަމަވެސް ބާސެލޯނާގެ ލިއޮނަލް މެސީއާ އަޅާ ކިޔުމަކީ އިންސާފެއް ނޫން ކަމަށް ލިވަޕޫލް ލެޖެންޑް ސްޓީވަން ޖެރާޑް ބުނެފިއެވެ.

ލިވަޕޫލަށް 500 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ޖެރާޑްވަނީ އެޓީމާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. ފުޓުބޯޅަ އެނަލިސްޓެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޖެރާޑް، ލިވަޕޫލްއިން ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗާ ގުޅިގެން ވާހަކަ ދައްކަމުން ބުނީ ސަލާހަކީ ހުނަރުގެ ގޮތުން ވަރަށް ތަފާތު ކުޅުންތެރިއެއް ކަމަށެވެ.

ޗެމްޕިއަންސް ލީގު ގަދަ 16ގައި ރޭ ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި ޕޯޓޯ ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ސަލާހްގެ ފަރާތުން މޮޅު ގޯލެއް ފެނިގެންދިޔައިރު، ޖެރާޑް ބުނީ ސަލާހްގެ ގޯލަކީ ފުޓުބޯޅައިގެ ޖާދޫ ވަރަށް ރަނގަޅަށް ދައްކުވައިދިން ގޯލައެއް ކަމަށެވެ.

"ސަލާހްގެ ގޯލައަކީ ފުޓުބޯޅައިގައި މަދުން ނޫނީ ނުފެންނަ ފަދަ ޖާދުލެއް ދައްކާލި ގޯލައެއް. ސަލާހަކީ ތަފާތު މޮޅު ކުޅުންތެރިއެއް." ޖެރާޑް ބުންޏެވެ.

ޖެރާޑް ބުނީ ސަލާހަކީ ކިތައްމެ ހުނަރުވެރި ކުޅުންތެރިއެއް ނަމަވެސް މެސީއާ އަޅާ ކިޔުމަކީ އިންސާފެއް ނޫން ކަމަށެވެ.

"އެންމެ ގޯލައަކުން ސަލާހްގެ ކުޅުމާއި، މެސީގެ ކުޅުމާއި އަޅާ ކިޔުމަކީ އިންސާފެއް ނޫން. ސަލާހުގެ ކެރިއަރަކަށްވެސް ރަނގަޅު ކަމެއް ނޫން މެސީއާއި އަޅުވާ ކިޔުމަކީ،" ޖެރާޑް ބުންޏެވެ.

ރޭގެ މެޗުގައި ސަލާހް ޖެހި ގޯލައަކީ މިހާތަނަށް ލިވަޕޫލް ޖާޒީގައި އޭނާ ޖެހި 30 ވަނަ ގޯލައެވެ. ސީޒަންގައި 30 ގޯލް ހަމަކޮށް ސަލާހް ވެފައިވަނީ ޝުއަރޭޒަށްފަހު ލިވަޕޫލްއަށް އެއް ސީޒަނެއްގައި 30 ގޯލް ކާމިޔާބުކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.

comment ކޮމެންޓް