މުއިއްޒު ބައްދަލުކުރެއްވީ އެއްވެސް އިޚްލާސްތެރި މަގްސަދެއް އޮވެގެނެއް ނޫން: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދު-- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ މަންދޫބެއްގެ ހައިސިއްޔަތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާ ބައްދަލުރައްވާފައިވަނީ އެއްވެސް އިޚްލާސްތެރި މަގުސަދެއް އޮވެގެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަންދޫބުން ފޮނުވައިގެން އުއްތަމަ ފަނޑިޔާރާ ބައްދަލުކުރަމުން އެ ގެންދަނީ ކުރެވެމުންދާ ތަހުގީގަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ވާހަކަ ދެއްކުވުމަށް ބާރު އަޅައި ދުނިޔެއަށް މަންޒަރު ދެއްކުމުގެ ގޮތުންކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުންނެވި އަޅުގަނޑުމެންގެ މުވައްކިލު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާ އެއްވެސް ފަރާތަކުން ބައްދަލުކުރާނަމަ، އެކަން އަޅުގަނޑުމެންނަށް އެންގުމަށާއި، އެފަދަ ބައްދަލުވުންތައް ޤާނޫނީ ވަކީލުންގެ ހާޟިރުގައި މެނުވީ ކުރިއަށް ނުގެންދެވުމަށް މޯލްޑިވްސް ޕޮލިސް ސަވިސް އަށް ގޮވާލަން،" ބަޔާނުގައި ބުނެފައިވެއެވެ.

ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާ މެދު ފުލުހުންގެ ފަރާތުން ކަސްޓޯޑިއަލް ސެންޓަރުގެ ގަވާއިދުތަކާ އެއްގޮތަށް ރަނގަޅަށް އަމަލުކުރާ ވާހަކަ އެއްވެސް ބޭފުޅެއްގެ އަރިހުގައި ވިދާޅުވެފައެއްނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބަހައްޓާފައިހުރީ އިންސާނުން ބަހައްޓަން އެކަށީގެންވާ ފަދަތަނެއްގައި ނޫން ކަމުގައި ރައީސް ޔާމީންގެ މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އިއްޔެގެ ވަގުތެއްގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުންވެސް އެމަނިކުފާނާ ބައްދަލުކުރެއްވިކަމަށާއި، އެބޭފުޅުންނަށްވެސް އެމަނިކުފާނާމެދު ކަންތައްތައްކުރެވޭގޮތުގެ ތަފްސީލް ކިޔައިދެއްވާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ގަވާއިދުގެ ދަށުން ދުވާލަކު އެއްފަހަރު އުއްތަމަ ފަނޑިޔާރު ގޮޅިން ބޭރުގައި ކަސްރަތުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން އެމަނިކުފާނު ކުރައްވާނަމަ، އެމަނިކުފާނު ގޮޅިން ނެރެވޭނީ ފުރަގަހަށް ބިޑި އަޅުވައިގެންކަމަށް ފުލުހުން އިއްޔެ އަންގާފައިވާ ކަމަށެވެ.

އަބްދުﷲ ސައީދު ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ސާބިތު ހެކި ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެ ފުލުހުން އެމަނިކުފާނު ހައްޔަރުކުރީ މިމަހުގެ ފަސްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

comment ކޮމެންޓް