މާދަމާގެ އެއްވުން ސުލްޙަވެރިއެއް ނުވާނެ، ފުރުސަތެއް ނުދޭނަން: ފުލުހުން

ފުލުހުންގެ ތަރުޖަމާނު ޝިފާން ވާހަކަދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މާދަމާ އިދިކޮޅު ފަރާތްތަކުން މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުން ސުލްހަވެރި ނުވާނެ ކަމަށާއި އެ ކަމަށް ފުރުސަތެއް ނުދޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، އެކި ރަށްރަށުން މީހުން އެއްވެ، މާދަމާ ބޮޑު އެއްވުމަށް ބާއްވަން އިދިކޮޅު ދަނީ ތައްޔާރުވަމުންނެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އިދާރާގެ ތަރިޖަމާނު ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މައްސަކަތް ކުރަމުންދާ ކަމުގެ ސިއްރު މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"ކުއްލު ނުރައްކަލުގެ ޙާލަތުގައި ގާނުނު އަސާސީގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާ ސަސްޕެންޑު ކޮށްފައިވާތީ، މި ހާލަތުގައި އެއްވެ އުޅުމުގެ ފުރުސަތު މާދަމާ ދެވެނެ ނެތް ވާހަކަ ދަންނަވަން. އެހެންކަމުން އެއްވުމުގައި ބައިވެރިވުމަށް ގޮވާލާ ގޮވާލުމަށް އެއްވެސް ރައްޔިތަކު އިޖާބަ ނުދިނުމަށް އިލްތިމާސް ކުރަން. އަދި ގާނޫނާ ހިލާފަށް މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނަން." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިކަމުގެ ތެރެއިން ތަފާތުއެކި މީހުން ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ގާނޫނާއި ހިލާފަށް އެއްވެ ހަމަނުޖެހުން ހިންގާ ރާވާ އަދި މީހުން އެފަދަ ކަންކަމުގައި ބައިވެރިކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ދޭތެރޭ ވެސް ގާނޫނީ ގޮތުން އަޅަން ޖެހޭ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ރޭ މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް އަލިފާން ރޯކޮށްލާފައި ވާކަމަށާއި މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފަރާތެއް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

"މީގެ ކުރިން އައްޑޫގެ ގެޔެއްގައާއި ދެ ތަނެއްގައި ވަނީ ރޯކޮށްލާފައި. މި މައްސަލާގައި އަޅުގަނޑުމެންވާނީ ހަ މީހަކު ހައްޔަރުކޮށްފައި. ރޭ ފަތިހުވެސް ހަމަނުޖެހުން ހިންގުމަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް އަލިފާން ރޯކޮށްލާފައި ވަނީ. މި މައްސަލައިގެ ތަހުގީގަށް ދެ މީހަކު ވަނީ ހައްޔަރުކުރެވިފައި." ޝިފާން ވިދާޅުވިއެވެ.

މާދަމާ ބާއްވަން ހަމަޖެހިފައިވާ އެއްވުމުގައި ހަމަނުޖެހުން ހިންގުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް މީގެ ކުރިންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް