ސަމާލުވޭ: ބީއެމްއެލް އެކައުންޓް ވެރިފައިކުރަން އީމެއިލް މެދުވެރިކޮށް ނާހާނެ!

ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ބޭންކިން ޚިދުމަތް ހޯދުމަށް އަބަދުވެސް އެ ބޭންކުގެ އޮފިޝަލް ވެބްސައިޓް ބޭނުންކުރަން އެ ބޭންކުން އިލްތިމާސްކުރޭ --

އިންޓަނެޓްގެ ޒަރީއާއިން، ފައިސާއާ އެހެނިހެން މުއާމަލާތްތަކުގައި ވެސް، މީހުންނަށް ކެހިދީ، އޮޅުވާލާކަމުގެ ޝަކުވާތައް އަނެއްކާވެސް ގިނަވެއްޖެއެވެ. ކަމާގުޅޭ މުއައްސަސާތަކުން ދަނީ އާންމުން މިފަދަ ކަންކަމަށް، މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވުމަށް ބާރުއަޅަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ ފަރާތުން ވެސް، މިފަދަ ޝަކުވާތަކެއް ހުށަހަޅަމުންދާކަން އެ ބޭންކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އިންޓަނެޓް ބޭންކިންގެ ޚިދުމަތް ހޯދާ ފަރާތްތަކަށް، އެ ފަރާތްތަކުގެ އެކައުންޓް ވެރިފައިކުރުމަށް ކަމަށް ބުނެ، "ލޮގިން ޑީޓެއިލްސް" ހިއްސާކުރުމަށް އެދި މެއިލް ފޮނުވާކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ބޭންކުން ބުނީ، އެ ބޭންކުން އެފަދަ މައުލޫމާތު ހިއްސާކުރުމަށް، އީމެއިލްގެ ޒަރީއާއިން ނޭދޭނެ ކަމަށެވެ.

"ކަސްޓަމަރުންނަށް ދަންނަވާލަން އޮތީ، މިފަދަ ފިޝިން އީމެއިލްތަކާ މެދު ވަރަށް ބޮޑަށް ސަމާލުވާށޭ. ބީއެމްއެލްއިން އެއްވެސް ކަސްޓަމަރެއްގެ ކްރެޑެންޝަލްސް ހޯދަން އީމެއިލްގެ ޒަރީއާއަކުން ނޭދޭނެ،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު، ރާއްޖޭގައި ވެސް މިހާރު ދަނީ، ކަރަންޓު އަދި ފެން ބިލް ދެއްކުމާއި، މޯބައިލް ފޯނު ރިޗާޖްކުރުން ފަދަ ޚިދުމަތްތައްވެސް، އިންޓަނެޓް ބޭނުންކޮށްގެން ހޯދަމުންނެވެ. އެހެން ނަމަވެސް އަބަދުވެސް ހަނދާންކުރަންވީ ކަމަކީ، މިފަދަ ކޮންމެ ޚިދުމަތަކާއެކު އޭގެ ނާޖާއިޒު ފައިދާ ހޯދާނޭ ބަޔަކުވެސް އުޅޭނޭ ކަމެވެ.

ސައީދު ވިދާޅުވީ، ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ޚިދުމަތެއް ހޯދާކަމަށް ވާނަމަ، އަބަދުވެސް އެ ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

"އަބަދުވެސް އަޅުގަނޑުމެންގެ އޮފިޝަލް ވެބްސައިޓް، https://www.bankofmaldives.com.mv ބޭނުންކުރުމަށް އިލްތިމާސްކުރަން،" ސައީދު ވިދާޅުވިއެވެ.

ގައުމީ ބޭންކުން މީގެ ކުރީންވެސް ވަނީ، ބޭންކުގެ ކަސްޓަމަރުންނަށް އޮޅުވާލުމަށްޓަކައި މިފަދަ ތަފާތު އަމަލުތައް އިންޓަނެޓް މެދުވެރިކޮށް ހިންގަމުން ދާކަމަށާއި އެފަދަ ކަންކަމަށް ކަސްޓަމަރުން އަބަދުވެސް ސަމާލުވެތިބުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް