އަންހެން ކުދިންގެ ހިތްތައް ކަތިލި ޓަފާޓަފޯއާ، ވިންޓާ އޮލިމްޕިކްސްއަށް ދިޔައީ އެކަނި!

ޓޮންގާގެ ދިދައާއެކު ޓަފާޓަފޯއާ--- ފޮޓޯ/ އޭޕީ

ދެހާސް ސޯޅަވަނަ އަހަރު ބްރެޒިލްގައި ބޭއްވި ރިއޯ އޮލިމްޕިކްސްގައި ގިނަ ބައެއްގެ ލޯތައް އަމާޒުވީ ޓޮންގާގެ ދިދަ ހިފައިގެން މާޗުކުރި ޒުވާނާއަށެވެ.

ޓޮންގާއަކީ އޯޝެނިއާއަށް ނިސްބަތްވާ ޖަޒީރާ ގައުމެކެވެ. 160 ވަރަކަށް ރަށް އެކުލެވޭ ރީތި ޖަޒީރާ ރަށްތަކުގައި މީހުން ދިރިއުޅެނީ އެންމެ 35 ރަށެއްގައެވެ. އެ ގައުމުގެ އާބާދީއަކީ ގާތް ގަނޑަކަށް ލައްކައެކެވެ.

ޓަފާޓަފޯއާ މީޑިއާއާ ވާހަކަ ދައްކަނީ --- ފޮޓޯ/ އޭޕީ

ބްރެޒިލްގައި ބޭއްވި ފިނި މޫސުމުގެ އޮލިމްޕިކްސްގައި ޓޮންގާގެ ހަތް އެތުލީޓުން ބައިވެރިވެފައިވާއިރު، އެންމެންގެ ލޯތަށް އަމާޒުވީ ޓޮންގާގެ ޓައިކުވޮންޑޯ އެތުލީޓް ޕީޓާ ޓަފާޓަފޯއާ އަށެވެ. ރީތި ހަށިގަނޑެއްގެ ޓަފާޓަފޯއާ މަޝްހޫރުވީ 'އެންމެ ހޮޓް' އޮލިމްޕިކް ފްލެގް ބެރާގެ ގޮތުގައެވެ. ޓޮންގޯގެ ސަގާފަތް ދައްކުވައިދޭ ސްކާޓަކާއެކު ހުރި ޓަފާޓަފޯއާގެ ހަށިގނޑުގައި ތެޔޮ ލައިފައި ހުރި ހުރުމުން 'ސިކްސް ޕެކްސް' ރީކޮށް ދައްކާލައެވެ. އެހިސާބުންވެސް އޭނާގެ ނަން މުޅި މީސް މީޑިއާއަށް 'ވައިރަލް' ވިއެވެ.

އުމުރުން 34 އަހަރުގެ ޓަފާޓަފޯއާގެ ބައްޕައަކީ ޓޮންގާގެ ރައްޔިތެކެވެ. އޭނާގެ މަންމައަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހެކެވެ. ޓޮންގާގައި ދިރިއުޅެ ބޮޑުވި ނަމަވެސް އޭނާ މިހާރު ދިރިއުޅެމުންދަނީ އޮސްޓްރޭލިއާގައެވެ. އެހެން ނަމަވެސް އޭނާގެ ހިތް އޮތީ ޓޮންގާގައެވެ. ތަމްސީލު ކުރަނީވެސް ޓޮންގާއެވެ.

ދެކުނު ކޮރެޔާގައި މިހާރު ކުރިއަށްދާ ފިނި މޫސުމުގެ އޮލިމްޕިކްސް ގައިވެސް ޓަފާޓަފޯއާމިވަނީ އަނެއްކާވެސް ނޫސް ތަކުގެ ހެޑްލައިން އަތުލައިގެންފައެވެ. ޓޮންގާގެ ލައްކައެއްހާ ރައްޔިތުން ތަމްސީލު ކުރުމަށް ދެކުނު ކޮރެއާއަށް ދިޔައީ އޭނާ އެކަންޏެވެ. އޮލިމްޕިކާ ހަމައަށް އޭނާ ދިޔަ ވާހަކައަކީ އެތައް ބަޔަކަށް ހިތްވަރެކެވެ.

ޓަފާޓަފޯއާ ވެފައިވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފްލެގް ބެރާއަކަށް --- ފޮޓޯ/ އޭޕީ

އާއްމުކޮށް ގައުމުތަކުން ހޫނު މޫސުމުގެ އޮލިމްޕިކްސްއަށް ގެންދާ ޓީމު، ފިނި މޫސުމުގެ އޮލިމްޕިކްސްއަށް ނުދާނެއެވެ. ސަބަބަކީ ދެ އޮލިމްޕިކްސްއަކީވެސް މުޅިން ތަފާތު ކުޅިވަރުތަކެއް ހިމެނޭ އޮލިމްޕިކްސްއަކަށް ވާތީއެވެ. ކަން މިހެން އޮތް ނަމަވެސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓަފާޓަފޯއާ ފެނުމުން މުޅި މީސްމީޑިއާ އަނެއްކާވެސް އޭނާއަށް ތައުރީފް ބަންޑުންކޮށްލިއެވެ.

ހޫނު މޫސުމުގެ އޮލިމްޕިކްސް އެކޭ އެއްފަދައިން ޓަފާޓަފޯއާ ހުރީ އޭނާގެ ރަސްމީ ހެދުމުގައެވެ. ދެކުނު ކޮރެޔާގެ ފިނި ހޫނުމިން 'މައިނަސް'ގައި ހުރިނަމަވެސް އޭނާހުރީ ހޫނު މޫސުމުގެ އޮލިމްޕިކްސްގެ 'ކޮސްޓިއުމް' ގައެވެ. ދެން އޮތް ސުވާލަކީ ހޫނު މޫސުމުގެ އޮލިމްޕިކްގައި ޓައިކްވޮންޑޯގައި ބައިވެރިވި އެތުލީޓަކު ސްކީއިންގައި ބައިވެރިވީ ކިހިނެއްތޯއެވެ؟

މީގެ 12 ހަފްތާ ކުރިން ސްނޯއަކީ ޓޮންގާގެ ޓަފާޓަފޯއާއަށް މުޅިން އައު އެއްޗެކެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކު ފަތިހު 4:00 އިން ފެށިގެން ފަރިތަކުރުންތައް ފަށާއިރު، ޓަފާޓަފޯއާ ބުނެފައިވަނީ އެއީ އޭނާގެ ހަޔާތުގައި ކުރި އެންމެ އުނދަގޫ ތަޖުރިބާ ކަމަށެވެ.

ޓަފާޓަފޯއާ މިފަހަރުގެ ވިންޓާ އޮލިމްޕިކްސްގައި ވާދަކުރާނީ ސްކީއިންގައި --- ފޮޓޯ/ އޭޕީ

ޓަފާޓަފޯއާ ބުނީ މިފަހަރުގެ އޮލިމްޕިކްސްގައި އޭނާ ދައްކާނީ ދިރިއުޅުމަށް މިސާލެއް ކަމަށެވެ. ކޮންމެ ދުވަހަކު ފިނީގައި އޭނާ ކުރި ތަޖުރިބާއިން އެނގުނީ ހުއްޓާލުމަށް ހިތް ބުނި ނަމަވެސް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ.

ސްކީއިން އިހުތިޔާރުކުރީ ކީއްވެތޯ އޭނާއާ ސުވާލުކުރުމުން ދީފައިވާ ޖަވާބަކީ އެއީ ވިންޓާ އޮލިމްޕިކްސްގެ އެންމެ އުނދަގޫ ކުޅިވަރު ކަމަށެވެ. އަދި އެކަން ޗެލެންޖަކަށް ނަގައި ދުވާލާ ރޭގަނޑު ކުރި މަސައްކަތުގެ އެހީގައި އޭނާ ކޮލިފައިވިގޮތަކީ އަޖައިބެއް ކަމަށްވެސް ޓަފާޓަފޯއާ ބުންޏެވެ. ޓަފާޓަފޯއާ އޮލިމްޕިކަށް ކޮލިފައިވި މައިގަނޑު މަގުސަދަކީ އޭނާ ނިސްބަތްވާ ޓޮންގާފަދަ ކުދި ގައުމުތަކުގެ ދިރިއުޅޭ މީހުންނަށްވެސް އުންމީދެއް ގެނައުމެވެ. ބާކީ ވުމަކީ 'އޮޕްޝަނެއް' ނޫން ކަން ދައްކައި ދިނުމެވެ.

"އަހަރެން ބޭނުމެއް ނުވޭ މެޑަލްއެއް. ފުރަތަމަ ބޭނުންވީ ކޮލިފައިވާން. އެކަން ވެއްޖެ. އަހަންނަކީ ފުރިހަމަ މީހެއް ނޫން. ފުރިހަމަ މީހެއް ނޫންވީމަ ފެއިލްވާތަންވެސް އަހަރެން ދައްކާނަން. އެކަމަކު އަހަރެން ބޭނުންވަނީ ރޭސް ނިންމަން. އެންމެން ނިންމާލާފައި ދިޔައަސް އަހަރެން ރޭސް ނިންމީމަ އަހަރެންގެ ކޮއްކޮ އިންނާނެކަން އެނގޭ. އެހެން މީހަކު ނެތަސް އޭނަ އިންނާނެ އަހަންނަށް ތައުރީފް ކުރަން. ލައިޓްތައް ނިއްވާލުމުގެ ކުރިން ރޭސް ނިންމާނަން،" ޓަފާޓަފޯއާ ބުންޏެވެ.

ޓަފާޓަފޯއާ އަކީ ޓޮންގާއިން ވިންޓާ އޮލިމްޕިކްސްއަށް ދިޔަ ހަމައެކަނި އެތުލީޓް --- ފޮޓޯ/ އޭޕީ

ވޭތުވެދިޔަ ދެ އޮލިމްޕިކްސްގައިވެސް އެތަކެއް ބައެއްގެ ހިތް ދަމައިގަތް ޓަފާޓަފޯއާގެ މުސްތަގުބަލަކީ ކޮބާތޯ އަހާލުމުން އޭނާ ބުނީ އަބަދުވެސް ނަގަނީ ކުދި ކުދި ޗެލެންޖު ކަމަށާއި، ހޮލީވުޑްގެ ފިލްމަކުންވެސް ފެނުން ގާތް ކަމަށެވެ.

comment ކޮމެންޓް