އިންޑިއާގެ ޒުވާން ޓީމެއް ބަޔާން މިއުނިކަށް!

ބަޔާން މިއުނިކަށް ދާން އިންޑިއާއިން ހޮވުނު ބެންގަލޫރުގެ އާމީ ޕަބްލިކް ސްކޫލް --- ފޮޓޯ/ ބަޔާން މިއުނިކް

އިންޑިއާގައި ކުރިއަށް ގެންދާ އެފްސީ ބަޔާން މިއުނިކް ޓްރޮފީ ކަޕަކީ އިންޓަ ސްކޫލް މުބާރާތެކެވެ. 16 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށް ކުރިއަށް ގެންދާ މުބާރާތުގައި 200 ޓީމު ބައިވެރިވެފައިވާއިރު، ކޮންމެ ޓީމެއްވެސް ރަމްޒުކޮށްދިނީ ސްކޫލެކެވެ.

އެ މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. 200 ޓީމުގެ ތެރެއިން ފުރޭނިގެންދިޔަ 12 ޓީމު ފައިނަލް ބުރުގައި ކުޅެފައިވާއިރު، ޗެމްޕިއަންކަން ހޯދައި، ޖަރުމަނުގެ ވަރުގަދަ ކްލަބު ބަޔާން މިއުނިކަށް ދިޔުމުގެ ފުރުސަތު ހޯދީ ބެންގަލޫރުގެ އާމީ ޕަބްލިކް ސްކޫލެވެ.

ބަޔާން މިއުނިކުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހިންގާ ޑެވަލޮޕްމަންޓް ޕްރޮގްރާމްތަކުގެ ދަށުން ކުރިއަށްދާ ބަޔާން މިއުނިކް ޓްރޮފީ ކަޕް އިންޑިއާގެ އިތުރުން ޗައިނާ، ތައިލެންޑް، ނައިޖީރިއާ އަދި އެމެރިކާއާއި ޖަރުމަނުގައިވެސް ކުރިއަށް ގެންދެއެވެ.

ކޮންމެ ގައުމެއްގެ ޗެމްޕިއަން ޓީމުތައް ވާދަކުރާ ވޯލްޑް ފައިނަލްސް ކުޅޭނީ ބަޔާންގެ ތާރީހީ ސްޓޭޑިއަމް އެލިއަންޒް އެރީނާގައެވެ. އެ މުބާރާތް އޮންނާނީ އަން މޭ މަހުއެވެ.

އިންޑިއާގައި މިދިޔަ ހަފްތާ ތެރޭގައި ނިމުނު ބަޔާން މިއުނިކް ކަޕްގެ ފައިނަލް ޝަރަފުވެރިކޮށްދިނީ ބަޔާންގެ ލެޖެންޑު ބިޒެންޓޭ ލިޒަރޫޒޫއެވެ. ބަޔާން މިއުނިކާއެކު ގިނަ ޓްރޮފީތަކެއް ހޯދާފައިވާ ލިޒަރޫޒޫއަކީ 1998 ވަނަ އަހަރު ވޯލްޑް ކަޕު ހޯދި ފްރާންސް ޓީމުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ. 2000 ވަނަ އަހަރު އެގައުމުގެ ގައުމީ ޓީމާއެކު ޔޫރޯވެސް ހޯދި ލިޒަރޫޒޫއަކީ މިހާރު ބަޔާން މިއުނިކްގެ އެމްބެސެޑަރެކެވެ.

އިންޑިއާގައި ހުރެ އެގައުމުގެ އެންމެ ބޮޑު ނޫސް ކަމަށްވާ 'ގޯލް އިންޑިއާ'އަށް ލިޒަރޫޒޫ ދިން އިންޓަވިއުގައި އޭނާ ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަޔާންއިން ބާއްވާ ޔޫތު ކަޕަކީ ވަރަށް މުހިއްމު މުބާރާތެއް ކަމަށެވެ.

"އިންޑިއާ ފަދަ ގައުމެއްގެ ކުޅުންތެރިންނަށްވެސް މިއީ ލިބޭނެ ވަރަށް ބޮޑު ތަޖުރިބާތަކެއް. ބަޔާން މިއުނިކްގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ ސަބެނާ ސްޓްރަސޭ ޓްރެއިނިން ގްރައުންޑުގައި ފަސް ދުވަހު ފަރިތަކޮށްލަން ފުރުސަތު ލިބޭނެ ކޮންމެ ޓީމަކަށްވެސް، ބަޔާންގެ ތަރިންނާއެކު ފަރިތަކުރުންތައް ކުރިއަށްދާނީވެސް،" ލިޒަރޫޒޫ ބުންޏެވެ.

ލިޒަރޫޒޫ ބުނީ ބަޔާން މިއުނިކްގެ އެލިއަންޒް އެރީނާއަކީ ޖަރުމަނުގައި ދިރި އުޅޭ މީހުނަށްވެސް ކުޅެލަން ލިބޭނެ ދަނޑެއް ނޫން ކަމަށާއި، އެ ދަނޑުގައި ކުޅެލެވުމަކީ ލިބޭނެ ބޮޑު ޝަރަފެއް ކަމަށެވެ.

މެއި މަހު އޮންނަ މުބާރާތަކީ އިންޑިއާގެ ކުޅުންތެރިންނަށް ފެންވަރު ދައްކާލަން ލިބޭނެ ފުރުސަތެއް ކަމަށާއި، ބަޔާން މިއުނިކަށް ކުޅޭ ފެންވަރު ހުރި ނަމަ ކޮންމެ ކުޅުންތެރިއަކަށްވެސް ވަގުތުން އެކަޑެމީއާ ގުޅުމުގެ ފުރުސަތު ބަޔާން ޔޫތު ކަޕުން ފަހިވާނެ ކަމަށް ލިޒަރޫޒޫ ބުންޏެވެ.

comment ކޮމެންޓް