ފްލޮރިޑާ ސްކޫލުގައި ހަމަލާ ދިން މީހާގެ ސޯޝަލް މީޑިއާއިން "ކަންބޮޑުވުން އުފެދޭ ފަދަ" ޕޯސްޓުތަކެއް

ފްލޮރިޑާގެ ސްކޫލެއްގައި ބަޑީގެ ހަމަލާ ދިނުމާ ގުޅިގެން ސްކޫލު ކުދިންނާއި މުވައްޒަފުންގެ އާއިލާގެ މެމްބަރުން ސްކޫލް ކައިރީގައި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ފެބްރުއަރީ 15): އެމެރިކާގެ ފްލޮރިޑާގެ ހައި ސްކޫލެއްގައި އިއްޔެ ބަޑިން ހަމަލާދީ 17 މީހަކު މަރާލި ނިކޮލަސް ކްރޫޒް ވަނީ "ކަންބޮޑުވުން އުފެދޭ ފަދަ" ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ނަވާރަ އަހަރުގެ ކްރޫޒް ބަޑިން ހަމަލާ ދިނީ މީގެ ކުރިން އޭނާ ކިޔެވި މާޖޮރީ ސްޓޯންމޭން ޑަގްލަސް ހައި ސްކޫލަށެވެ. މިދިޔަ އަހަރު އޭނާ އެސްކޫލުން ކަނޑާލީ އަހުލާގީ ސަބަބުތަކާ ހެދި ކަމަށް ފްލޮރިޑާގެ ފުލުހުން ބުންޏެވެ.

އެހާދިސާ ހިނގި ބްރައުވާޑް ކައުންޓީގެ ޝެރިފް، ސްކޮޓް އިސްރައިލް ވިދާޅުވި ގޮތުގައި ކްރޫޒް ހައްޔަރު ކުރި ފަހުން ފުލުހުން ވަނީ އޭނާގެ އޮންލައިން ހަރަކާތްތައް ތަހުގީގު ކުރަން ފަށައިފައެވެ. އަދި މިހާތަނަށް ފުލުހުންނަށް ވަނީ ކަންބޮޑުވާން ޖެހޭ ފަދަ ޕޯސްޓުތައް ފެނިފައި ކަމަށް އިސްރައިލް ވިދާޅުވި އެވެ.

އެގޮތުން ކްރޫޒް ވަނީ އޭނާ ޖަނަވާރަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ފޮޓޯތަކާއި ބަޑި އާއި ވަޅި ހިފައިގެން ހުންނަ ފޮޓޯތައް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައި ކަމަށް މާޖޮރީ ސްކޫލުގެ ދަރިވަރަކު ބުންޏެވެ. އަދި ކްރޫޒް ދިޔައީ ޕެލެޓް ގަން ބޭނުންކޮށްގެން އަމާޒަށް ބަޑި ޖަހަން ފަރިތަ ކުރަމުން ކަމަށް ވެސް އެދަރިވަރު ބުންޏެވެ.

ނިކޮލަސް ކްރޫޒްގެ އިންސަގްރާމް ޕޯސްޓެއްގައި ބަޑިއެއް ހިފައިގެން. އެނާ ވަނި ވަޅި އާއި ބަޑި ހިފައިގެން ހުންނަ ފޮޓޯތައް ޕޯސްޓުކޮށްފައި -- ފޮޓޯ: އިންސްޓަގްރާމް

މީގެ އިތުރުން އާރުޓީ ނޫހުގައިވާ ގޮތުން، ޔޫޓިއުބުގައި 'ނިކޮލަސް ކްރޫޒް' ކިޔާ ޔޫޒާއަކު ވަނީ ބަޑީގެ ހަމަލާއަކާ ބެހޭ ޑޮކިއުމެންޓްރީއެއްގައި ކޮމެންޓުކޮށްފައެވެ. އެކޮމެންޓުގައި ވަނީ އޭނާވެސް އެފަދަ ހަމަލާއެއް ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މީގެ ނުވަ މަސް ކުރިން ކޮށްފައިވާ އެކޮމެންޓު މިހާރު ވަނީ ޑިލިޓްކޮށްފައެވެ.

އެހަމަލާއިން ސަލާމަތްވި އެ ސްކޫލުގެ އެހެން ބައެއް ކުދިން ވަނީ ކްރޫޒް ގިނަ އަދަދެއްގެ ބަޑި ގެންގުޅުނު ކަމަށާއި އިއްޔެ ދިން ހަމަލާއަކީ ގިނަ ދުވަސްތަކެއް ވަންދެން ރާވައިގެން ދިން ހަމަލާއެއް ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައެވެ. އަދި ކްރޫޒް ސްކޫލުން ކަނޑާލީ އޭނާގެ ކުރީގެ ލޯބިވެރިޔާއާ ގުޅުން ހުރި މައްސަލައެއްގެ ސަބަބުން ކަމަށްވެސް އެކުދިން ބުންޏެވެ.

ބަޑީގެ ހަމަލާއަކާ ބެހޭ ޔޫޓިއުބް ޑޮކިއުމެންޓްރީއެއްގައި 'ނިކޮލަސް ކްރޫޒް' ކިޔާ މީހަކު ކޮމެންޓުކޮށްފައި. އޭނާވެސް އެފަދަ ހަމަލާއެއް ދޭނެ ކަމަށް ކޮމެންޓުގައިވޭ -- ފޮޓޯ: ޔޫޓިއުބް

ޝެރިފް އިސްރައިލް ވިދާޅުވި ގޮތުގައި ކްރޫޒް އިއްޔެ ފުރަތަމަ ހަމަލާ ދިނީ ސްކޫލުގެ ބޭރުގައި ހުރެ އެވެ. އަދި ތިން މީހަކު މަރާލުމަށް ފަހު އޭނާ ސްކޫލަށް ވަދެ ދިން ހަމަލާތަކުގައި 12 މީހަކު މަރުވި ކަމަށް އިސްރައިލް ވިދާޅުވި އެވެ.

އެހަމަލާއަށް ފަހު ކްރޫޒް ސްކޫލުން ފިލައިގެން ދިޔަ ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އަދި ފްލޮރިޑާގެ ފުލުހުން މިހާރު ދަނީ އެހާދިސާ އިތުރަށް ތަހުގީގުކޮށް، ހަމަލާގައި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. (ބީބީސީ)

comment ކޮމެންޓް