ބޮޑެތި ބަލިތައް ނައްތާލެވެނީ ސަރުކާރުން ދޭ އަހައްމިއްޔަތުގެ ސަބަބުން: މިނިސްޓަރ

ހެލްތް މިނިސްޓަރު ނާޒިމް --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

ފާއިތުވި ކައިރި މާޒީގައި ރާއްޖެއިން ބޮޑެތި ބަލިތައް ނައްތާލެވުނީ ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމަށް ގެނައި މުހިންމު ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ 2015 ވަނަ އަހަރު ރާއްޖެއިން މެލޭރިއާ، 2016 ވަނަ އަހަރު ފައިލޭރިއާ އަދި މިދިޔަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިއަހަރު މަސައްކަތްކުރަމުން ދަނީ މައިންގެ ކިބައިން ދަރިންނަށް ޖެހޭ އެޗްއައިވީ ނައްތާލުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު އިފްތިތާހު ކުރި ޓީބީ ނައްތާލުމުގެ ޕްލޭނަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށާއި ނަމަވެސް މިއީ މުހިންމު އަދި ބޮޑު މަސައްކަތެއް ކަމަށެވެ.

"މިފަދަ ކޮންމެ ބައްޔެއް މުޖުތަމައަކުން ޕަބްލިކް ހެލްތު ތުރެޓަކަށް ނުވާ މިންވަރަށް ނައްތާލެވިފައި އޮތް އޮތުން ޑަބްލިއުއެޗްއޯއިން މިނެކިޔާ މިންގަނޑެއް އޮވޭ. އެކަން ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ހުރޭ. އެންމެ މުހިންމު ކަމަކީ ހެލްތު ސިސްޓަމުގައި ސާވިއަލެންސް ހަރުދަނާކޮށްފައި އޮތް މިންވަރާ، ބަލި ޑައިގްނޯސް ކުރުމަށް ފެސިލިޓީސް ތަރުތީބު ކުރެވިފައި އޮތް މިންވަރާ، އެއްވެސް ޒަމާނެއްގައި މިފަދަ ބައްޔެއްގެ ޝައްކު ކުރެވޭ މީހަކު ފެނިއްޖެނަމަ، އެމީހަކާ މެދު އަމަލު ކުރާނެގޮތް ގާއިމު ކުރެވިފައި ހުރިތޯ އެބޭފުޅުން ބައްލަވާ،"

މިނިސްޓަރު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ގިނަ ބަލިތަކެއް ނައްތާލެވިފައިވާކަމުގެ ވެލިޑިޝަން ލިބުނީ ކުރެވުނު ބޮޑެތި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ފެށުނީއްސުރެ ސިއްހީ ދާއިރާގައި ހިދުމަތްކުރެއްވި ބޭފުޅުންގެ މަސައްކަތް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިން އަށް 170 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރަކު 150 އާއި 200 އާ ދެމެދުގެ އަދަދަކަށް ކޮންމެ އަހަރަކު ވެސް ޓީބީ ޖެހިގެން މީހުން ރިޕޯޓް ކުރެއެވެ.

މި ކެމްޕެއިންގެ ދަށުން ޓީބީ ބަލީގެ މީހުންނަށް ހާއްސަ ސަމާލުކަމެއްދީ ފަރުވާ ދިނުމާއި ބަލި ޖެހުން ގާތް މީހުން ގަވާއިދުން ބައްޔަށް ސްކްރީންކޮށް، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރާނެއެވެ. އަދި ބޭރުން ރާއްޖެއަށް އަންނަ މީހުން ޓިބީއަށް ސްކްރީންކޮށް އެ ބަލި ރާއްޖެއަށް ބޭރުން އައުން ކޮންޓްރޯލް ކުރާނެއެވެ.

މި ޕްލޭންގެ ދަށުން ޓީބީ އިންޑިކޭޓު ރޭޓު 50 ޕަސެންޓަށް ދަށްކޮށް 2022 އަންނަންވާއިރަށް ޓީބީ ބަލީގައި މަރުވާ މީހުންގެ އަދަދު 2017 އާ އަޅާ ބަލާއިރު 75 ޕަސެންޓަށް ދަށްކުރަން މަސައްކަތް ކުރާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓްރީޓޮޕް ހެލްތުގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަނީ ސިއްހީ ދާއިރާގައި ބޭނުންކުރާނެ ތަކެތި ހަދިޔާކޮށްފައެވެ. މިތަކެތި ހަވާލުކޮށްދެއްވީ ޓްރީޓޮޕްގެ ފަރާތުން (ޗަމްޕާ) މުހައްމަދު މޫސާއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ތަކެއްޗާ ހަވާލުވެލެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

comment ކޮމެންޓް