ރާއްޖެ އިން ޓީބީ ނައްތާލުމުގެ ގައުމީ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި

ރާއްޖެއިން ޓީބީ ނައްތާލުމުގެ ގައުމީ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ޓީބީ ނައްތާލުމުގެ ގައުމީ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

އެ ޕްލޭންގެ ދަށުން ސައުތު އީސްޓް އޭޝިއާ ސަރަހައްދުން ޓީބީ ނައްތާލެވިފައިވާ ފުރަތަމަ ގައުމަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރާނެ އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއަކީ ޓީބީ ނައްތާލެވިފައިވާ ގައުމަކަށް ހެދުމަށް މަސައްކަތް ކުރާނެ އެވެ.

ޓީބީ އަކީ ސީރިއަސް ބައްޔެއްގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރެވިފައި ވަނީ 1960 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ޓީބީ އާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ރާއްޖެއިން ވަނީ ކޮށްފަ އެވެ.

މިއަދު ތައާރަފް ކުރި ޕްލޭނުގެ ދަށުން ޓީބީ ނައްތާލުމަށް 170 މިލިއަން ރުފިޔާ (11 މިލިއަން ޑޮލަރު) ހަރަދު ކުރާނެ އެވެ. މި ޕްލޭންގެ ދަށުން ޓީބީ އިންޑިކޭޓް ރޭޓް 50 ޕަސެންޓަށް ދަށްކޮށް 2022 އަންނަންވާއިރަށް ޓީބީ ބަލީގައި މަރުވާ މީހުންގެ އަދަދު 2017 އާ އަޅާ ބަލާއިރު 75 ޕަސެންޓަށް ދަށްކުރަން މަސައްކަތް ކުރާނެ އެވެ.

ރާއްޖެއިން ޓީބީ ނައްތާލުމުގެ ގައުމީ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދު މާތުރު ވިދާޅުވީ ރާއްޖެއަކީ ސައުތު އީސްޓް އޭޝިއާ އިން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތުގެ ދަށުން ގައުމީ ޕްލޭނެއް އެކުލަވާލި ފުރަތަމަ ގައުމު ކަމަށެވެ. ސައުތު އޭޝިއާ ރީޖަން އަކީ ޓީބީ ބަލިމީހުން އެންމެ ގިނަ ސަރަހައްދު ކަމަށާއި އެބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް އަހަރަކު އެތައް މިލިއަން ޑޮލަރެއް ސަރުކާރު ތަކުން ހަރަދު ކުރާކަމަށް ޑރ. އަރްވިންދު ވިދާޅުވި އެވެ.

"ފާއިތުވި ސޯޅަ އަހަރު ތެރޭ ޓީބީ އާ ދެކޮޅަށް ކުރި މަސައްކަތުން 53 މިލިއަން މީހުންގެ ފުރާނަ ވަނީ ސަލާމަތް ކުރެވިފައި. އެއީ މިނެޓަކަށް ހަ ފުރާނަ،" ޑރ. އަރްވިންދު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ޓީބީގެ 200 ނޫނީ 150 ކޭސް ފެންނަ ކަމަށެވެ. ޓީބީއާ ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރު ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށް ވެސް ޑރ. އަރްވިންދު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. އަރްވިންދު ވިދާޅުވީ ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތުގައި ޑަބްލިއުއެސްޗޯ އިން އަބަދު ވެސް އެހީވާނެ ކަމަށެވެ. ފާއިތުވި އަހަރު ތަކުގެތެރޭގައި ރާއްޖެއިން ފައިލޭރިއާ، މެލޭރިއާ އަދި ހިމަބިހި ނައްތާލެވިފައިވާކަން ފާހަގަ ކުރައްވާ ޑރ. އަރްވިންދު ވިދާޅުވީ ޓީބީ ނައްތާލަން ކުރާ މަސައްކަތް ވެސް ކާމިޔާބު ވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ޓީބީ އަށް އާސަންދަ އިން ފަރުވާކުރެވޭ އިރު ޓީބީ ނައްތާލުމަށް އިންވެސްޓްކުރާ ކޮންމެ ޑޮލަރެއްގެ ރިޓާންއަށް 43 ޑޮލަރު ލިބޭނެ ކަމަށް ވެސް ޑރ. އަރްވިންދު ވިދާޅުވި އެވެ.

ރާއްޖެއަކީ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޓީބީ ކޮންޓްރޯލު ކުރުމުގެ ބައިނަލްއަގުވާމީ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާ ފުރަތަމަ ގައުމެވެ.

comment ކޮމެންޓް