Sun Online
19 ޑިސެމްބަރ 2017: ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރި ނަމާދު: -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް
19 ޑިސެމްބަރ 2017: ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރި ނަމާދު: -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް

އިސްލާމްދީން އަޅުގަނޑުގެ ހިތުގައި ބިންވަޅު ނެގުނީއެވެ.

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

އަސްލުލިޔުއްވީ: ޢުބައިދުﷲ ޤާދިރީ

ދިވެހިބަހަށް ތަރުޖަމާކުރީ: އަބްދުﷲ ފާރޫޤު ޙަސަން

މަންމަ އާއި ބައްޕަ އަޅުގަނޑަށް ދެއްވައިފައިވާ ނަމަކީ އޭން ސްޕޯލްޑިންގ އެވެ. ނަމަވެސް މިހާރު އަޅުގަނޑަށް ކިޔާނަމަކީ ޢާއިޝާއެވެ. އަޅުގަނޑު ދުނިޔޭގެ އަލިކަންދުށީ ދެކުނު ވަރޖީނިޔާގެ ކްރިސްޓިއަން ގެއެއްގައެވެ. އުޅެބޮޑުވީވެސް އެގޭގައެވެ. އަޅުގަނޑުގެ ބައްޕަޔަކީ ޔަހޫދީއެކެވެ. އަޅުގަނޑު އިސްލާމްވިފަހުން ބައްޕަ އަޅުގަނޑަކާ ވާހަކައެއް ނުދައްކަވައެވެ. ޙަޤީޤަތުގައި އޭގެކުރީންވެސް ބައްޕަ އަޅުގަނޑާ ވާހަކަދައްކަވައިފައިވަނީ ވަރަށްމަދު ފަހަރަކުއެވެ. އަޅުގަނޑުގެ އުމުރުން އެއްއަހަރުގައި ބައްޕަ އަޅުގަނޑުގެ މަންމަ ވަރިކުރައްވައިފިއެވެ. އަޅުގަނޑުގެ ދައްތަމެން ވިދާޅުވާ ގޮތުގައި އަޅުގަނޑުގެ މަންމަ ހަތަރުވަނަ ފަހަރަށްވެސް އަންހެން ކުއްޖަކު (އަޅުގަނޑު) ވިހެއުމުން ބައްޕަ އެކަމާ ކޯފާވީއެވެ. ބައްޕަބޭނުންފުޅުވަނީ ފިރިހެންކުއްޖެކެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ބައްޕަޔަކީ ބައްޕަގެ ޒިންމާ ޤަބޫލުކުރައްވާ ބޭފުޅެއްނޫނެވެ. އެހެންކަމުން މަންމަ ވަރިކުރެއްވީއެވެ. އަޅުގަނޑުމެން ހަތަރުބީނުން ޔަތީމުކޮށްލެއްވީއެވެ. ބައްޕަ އަޅުގަނޑުމެންނަކާ އަޅުއްވައެއް ނުލައްވައެވެ. އަޅުގަނޑުމެން ބައްލަވައި ބޮޑުކުރެއްވީ މަންމައެވެ. އެހެންކަމުން އަޅުގަނޑުމެން ބޮޑުވީ ވަރަށް ފަޤީރު ޙާލުގައެވެ.

އަޅުގަނޑުގެ ބައްޕަ އަވަހާރަވީ ޔަހޫދީއެއްގެ ގޮތުގައެވެ. 2003 ވަނަ އަހަރުއެވެ. އަޅުގަނޑުގެ މަންމަ ކަލަކު ވޮޑިގެންވާކަން ޤަބޫލުކުރައްވައެވެ. ނަމަވެސް މަންމައަކީ ސައިންޓިސްޓަކަށް ވާތީ ގެންގުޅުއްވަނީ ވަރަށްއޮޅުންބޮޅުންބޮޑު ތަޞައްވުރެކެވެ. އެކަމަކު ޚައިރާތު ކުރުމާއި، މީހުންނަށް އެހީފޯރުވައި މަދަދުކޮށް އުޅުމަކީ މަންމަ ޤަބޫލުކުރައްވާ ގޮތުގައިވެސް ރަނގަޅުކަންކަމެވެ. އަޅުގަނޑުގެ މައިފުށުގެ އާއިލާއަކީ ވަރަށް ވަރުގަދައަށް ދީނުގައި ހިފަހައްޓަވާ ކްރިސްޓިއަން އާއިލާއެކެވެ. އެއާއިލާއިން ކަލާނގެ ރަސްކަންފުޅަށް ބިރުވެތިވެވަޑައިގަންނަވައެވެ. އަދި ކިޔަމަންތެރިކަން އަދާކުރައްވައެވެ. ދީނީކަންތައްތަކަށް ސަމާލުކަންދެއްވައެވެ. އަޅުގަނޑު އުޅެބޮޑުވި އަވަށުގެ އެކަކުވެސް މުސްލިމުންނަކީ ކޮންބައެއްކަމެއް ނުދަނެއެވެ. އިސްލާމްދީނުގެ ޚަބަރެއްވެސް ނާހައެވެ. އެހިސާބުގަނޑުގެ މަގެއްމަތީންވެސް ބުރުގާއަޅައިގެންހުރި އަންހެނަކު ނުފެނެއެވެ.

އަޅުގަނޑުގެ އުމުރުން އެންމެ ފަސްއަހަރުވީއިރު އަޅުގަނޑުގެ ހިތުގައިވަނީ ބާންސަރީ އާއި އަލްޣޫޒާ ކުޅުމުގެ ޝައުޤު އުފެދިފައެވެ. އުމުރުން ބާރައަހަރު ވީއިރު އަޅުގަނޑަކީ ކުޅަދާނަ އަލްޣޫޒާ ކުޅުންތެރިޔަކީމެވެ. މިޔުޒިކުގެ ވަރަށްގިނަ އާލަތްތައް ކުޅެން ދަސްކޮށްފީމެވެ. މިޔުޒިކު ގުރޫޕުތަކުގައި މަސައްކަތް ކޮށްގެން ރަނގަޅު އަދަދަކަށް ފައިސާ ހޯދަމެވެ. އާއިލާގެ މެމްބަރުންނަކަށް އަޅުގަނޑާއެކު ހޭދަކުރައްވާނެވަގުތެއް ލިބިވަޑައެއްނުގަންނަވައެވެ. އަޅުގަނޑު ހުންނަނީ މާމަ ގެއަށް އެއްލައިލައްވައިފައެވެ. އަޅުގަނޑުގެ މާފައަކަށް ހިންގަވައެއް ނުއުޅުއްވެއެވެ. އެނދުގައި އޮންނަވަނީއެވެ. މާމަޔަށްވެސް އަޅުގަނޑުކުރެން ކީއްތޯކުރަނީ އައްސަވައިލައްވާނެ ތަންވަޅެއްވެސް ލިބިވަޑައެންނުގަންނަވައެވެ. އެހައިބޮޑަށް މިނިވަންކަންލިބިފައި އޮތްއިރުވެސް ނުބައިއާދަތަކެއް ނުހިފުނުކަމީ އަޅުގަނޑުގެ ހެޔޮ ނަސީބެވެ. އަޅުގަނޑުގެ ހުރިހާވެސް ޝައުޤަކީ ޝެހެނާއީ އާއި އަލްޣޫޒާ އާއި ބާންސަރީ ކުޅުމެވެ. އާދެ މިޔުޒިކެވެ. އަޅުގަނޑުގެ ދިރިއުޅުމަކީ އެއީއެވެ. އަޅުގަނޑުގެ މަސައްކަތަކީވެސް އެއީއެވެ.

އަޅުގަނޑުގެ މަންމައަކީ އިޖުތިމާޢީ ޚިދުމަތްތެރިއެކެވެ. މަންމަވަނީ ޚާއްސައެހީއަށް ބޭނުންވެފައިވާ އެތައްކުދީންނެއްގެ ފުރާނަ ސަލާމަތް ކުރައްވައިފައެވެ. އާއިލާއިން އަޅައިނުލައި ދޫކޮށްލައިފައި ތިބޭ އެފަދަ އެތައްކުދީންނެއް އެކުދީންގެ ގޭގެއިން ހޯއްދަވައިގެން އެކުދީންނަށް ޚާއްސަ ރައްކާތެރި މަރުކަޒުތަކަށް ގެންދަވައިފައެވެ. މަންމަގެ މަސައްކަތްޕުޅާމެދު އަޅުގަނޑުވެސް ފަޚުރުވެރިވަމެވެ. ނަމަވެސް ޚުދު އަޅުގަނޑުގެ މަންމަޔަށް އަޅުގަނޑު ބޭނުންވާއިރު އަޅުގަނޑަށް ދެއްވާނެ ވަގުތެއް މަންމަޔަކަށް ލިބިވަޑައެއް ނުގަންނަވައެވެ. އަޅުގަނޑުގެ ހިތަށްއަރައެވެ. މަންމަ ކިތަންމެ ވަރަކަށް ދުވެވަޑައިގެންނެވި ކަމުގައިވިޔަސް ދުނިޔޭގައި އަޅައިނުލެވިތިބި ޚާއްސައެހީއަށް ބޭނުންވާ ހުރިހައިކުދީން ސަލާމަތްކުރެއްވުމަކީ މަންމައަށް ކުރެއްވޭނެ ކަމެއްނޫނެވެ.

އެހެންވީއިރު މަންމަގެ އަމިއްލަފުޅު ކުދީންނާމެދު ފަރުވާކުޑަކޮށްލެއްވުމާއި އަޅުއްވައިނުލެއްވުމަކީ އަޅުގަނޑަށް ވިސްނައިނުގަނެވުނު ކަމެކެވެ. މަންމަގެ ގެއާއި މާމަގޭގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ހުއްދައިގެ އިތުރަށް ބައްޕަގެ ފަރާތްޕުޅުންވެސް މަންމައާއި މާމަގެ އަރިހުންވެސް އަޅުގަނޑަށް ލިބުނު އެހީތެރިކަމެއްނެތެވެ. އަޅައިލެއްވުމެއް ބެލެހެއްޓެވުމެއް ނެތެވެ. އަޅުގަނޑު ދުނިޔޭގައި ހުންނާތީ ބޮޑުވެ ޒުވާންވަމުން އައީއެވެ. އަޅުގަނޑުގެ ދުނިޔެއަކީ އަޅުގަނޑުގެ މިޔުޒިކާއި މިޔުޒިކުގެ އުސްތާޛުންނެވެ. ލޯބިވާމީހެއް ފޫހިފިލުވައިދޭނެ އެކުވެރިއެއްނެތް ދުނިޔެއެއްދެކެ އަޅުގަނޑުބިރުގަނެއެވެ. އަޅުގަނޑުގެ ދައްތަމެންނަކަށްވެސް އަޅުގަނޑަށް ދެއްވާނެ ވަގުތެއް ލިބިވަޑައެއްނުގަންނަވައެވެ. ދައްތަމެން އުޅުއްވަނީ ދައްތަމެންގެ އަމިއްލަފުޅު މައްސަލަތަކާއިގެންނެވެ. ދައްތަމެންގެ މައްސަލަތައްވެސް ދައްތަމެންނަށް ފުދިފައި އިތުރުވާހައިވެސްގިނައެވެ. މީގެ އިތުރަށް އަޅުގަނޑުގެ ތިންވަނަ ދައްތަ ( އަޅުގަނޑާޖެހިގެން ދޮށްޓަށް ހުންނެވި ދައްތަ) އަޅުގަނޑަށް ލާނެއްދެއްވައެވެ. އަޅުގަނޑުގެ ބައްޕަ މަންމަ ވަރިކުރެއްވީ އަޅުގަނޑާހުރެކަމަށް ވިދާޅުވެފައެވެ. އެކަމަކު އަންހެންކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އުފަންވުމުގައި އަޅުގަނޑުގެ އޮތީ ކޮންކުށެއްތޯއެވެ؟

ކޮންމެއަކަސް އަޅުގަނޑަށް އަންހެން ދަރިއަކު ދެއްވީތީ އަޅުގަނޑު އިސްލާމް ވުމަށްފަހު އަޅުގަނޑު މާތްﷲ އަށް ޝުކުރު ދެންނެވީމެވެ. އެކަލާނގެ އިޙްސާންވަންތަކަމާމެދުގައެވެ. އަޅުގަނޑުގެ ދަރިފުޅު ބަލައިބޮޑުކުރީ އެދަރިފުޅަކީ މާތްﷲ ގެ ރަޙުމަތެއް ކަމުގައި ދެކެގެންނެވެ. އަންހެންކުދީން ދިރިތިއްބައި ވަޅުލައިމެރުމަކީ އިސްލާމްދީން ވަރަށް ވަރުގަދައަށް ނަހީކުރާ ކަމެއްކަން އެނގުނުހިނދު އަޅުގަނޑު ނިހާޔަތަށް އުފާވިއެވެ. އަޅުގަނޑުކަހަލަ ފަސްމަންޒަރެއްގެ މީހަކަށް އެއީ ވަރަށްބޮޑު ނިޢުމަތެކެވެ. އިސްލާމްދީނުގެ މަތިވެރިކަން ވިސްނައިގަތުމުގައި އެކަމުން އަޅުގަނޑަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނެވެ. ޝައްކެއްނެތެވެ. އަންހެންދަރީންނަކީ މާތްﷲ ގެ ރަޙުމަތެކެވެ. އަޅުގަނޑަށް އަންހެންދަރިޔަކު ލިބުމުން އެކަން ވަކިން ބޮޑަށް ޔަޤީން ވިއެވެ.

އަޅުގަނޑުގެ އުމުރުން އަށާރައަހަރު ފުރުމުން އަޅުގަނޑު އެމެރިކާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ބައިވެރި ވެއްޖައީމެވެ. އޭރު އެއްޗެއް އެއްފަހަރު ކިޔައިލާއިރަށް އަޅުގަނޑުގެ ހިތުގައި އެއެއްޗެއް ބިންވަޅު ނެގެއެވެ. އެއްޗެއް އެއްފަހަރު ފެނިލިޔަސް އެފޮޓޯ އަޅުގަނޑުގެ ސިކުނޑީގައި ރައްކާކުރެވެއެވެ. އެކަންވެފައިވަނީ ދުނިޔޭގެ ހެއްލުންތެރިކަމާއި، ކެހިވެރިކަމާއި، އިންސާނުންގެ މަޖުބޫރީ ޙާލަތު ވިސްނައިގަތުމުގައި އަޅުގަނޑަށް ލިބުނު އެހީއަކަށެވެ. އެދުވަސްވަރު އަޅުގަނޑު އެތައްފަހަރަކު އެކަކާ އެކު ކާވެނީގެ ގޮށްޖެހީމެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެގޮށް މޮހެވެނީއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޚުލުޤު ނުބައިކަމެވެ. ހުއްދަނޫން ތަކެތި ބޭނުންކުރުމެވެ. ކެހިވެރިކަމެވެ. އަޅުގަނޑު ބޭނުންވީ ރަނގަޅު ބައިވެރިއެކެވެ. އެކަމަކު އަޅުގަނޑު ބޭނުންވާ "ރަނގަޅު" ގެ މާނައެއް އޭރަކު އަޅުގަނޑަކަށްވެސް ނުވިސްނެއެވެ. އެދުވަސްވަރު ދެއަހަރެއްގެހައި ދުވަހަށް އަޅުގަނޑު ލޮލުގެ ފެނުމުންވެސް މަޙުރޫމު ވިއެވެ. އެދުވަސްވަރަކީ އަޅުގަނޑަށް ވަރަށް ހިތާމަވެރި ދައުރެކެވެ. އެހެންނަމަވެސް މާތްﷲ ގެ އިހްސާންވަންތަކަމުން އެހިތާމަވެރި ދައުރުވެސްވީ އަޅުގަނޑަށް ވަރަށް ބޮޑު ރަޙުމަތަކަށެވެ. ކެތްތެރިވުމުގެ ފިލާވަޅަކަށެވެ. އަޅުގަނޑުގެ ހިތުގައި ރަހްމާއި ހަމްދަރުދީގެ ޖަޒުބާތު އުތުރި އެރިއެވެ. އެހެންމީހުންގެ ވޭނާއި ތުރާ ފެނުމުން އަޅުގަނޑަށް އެކަމާ މާބޮޑަށް އަސަރުކުރާގޮތްވާން ފެށިއެވެ. އަޅުގަނޑުގެ ހިތާމަޔާއި ތުރާތަކަށް ކެތްތެރިވާން އާދަވިއެވެ. މާތްﷲ ގެ ރަހުމަތްވަންތަކަމާއި އޯގާވަންތަކަން އަޅުގަނޑަށް ލިބެމުންދިޔައެވެ. އެހާލަތުގެ ތެރެއިން އަޅުގަނޑު ހޯދީ ހެޔޮކަމެވެ.

ލޯއަނދިރިވުމުގެ ސަބަބުން އެތައްފަހަރަކު އަޅުގަނޑުގެ ތަނބިކައްޓާއި ކަށިމަތި ޒަޚަމުވިއެވެ. އަހަރެއްހައި ދުވަހު ފުރޮޅުލީ ގޮނޑީގައި އިންނާންވެސް ޖެހުނެވެ. މާތްﷲގެ ރަހްމަތްފުޅުން އަޅުގަނޑުގެ ލޮލުގެ ފެނުން އަނބުރާ ލިބިއްޖެއެވެ. ނަމަވެސް އަޅުގަނޑުގެ ލޮލަށް ނުފެނިދިޔަ ދުވަސްވަރު އަޅުގަނޑުގެ ޠަބީޢަތާ އެކުވި ރަހްމާއި ހަމްދަރުދީ އާއި ﷲގެ ހަޞުރަތަށް ރުޖޫޢަވުމުގެ ސިފަ އަޅުގަނޑުގެ ކިބަޔަކުން ފިލައިގެނެއް ނުދެއެވެ. ﷲގެ ރަސްކަންފުޅާމެދު އަޅުގަނޑުގެ ޔަޤީންކަން ވަކީން ވަރުގަދަވިއެވެ. އެކަމަކު ކްރިސްޓިޔަނިޓީ ފިޔަވައި އެހެންދީނެއް އޭރަކު އަޅުގަނޑަކަށް އެނގިފައެއްނެތެވެ.

(ނުނިމޭ)

infinity loading...
×
DB released 01.